27 Nov 2025, 08:48
މިހާރު ވެސް ދަރުމާ ޕްރޮޑަކްޝަންގެ ދެ ފިލްމަކަށް ސޮއިކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަންއަށް އެ ކުންފުނީގެ އިތުރު ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޖެން-ޒީގެ ހީރޯގެ ގޮތުގައި ދަރުމާގެ ވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ސިފަކުރާ ކާތިކް އާރްޔަންއަށް ހުށަހަޅާފައިވާ މި ފިލްމާ ގުޅޭ މައުލޫމާތު އަދި ވަނީ ސިއްރުކޮށްފައެވެ.
ނަމަވެސް، ދަރުމާ ޕްރޮޑަކްޝަންގެ ފަރާތުން ވާހަކަ ދެއްކި މީޑިއާގައި ބުނެފައިވަނީ ކާތިކަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބެލުމަށް ފަހު ކަރަން ވަނީ ފިލްމެއް ހުށަހަޅާފައި ކަމަށެވެ.
މި އަހަރުގެ ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ އެކްޓަރަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތް އެކްޓަރުންގެތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.
އެހެންކަމުން ދަރުމާގެ ކުރިއަށް ހުރި ގިނަ ޕްރޮޖެކްޓްތަކުން ކާތިކް ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި އެންމެ ދެ ތިން ފިލްމުން ކާތިކް ދޫކޮށްލެވެން ނެތް ކަމަށް ކަރަން ބުނެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ މަންޒަރެއްގައި ކާތިކް އަދި އަނަނިޔާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ރިޕޯޓުތައް ބުނާގޮތުން ކާތިކް ހިމަނައިގެން ކަރަން އުފައްދަން ނިންމާފައިވާ ޕްރޮޖެކްޓަކީ ވަރަށް ކުރިން ކަރަން ގެނެސްދޭން ނިންމާފައިވާ އޭނާގެ ހުވަފެނީ ޕްރޮޖެކްޓެކެވެ.
އެހެންކަމުން އެއީ މެގަ-ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމާ ގުޅުންހުރި މައުލޫމާތު ވަރަށް އަވަހަށް ދަރުމާއިން އިއުލާނުކުރާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ކާތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ އަންނަ މަހުގެ 25ގައި ރިލީޒްކުރާ ދަރުމާގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އިންނެވެ. މީގެ އިތުރުން، 2026ގައި ސިނަމާތަކަށް ގެންނަން އަމާޒުހިފާފައިވާ ދަރުމާގެ ފިލްމު "ނާގްޒިއްލާ"ގެ ލީޑް އެކްޓަރަކީ ވެސް ކާތިކްއެވެ.