24 Aug 2012, 14:55
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ނ. ރަންދެލީގައި ގިނަ އަދަދެއްގެ މުވައްޒިފުން ކާނާ ވިހަވުމާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އިއްޔެ އެރަށުގައި ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފޮޝަލް، އިންސްޕެކެޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ރަންދެލީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ކާނާ ވިހަވި ކަމުގެ މައުލޫމާތު ލިބުނު ދުވަހުން ފެށިގެންވެސް އެކަން ހިނގާދިޔަގޮތް ބަލަމުންދާ ކަމަށާއި އަދި އެކަން ތަހުގީގު ކުރުމަށް ފުލުހުން ފޮރެންސިކް ޓީމެއް އިއްޔެ ރަށެއްގައި ގޮސްފައިވާ ކަމަށެވެ.
ހަނީފް ވިދާޅުވީ ތަހްގީގު ޓީމުން އެރަށް ގޮސް އެމީހުން ކައްކާ އުޅުނު ބަދިގެ ބަލާ ފާސްކުރުމުގެ އިތުރުން އިތުރު ތަހްގީގުތައް ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ފުލުހުން ކުރި ތަހްގީގުން އެނގިފައިވާ ގޮތުގައި ކާނާ ވިހަވެފައިވާ ކަމަށް ބެލެވެނީ ކާން ބޭނުންކުރި މަސް ރައްކާތެރިގޮތުގައި ބޭނުން ނުކުރެވެމުމެވެ.
"މިހާތަނަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ކެއުމަށް ބޭނުން ކޮށްފައިވާ މަސް ކުނިވެފައިވާ ހުއްޓާ ކައްކާގެން ބޭނުން ކުރުން. ދެ ވަނަ ސަބަބެއް ކަމަށް ވެދާނެ ކަމަށް މި ބެލެވެނީ ފްރިޖްގައި މަސް ފިނިކޮށްގެން ބޭނުން ކުރިއިރު އެންމެ ރައްކާތެރި ގޮތުގައި ބޭނުން ނުކުރެވުންވެސް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކާނާ ވިހަވެފައިވާ ގޮތުގެ ތަފްސީލެއް ދަންނަވަން އެނގޭނީ އެ މީހުންގެ ޑޮކްޓަރު ޓެސްޓްތަކަށް ފަހު ކަމަށްވެސް އެނާ ވިދާޅުވި އެވެ.
ކާނާ ވިހަވެގެން މަނަދޫ ހޮސްޕިޓަލަށް މިދިޔަ ބުދަ ދުވަހު 83 ގެންގޮސްފައިވާއިރު އޭގެ ތެރެއިން ބިދޭސީ އަކު ވަނީ ޕެރަލައިޒް ވެފައި އެވެ.