ދާދި ފަހުން ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝް އިން އެދުނު މައްސަލަ ބަލަމުންދާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުދަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އާންމުންގެ ގަތުލުއާންމެއް ހިންގުމަށް އަމުރު ކުރުމުން ވެރިކަމުން ދުރުކުރި ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައިވާއިރު، އެ މައްސަލައިގައި މަރުގެ ހުކުމް އިއްވުމުން ބަންގްލަދޭޝްއާ ހަސީނާ ހަވާލުކުރަން އެދުނު އެދުން އިންޑިއާ ސަރުކާރުން ބަލަމުންދާ ކަމަށެވެ.

"ހިނގަމުންދާ ޝަރުއީ އަދި އެތެރޭގެ ގާނޫނީ މަރުހަލާތަކުގެ ތެރެއިން، ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތާއި އެ ގައުމުގެ ސުލްހައާއި ޑިމޮކްރަސީއާއި ހަމަޖެހުން ހިމެނޭ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޖައިސްވާލް ވިދާޅުވިއެވެ.

ބަންގްލަދޭޝްއިން ފުރަތަމަ ހަސީނާ ހަވާލު ކުރުމަށް އެދުނީ މިދިޔަ އަހަރުއެވެ. އޭގެފަހުން ދާދި ފަހުންވެސް ވަނީ އިތުރު ސިޓީއެއް ފޮނުވައި އެ ސިޓީގައި ހަސީނާ އެ ގައުމާ ހަވާލު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެ ސިޓީއަކީ ބަންގްލަދޭޝްގެ ހާއްސަ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ބެލި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ މައްސަލައިގައި އެ ކުށް ހަސީނާގެ މައްޗަށް ސާބިތުވެ، މި މަހުގެ 17 ވަނަ ދުވަހު ޣައިރު ހާޒިރުގައި އިއްވި މަރުގެ ހުކުމާ ގުޅިގެން ފޮނުވި ސިޓީއެކެވެ.

ކޯޓުގެ ހުކުމަށް ފަހު ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހަސީނާ ހަވާލުކުރުމަށް 2013 ވަނަ އަހަރު ސޮއިކުރި ބައިލެޓަރަލް އެކްސްޓްރެޑިޝަން ޓްރީޓީއެއްގެ ދަށުން އެއީ އިންޑިއާއަށް "ވާޖިބު ޒިންމާއެއް" ކަމަށާއި އިންޑިއާގައި މަޑުކުރުމުގެ ހުއްދަ ދިނުމަކީ ބީރައްޓެހި އަމަލެއް ކަމަށެވެ.

ނަމަވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއިން ހަސީނާ ބަންގްލަދޭޝްއާ ހަވާލު ނުކުރާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ.

މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާ މަރަން ހުކުމްކުރީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ދައުވާ ސާބިތުވުމުންނެވެ. އެގޮތުން މިދިޔަ އަހަރު ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، މީހުން މެރުމުގެ ގޮތުން ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ހަސީނާ އަމުރުކުރި ކަމަށް ދައުވާކޮށްފައިވެއެވެ.