ސަޖިދަ ޖެހުމުގެ ސަބަބުން މުއުމިނުންގެ މޫނުމަތިން އޭގެ ނިޝާން ފެންނާނެއެވެ. މީހެއްގެ މޫނުގައި ސަޖިދައިގެ ސަބަބުން ނިޝާނެއް ފެންނަންހުރި މީހާ، އެ ކަމާ އުފާކުރުން ހުއްޓެވެ.

ސަޖިދައިގެ އަލާމާތް މުއުމިނުންގެ މޫނުމަތިން ފާޅުވާނެ ކަމަށް ކީރިތި ﷲ ވަނީ އަންގަވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ﴾ (الفتح: ٢٩) މާނައީ: "ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުމަތީގައި ވެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މޫނުމަތިން ސަޖިދައިގެ އަސަރު ފެނުމަކީ އެ ކަމާ ފަޚުރުވެރިވާން ޖެހޭނޭ ކަމެކެވެ. އެއީ ﷲގެ މަދަޙަ އެ ބަޔަކަށް ލިބިގެންވާ މީހުންނެވެ. އެ އިލާހުގެ ޙަޟްރަތުން ލިބުނު ޔަޤީންކަމެއް ވެސް މެއެވެ.

މި އާޔަތުގައި އެ ވާ ސަޖިދައިގެ އަސަރަކީ، އެ މީހުންގެ މޫނުތައް އުޖާލާވެ އަލިވެގެން ވުން ކަމުގައި އިހުގެ ބައެއް ދަންނަބޭކަލުން ވިދާޅުވެފައި ވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މީސްތަކުން ނިދާފައި ތިއްބާ ދަންވަރުގެ ވަގުތު ނަމާދުކުރުން ގިނަކުރާ މީހުންގެ މޫނު، ދުވާލު އަލިކުރައްވާނެއެވެ.

މޫނުގައި ހުންނަ ސަޖިދައިގެ އަސަރުގެ ވާޙަކަ މީގެ ކުރީގެ އުންމަތްތަކަށް ބާވައިލެއްފި ފޮތްފޮތުގައި ވެސް ހުރިކަން ﷲ ވަނީ އަންގަވައިފައެވެ. އެ ގޮތުން ތައުރާތުގައި އެއުރެންގެ މިސާލު ގެންނަވައިފައި އޮތް ކަން ބަޔާޏްކުރައްވާ ވަޙީކުރެއްވިއެވެ. ﴿ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ﴾ (الفتح: ٢٩) މާނައީ: " އެއީ ތައުރާތުގައިވާ، އެއުރެންގެ މިސާލެވެ. " އަދި އިންޖީލުގައި އޮތް މިސާލު ވެސް ޤުރުއާނުގައި ވަނީ ގެންނަވައިފައެވެ. ވަޙީކުރެއްވިއެވެ. ﴿وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ﴾ (الفتح: ٢٩) މާނައީ: "އަދި އިންޖީލުގައިވާ، އެއުރެންގެ މިސާލު އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ ގޮވާމެއްފަދައެވެ."

މި އާޔަތްތަކުން އެނގެނީ ސަޖިދައިގެ ސަބަބުން އިންސާނުންގެ މޫނުމަތިން އަސަރުތަކެއް ފާޅުވާނެ ކަމެވެ. އެ އަސަރުތައް އެއީ ސަޖިދައިގެ ސަބަބުންނޭ މި ބުނަނީ އެފަދައިން ﷲ އަންގަވައިފައި ވާތީއެވެ. ވަޙީކުރެއްވިއެވެ. ﴿سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ﴾ (الفتح: ٢٩) މާނައީ: "ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައި ވެއެވެ." އެހެންކަމުން ސަޖިދަކުރުމަށް ލޯބިކޮށް އެ ޢަމަލުގެ މަތީ ދެމި ތިބުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނޭ ކަމެކެވެ.

