ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޚިދުމަތްތައް ޑިޖިޓަލް ކުރަން ފަށާފައިވާއިރު މިކަމުގެ ސަބަބުން, ޚިދުމަތް ފޯރުކޮށް ދިނުމަށާއި އަދި އަވަހަށް ޚިދުމަތް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މިހާ ޒަމާން ވަންދެން, އެކި ސަރުކާރުތަކުން އެންސްޕާ ހިންގަމުން އައީ އެކަށީގެންވާ ސިސްޓަމެއް ނެތިއެވެ. ގިނަ ކަންކަން މެނުއަލްކޮށް ކުރާ އުސޫލުންނެވެ. އެހެންވެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަމަށް ގިނަ ވަގުތު ނަގައެވެ. އަދި މަދު މުވައްޒަފުންތަކަކާއެކު ކުރަން ޖެހޭ މަސައްކަތް ބުރަވެފައި, ގިނައެވެ.

ކުރިން ބައެއް ޚިދުމަތްތައް ހޯދުމަށް ފޯމުތައް ފުރައިގެން, ގިނަ އަދަދެއްގެ ޑޮކިއުމެންޓްތައް ހިފައިގެން މީހުން ޖެހެނީ އެންސްޕާއަށް ދާށެވެ. ނޫނީ މެއިލް މެދުވެރިކޮށް ފޮނުވާށެވެ. ނުވަތަ އެންސްޕާގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާށެވެ.

އެ ނިޒާމުގެ ތެރެއިން ޚިދުމަތް ދިނުމަށްޓަކައި މުވައްޒަފުން މެނުއަލީ ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. އަދި ޑޮކިއުމެންޓެއް މަދުވެއްޖެނަމަ ގުޅައި ހޯދަން ނަގާ ވަގުތު ގިނަވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންނަށް ބުރަ ބޮޑުވުމުގެ އިތުރުން ޚިދުމަތް ހޯދާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ.

އެކަންކަމަށް ހައްލެއް ގެނައުމަށްޓަކައި އެންސްޕާއިން މިހާރު ވަނީ އެ އެޖެންސީގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން, ފަސް ޚިދުމަތެއް މިހާރު ވަނީ، ވަންގަވްއަށް ބަދަލުކޮށްފައެވެ.

ހީނާ ވިދާޅުވީ، މިހާރު އެންމެ އުނދަގުލީ، ބައިވަރު މައުލޫމާތުތައް އެ އެޖެންސީއަށް ބޭނުންވާއިރު, އެހީ ދިނުމުގެ ކުރިން ޔަގީން ކުރަން ޖެހޭ މުހިންމު މައުލޫމާތުތައް ހޯދުމަށް ކަމަށެވެ. ޑިޖިޓަލް ޚިދުމަތާއެކު މީހުންނަށް ފޯމް ހުށަހެޅޭނީ ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ލިބިއްޖެކަން ސިސްޓަމުން ކަށަވަރު ކުރުމުން ކަމަށް ހީނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޑޮކިއުމެންޓެއް މަދުވާނަމަ ސިސްޓަމްގެ ތެރެއިން ކަސްޓަމަރަށް އެކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެންސްޕާއިން އެ މައުލޫމާތުތައް ބަލަހައްޓަމުން އަންނަނީ، ފައިލުތަކުގައެވެ.

ނަމަވެސް، އަންނަ އަހަރު ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވުމުން މީހުންގެ މައުލޫމާތުތައް އެނެލައިޒް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރައްޔިތުންނަށް އަވަސް ޚިދުމަތްތަކެއް، އެފިޝިއެންޓުކޮށް ދެވޭނެ މަގު ތަނަސްވެގެން ދިޔުން. ޕޭޕާ ލެސް މާހައުލަކަށް އަޅުގަނޑުމެން ބަދަލުވެގެން ދިޔުންއެންސްޕާގެ ސީއީއޯ ހީނާ ވަލީދު

އިތުރަށް ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، މިހާރު އެންމެ ގިނައިން އެންސްޕާއަށް އާއްމުން ގުޅަނީ، އެހީއަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު, އޭގެ އަޕްޑޭޓް ބަލަން ކަމަށެވެ.

އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވްއަށް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: އެންސްޕާ

އެއާ ޚިލާފަށް ޚިދުމަތްތައް ޑިޖިޓަލްވުމުން އެމީހަކު ލާ ފޯމެއްގެ އެންމެ ފަހުގެ މައުލޫމާތާއި ކަން އޮތް ހިސާބު, އީފާސްއިން ލޮގިން ވެލުމުން އެނގޭނެ ކަން ހީނާ ފާހަގަކުރެއްވިއެވެ.

އެހެންވީމަ މި ސިސްޓަމް ގާއިމުކުރެވުނީމަ އެބައި ވަރަށް މަދުވެގެންދާނެ. އެއީ، ޚިދުމަތްތައް ހޯދާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެއެންސްޕާގެ ސީއީއޯ ހީނާ ވަލީދު

އެއާއެކު، ގިނަ ޑޮކިއުމަންޓުތަކެއް އެހީ ހޯދަން ހުށަހަޅަން ނުޖެހި، ޚިދުމަތްތައް ހޯދަން ބޭނުންވާ މަދު ޑޮކިއުމަންޓުތަކެއް ހުށަހަޅައިގެން އެހީ ލިބުން ފަދަ ފަސޭހަތައް ވެސް ޑިޖިޓަލްވުމުން ލިބޭނެކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ވަންގަވް މެދުވެރިކޮށް އެންސްޕާއިން މިހާރު ދެނީ ފަސް ޚިދުމަތެކެވެ. އެއީ، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީއާއި ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީއެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ އިތުރުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ ވެސް ވަންގަވް މެދުވެރިކޮށް ލިބޭނެއެވެ.

އަދި ކުރިއަށް އޮތްތަނުގައި އެންސްޕާގެ އެހެން ޚިދުމަތްތައް ވެސް ޒަމާނީ ކުރަން ވަނީ ނިންމައިފައެވެ. އެކަމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެންސްޕާއަކީ، އެކި ކަންކަމުގައި ރައްޔިތުންނަށް މާލީ އެހީ ފޯރުކޮށްދޭ އެޖެންސީއެއް ކަމަށްވާއިރު، އެކަމަށް ބޮޑު ހޭދައެއް ކުރެއެވެ. ކޮންމެ މަހަކު އެންސްޕާއިން ތަފާސްހިސާބުތައް ހާމަ ކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންގެ އިތުރުން ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުން އަންނަ މީހުންނަށް ދޭ އެހީތައް ވެސް ހިމެނެއެވެ.