27 Nov 2025, 11:28
ޖަމާއަތް ހަދައިގެން, ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު, އޭނާ ކަޓަރު ތިލައެއް ގެންގުޅުނީ ނިޔަފަތި ކަނޑަން ކަމަށް ކޯޓުގައި ބުނެފިއެވެ.
ގްރޫޕު މާރާމާރީއެއް ހިންގަން އުޅޭ ކަމަށް, ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން, މި މަހުގެ 18 ވަނަ ދުވަހު މާލެއިން, ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެއްސަކާއި އުމުރުން 34 އަހަރުގެ ދިވެއްސެކެވެ.
އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވެގެން އިއްޔެ ވަނީ އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.
އޭގެ ތެރެއިން 34 އަހަރުގެ މީހާ ކޯޓުގައި ބުނީ ކުރިން މާރާމާރީ ހިންގައި އުޅުނު ނަމަވެސް މިހާރު އެފަދަ ކަންކަން ނުކުރާ ކަމަށާއި ކަޓަރު ތިލައެއް ގެންގުޅުނީ ނިޔަފަތި ކަނޑަށް ކަމަށެވެ.
ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާއަކީ ހެންވޭރުގެ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގުރޫޕުގެ ޓެޓޫއެއް އޭނާގެ ގައިގައި ޖަހާފައި އެބައިން ކަމަށެވެ. އަދި އައިއޯ ވަނީ އެ މީހާއާ އެ ގުރޫޕާ އޮންނަ ގޮތް ކޯޓުގައި ކިޔައިދީފައި ކަމަށް އަމުރުގައި ވެއެވެ.
ނަމަވެސް ތުހުމަތު ކުރެވޭ މީހާ ބުނެފައިވަނީ އޭނާގެ ގައިގައި ޖަހާފައިވާ ޓެޓޫއަކީ ކުޑައިރު ފުޓްބޯޅަ ކުޅެން އުޅުނުއިރު ޖެހި އެއްޗެއް ކަމަށާއި އެއްވެސް ގުރޫޕަކާ އޭނާއާ ގުޅުމެއް ނޯންނަ ކަމަށެވެ. އަދި އޭނާއަށް މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ފުރުސަތު ލިބިފައިވާ ކަމާއި ބަންދުގައި އިތުރަށް ބަހައްޓައިފިނަމަ އެ ފުރުސަތު ގެއްލިދާނެ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު އާމިނަތު އަޒްލިފާ ވަނީ އޭނާއަށް ފަރުވާގެ ފުރުސަތު ފަހި ކޮށްދިނުމަށް ފުލުހުންނަށް އަންގަވާފައެވެ.
އެއަށް ފަހު އޭނާ އިތުރު 30 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ 19 އަހަރުގެ ޒުވާނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ގްރޫޕް މާރާމާރީއާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައިވާއިރު، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހު 17 ވަނަ ދުވަހު ވިދާޅުވެފައެވެ.
މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.