24 Aug 2012, 14:38
ފިލްމީ ތަރީންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިއަކީ ޓޮމް ކްރޫޒް ކަން ފޯބްސް މަޖައްލާއިން ހާމަކޮށްފިއެވެ. މެއި 2011 އާއި މެއި 2012 އާ ދެމެދު އޭނާއަށް ވަނީ އާމްދަނީއެއްގެ ގޮތުގައި 75 މިލިޔަން ޑޮލަރު ލިބިފައެވެ.
ފިލްމީ ތަރީންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 ތަރީންގެ ލިސްޓުގެ އެއްވަނައިގައި ޓޮމް ކްރޫޒްގެ ނަން އޮތް އިރު ދެވަނައިގައި އޮތީ ލިޔޮނާޑޯ ޑިކެޕްރިއޯ އާއި އެޑަމް ސޭންޑްލަރގެ ނަމެވެ.
"މިޝަން އިމްޕޮސިބްލް" އާއި "ގޯސްޓް ޕްރޮޓޮކޯލް"ގެ ކާމިޔާބީއާ އެކު، އުމުރުން 50 އަހަރުގެ ތަރި، ޓޮމް ކްރޫޒް މިދިޔަ އަހަރު ނިންމާލާފައިވަނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. މި ދެ ފިލްމަށް ވެސް ދުނިޔޭގެ ބޮކްސް އޮފީސްތަކުން 700 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ލިއޮނާޑޯ ޑިކެޕްރިއޯ އާއި ހެއްވާ ބައި ކުޅުމަށް މަޝްހޫރު އެޑަމް ސޭންޑްލަރއަށް މިދިޔަ އަހަރު ލިބިފައިވަނީ 37 މިލިޔަން ޑޮލަރެވެ. ލިސްޓުގެ ހަތަރުވަނައިގައި އުޅެނީ ކުރީގެ ޕްރޮފެޝަނަލް ރެސްލިންކުޅުންތެރިޔާ ޑްވެއިން ޖޯންސަންއެވެ. އޭނާއަށް އާމްދަނީގެ ގޮތުގައި 36 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އޭނާގެ ފިލްމެއް ކަމުގައިވާ "ފާސްޓް ފައިވް" އަށް ބޮކްސް އޮފީހުގައި ވަނީ 626 މިލިޔަން ޑޮލަރު ލިބިފައެވެ. ލިސްޓުގެ ފަސްވަނައިގައި އޮތީ 33 މިލިޔަން ޑޮލަރާއެކު، ކޮމޭޑިޔަން ބެން ސްޓިލަރއެވެ. އޭނާއާ ޖެހިގެން އޮތް ސަޗާ ބެރޮން ކޯހެންގެ އާމްދަނީއަކީ 30 މިލިޔަން ޑޮލަރެވެ.
ގަދަ ދިހައެއްގައި ހިމެނޭ އެހެން ތަރީންނަކީ، ހަތްވަނައިގައި ޖޯނީ ޑެޕް، އަށްވަނައިގައި ވިލް ސްމިތު، ނުވަވަނައިގައި މާކް ވާލްބާގް، އަދި ދިހަވަނައިގައި ޓެއިލަރ ލޯޓްނަރއެވެ.