ސަޖިދައިގެ ސަބަބުން ބައެއް މީހުންގެ ނިތްކުރީގައި ކުރަލާފައި ވެސް ހުރެއެވެ. އެހެނަސް ނިތްކުރީގައި ކުރައެއް ހުރި ކޮންމެ މީހަކީ ސަޖިދަކުރާ މީހެކޭ ވެސް ނުބުނެވޭނެއެވެ. ސަޖިދަ ނޫން އެހެން ސަބަބަކާ ހުރެ ވެސް މީހެއްގެ ނިތްކުރީގައި އެ ކުރައެއް ހުރެދާނެއެވެ. ކޮންމެއަކަސް ދިމާވާ ދެ މައްސަލައެއްގެ ވާހަކަ ލިޔެލައިނަމެވެ. ފުރަތަމައީ ސަޖިދައިގެ ސަބަބުން ނިތްކުރީގައި ލާ ކުރަ ފުހެލަން އުޅުމެވެ. މިއީ ކުރުން އެދެވިގެން ވާ ކަމެއް ނޫނެވެ. އެހެނަސް ބޭސްވެރިކަމުގެ ހާއްޖަތެއް އޮތިއްޔާ ކުރުމަކުން މައްސަލައެއް ނެތެވެ. ދެވަނަ ކަމަކީ ނިތްކުރީގައި ކުރަ ހުންނަ މީހުންނަށް އާޑަފުރައްސާރަ ކިޔާތީ އަޑު އިވުމެވެ. އެއީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭނާގެ ނިތްކުރީގައި އެ ހުރީ ސަޖިދައިގެ ފާހަގަ ކަމަށް ވެސް ވެދާނެއެވެ.

ކީރިތި ޤުރުއާނުގައި ﷲ އެ އަންގަވާ، މޫނުމަތިން ފެންނަ އަސަރަކީ ސަޖިދައިގެ ސަބަބުން ލާ ކުރަ ކަމުގައި ބުނުމަކީ އެންމެ ޢަދުލުވެރި ގޮތް ކަމުގައި ނުބެލެވިދާނެއެވެ. އެއީ މޫނުގެ އަލިކަން ކަމުގައި އިހުގެ ޢިލްމުވެރިން ވިދާޅުވާ ވާހަކަ އިސްވެހިނގައްޖެއެވެ. ސަޖިދަކުރުމަކީ މޫނު އަލިވާނޭ ކަމެކެވެ. އަލި މޫނަކީ ސުވަރުގެއަށް ނިސްބަތް ކުރެވޭ މޫނެވެ. ސަޖިދައަކީ ސުވަރުގެ ދިޔުމަށް އޮތް ސަބަބެކެވެ. ޤިޔާމަތް ދުވަސް ސިފަކުރައްވަމުން މާތް ﷲ ވަޙީކުރައްވައިފައި ވަނީ އެ ދުވަހުން އެއް ބައެއްގެ މޫނު އަނދިރިވެފައި އަދި އަނެއް ބައެއްގެ މޫނު އަލިވެފައި ވާނޭ ކަމުގައެވެ.

ހެޔޮ ޢަމަލުތަކަކީ އޭގެ އަލިކަން މޫނުމަތިން ފާޅުވާނޭ ކަމެއް ކަމަށާއި ހިތުގައި ލެއްވޭ ނޫރެއްކަމުގައި ވާނޭ ކަމަށާއި ހެޔޮ ޢަމަލުގެ ސަބަބުން ރިޒުޤު ތަނަވަސްވެ، ހަށިގަނޑުގައި ބާރު ޖަހޭނޭ ކަމަށް އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައި ވެއެވެ. އިބްނުލް ޤައްޔިމު رحمـــه الله މި ވާހަކަ އެކަލޭގެފާނުގެ ފޮތް އައްދާއު ވައްދަވާއުގައި ގެންނަވައިފައި ވެއެވެ.

މޫނުގެ އަލިކަން ފާޅުވާނޭ އަނެއް ކަމަކީ ފާފަކުރުމާ ދުރުގައި ހުރުމެވެ. ފާފައަށް މަގުފަހިވާ ގޮތަށް އެއްވެސް ޢަމަލެއް ނުކުރުމެވެ. ފާފައަކީ މީހާގެ ހިތާއި އޭނާގެ މޫނު އެހެން މީހުންނަށް ކަޅުކުރާ އެއްޗެކެވެ. އެހެންކަމުން އަލި ސާފު ރީތި މޫނެއްގެ ވެރިޔަކު ކަމުގައި ވުމަށް އެދޭ މީހާ ފާފަތައް ދޫކޮށްލުން ހުއްޓެވެ. ތައުބާވެ ޞާލިޙު ޢަމަލުން ޢަމަލުކުރުން ހުއްޓެވެ. އެ މީހަކު އޭރުން ވާނީ ﷲގެ މަދަޙަ ލިބިގެން ވާ މީހުންގެ ތެރެއިންނެވެ. އެފަދަ މީހަކު ކަމުގައި ތިބާއާއި މި އަޅާ ލައްވާނދޭވެ! آمين.