ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މި ހަފުތާ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވެއެވެ.

މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެ މާލެއަށް 77.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ނަމަވެސް، މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއަށް އިއްޔެ ވެހިފައިވަނީ 29.1 މިލިމީޓަރުގެ ވާރެއެވެ.

މާލެއަށް ފަހު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ. ދިއްފުށްޓަށެވެ. އެ ރަށަށް 76.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި އދ. މާމިގިއްޔަށް 66 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެއަށް ވަނީ 57.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ ވާރޭ ވެހުނު މިންވަރުގެ ތަފާސްހިސާބު -- ގްރެފިކްސް/ މެޓް އޮފީސް

މިއަދު ވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް, މެންދުރު 14:00 ގެ ނިޔަލަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މެޓުން ބުނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓާ ދެމެެދަށް އަރާނެ ކަމަށާއި އުތުރާއި ދެކުނުގެ ކަނޑުތަކުގެ ރާޅުތައް ތިން ފޫޓާއި ހަ ފޫޓުގެ އުސްމިނަށް އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް މި ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މެޓުން ބުނީ, މި ވިއްސާރަ އަލިވާނީ އަންނަ ހޯމައިގެ ފަހުން ކަމަށެވެ.