ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެބިލެއްރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. އެ ބިލުގައި އެއްގަމު ދަތުރުފަތުރާ ގުޅޭ މުހިންމު ކަންތައްތަކެއް ހުރިއިރު، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބު ދޭން ވަނީ ހިމަނާފައެވެ.

އެ ގޮތުން، އެ ފަދައިން ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އަދި، ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އެ ނޫން އަނިޔާއެއް ލިބިއްޖެ ނަމަ ވެސް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

މީގެ އިތުރުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އެ ފަދަ ކުށެއް ކޮށްފި ނަމަ، ލައިސެންސް ބާތިލުކޮށް، ލައިސެންސް ހޯދުމުގެ ހައްގުން ވެސް މަހުރޫމްކުރަންޖެހޭނެ ކަމަށް ބިލުގައިވެއެވެ. އެފަދައިން ކަނޑައަޅާނީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި އެއް އަހަރު ދުވަހާއި 20 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.

މީގެ އިތުރުން ވެސް އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސެންސް ނެތް މީހަކާ ހަވާލުކުރުމާއި، އުޅަނދެއްގެ ހުންގާނުގެ ކޮންޓްރޯލް ފަސިންޖަރު ސީޓުގައި އިން މީހަކާ ހަވާލުކުރުމަށް ވެސް އެ އަދަބުތައް ވަނީ ކަނޑައަޅާފައެވެ. އެ އަދަބުތައް ވެސް ކަނޑައަޅާފައިވަނީ ނުރައްކާތެރިކޮށް ދުއްވާ މީހުންނެކޭ އެއްގޮތަށް ކުށުގެ ކުޑަ ބޮޑު މިނަށް ބަލާފައެވެ.

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިވާއިރު، މާލޭ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންގެ މައްސަލަ ބޮޑުވެ، ފުލުހުން އަންނަނީ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. އެގޮތުން، ނުރައްކާތެރިކޮށް ދުއްވާ މީހުން ހައްޔަރުކުރަން ވެސް ފެށިއެވެ.

އެކްސިޑެންޓު ގިނަވުމަކީ ރާއްޖޭގައި ވެސް ބޮޑު މައްސަލައެކެވެ.

އެގޮތުން، ފަރުވާކުޑަކޮށް ދުއްވައިގެންނާއި ނުރައްކާތެރިކޮށް ދުއްވައިގެން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެ ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.