27 Nov 2025, 09:18
އަންނަ އަހަރުގެ މާރިޗު މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރާ ތާރީޚު ފަސްކުރަން އެކްޓަރު ރަންބީރު ކަޕޫރު އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގެ ލީޑް އެކްޓަރުންގެ ތެރޭ ހިމެނޭ ރަންބީރު އެގޮތަށް އެދުނީ އޭނާ މިހާރު މަސައްކަތް ފަށާފައިވާ ބިޔަ ޕްރޮޖެކްޓް "ރާމަޔާނާ" އަދި އޭގެ ދެވަނަ ބައި އަންނަ އަހަރުގެ މާރިޗު މަހު ރިލީޒްކުރަން ނިންމުމާ ގުޅިގެންނެވެ.
ރަންބީރު ބޭނުންވަނީ އޭނާގެ ފިލްމެއް ރިލީޒްކުރުމަށް ފަހު އިތުރު ފިލްމެއް ސިނަމާތަކަށް ގެނައުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ބޭއްވުމަށް ކަމަށާއި ފިލްމު "ރާމަޔާނާ" ރިލީޒްކުރާ ތާރީޚަށް ބަދަލު ގެނެވެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ލަވް އެންޑް ވޯ"ގެ ކާސްޓުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މިހާރު ވެސް އެކި ސަބަބުތަކާ ހެދި ރިލީޒްކުރުން ވަރަށް ބޮޑަށް ލަސްކޮށްފައިވާ ފިލްމު "ލަވް އެންޑް ވޯ" އަންނަ އަހަރުގެ ޖޫން މަހު ރިލީޒްކުރަން ރަންބީރު ޑައިރެކްޓަރު ސަންޖޭ ބަންސާލީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ފިލްމީ ރިޕޯޓުތައް ބުނެއެވެ. އޭރުން ފިލްމުގެ މަސައްކަތްތައް ހަމަޖެހިލައިގެން ނިންމުމަށް ވަގުތު ވެސް ލިބޭނެ ކަމަށާއި ރަންބީރު ބޭނުންވާ ގޮތަށް އެކްޓަރުގެ ފިލްމެއް ސިނަމާތަކަށް ނާންނަތާ އޭރަށް ހަތަރު މަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކަމާ ގުޅޭ ގޮތުން ސަންޖޭގެ ޓީމުން ވަކި ގޮތެއް ނިންމާފައިނުވާއިރު ފިލްމު "ލަވް އެންޑް ވޯ"ގެ ސަބަބުން "ރާމަޔާނާ" ފަދަ ބޮޑު ޕްރޮޖެކްޓަށް އޭގެ ހިޔަނި އެޅުނަ ނުދޭނެ ކަމަށް ސަންޖޭގެ ޓީމާ ހަވާލާދީ މީޑީއާތަކުން ވަނީ ބުނެފައެވެ.
ނަމަވެސް، ފިލްމު "ލަވް އެންޑް ވޯ"އަކީ ސަންޖޭ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ފިލްމެއް ކަމުން ފިލްމު ރިލީޒްކުރާނެ ތާރީޚަށް ދެން ބަދަލެއް ގެންނާނީ އެކަމާ ގުޅޭގޮތުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަންބީރުގެ އިތުރުން ފިލްމު "ލަވް އެންޑް ވޯ"އިން ފެންނާނީ ވިކީ ކޯޝަލް އަދި ރަންބީރުގެ އަނބިމީހާ ބަތަލާ އާލިއާ ބަޓްއެވެ.