މި ދުވަސްކޮޅު ހިންދީ ފިލްމުތަކަށް ލިބެމުންދާ ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ބުނެފިއެވެ. ހިންދީ ފިލްމުތަކުން މި ދުވަސްކޮޅު ދަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ. މި ގޮތުން ގިނަ ފިލްމުތަކުގެ އާމްދަނީ 100 ކުރޯޑު (1 ބިލިޔަން) ރުޕީސްއަށް ވުރެ އިތުރު ކަން ފާހަގަކުރެވެއެވެ.

"މިއީ މި ސިނާއަތަށް ވަރަށް ރަނގަޅު ދުވަސްކޮޅެއް. ވިޔަފާރި އާއި އާމްދަނީ ރަނގަޅުވި ވަރަކަށް ކުރިއެރުން ބޮޑު ވާނެ." އުމުރުން 69 އަހަރުގެ ތަރި ބުންޏެވެ.

"މިދިޔަ އަހަރު ފިލްމީ ސިނާއަތް ހޭދަކޮށްފައިވަނީ ވަރަށް ގޯސް ފިޔަވައްސެއް. ގިނަ ފިލްމުތަކުގެ ވިޔަފާރި ވަރަށް ދަށް. އެހެން ނަމަވެސް މިހާރު މި ލިބެމުންދާ ކުރިއެރުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ." އަމީތާބު ބުންޏެވެ.

އަމީތާބު މިހާރު ތައްޔާރުވަމުންދަނީ "ކޯން ބަނޭގާ ކްރޯޑްޕަތީ" ގެ ހަވަނަ ސީޒަން ހުށަހަޅައިދިނުމަށެވެ. އަމީތާބު ބުނާގޮތުގައި އެ ޝޯވ ގެ ސަބަބުން އޭނާގެ އާންމު މައުލޫމާތު ވެސް ވަނީ ވަރަށް ބޮޑަށް މުއްސަނދިވެފައެވެ.

"ކޭބީސީ ޝޯވ އިން ލިބޭ ވަރަށް އެހެން އެއްވެސް ތަނަކުން އާންމު މައުލޫމާތު ނުލިބޭ. އެހެންވެ އަހަރެން މި ޝޯއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ." އަމީތާބު ބުންޏެވެ. މި ޝޯގެ ފުރަތަމަ ސީޒަން "ސްޓަރ ޕްލަސް" އިން ފޮނުވީ 2000 ވަނަ އަހަރުއެވެ. ހަތަރު ސީޒަނަށް ފަހު ދެން އެ ޝޯ ފޮނުވަމުންދަނީ ސޮނީއިންނެވެ. ސީޒަން 6 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.