31 Aug 2010, 09:25
14:30
ސައުދީ އަރަބިޔާގެ ގެއެއްގައި ގެންގުޅުނު ލަންކާ އަންހެނެއްގެ ގަޔަށް މޮހޮރާއި ކަށި ހަރައި، އަނިޔާކުރިކަމަށް ބުނާ ސައުދީ ދެމަފިރިން ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ޚާރިޖިއްޔާއިން ބުނެފި އެވެ.
ސައުދީ އާއިލާ ކައިރީ މަސައްކަތްކުރަން އުޅުނުއިރު، އެގޭ ވެރިން އަދަބެއްގެ ގޮތުގައި ގަޔަށް މޮހޮރާއި ކަށި ޖަހައި އަނިޔާކުރި ކަމަށް ބުނާ އުމުރުން 49 އަހަރުގެ އެލް.ޖީ އަރިޔަވަތީގެ ހަށިގަނޑުން 15 މޮހޮރާއި ޕިންތަކެއް ވަނީ ނަގައިފަ އެވެ.
އެހެންކަމުން، ލަންކާ ސަރުކާރުން ވަނީ މި މައްސަލަ ރިޔާދުގެ އޮފިޝަލުންނަށް ހުށަހަޅައި، ތަހުގީގުކުރުމަށް ބާރުއަޅާފަ އެވެ. އަދި ލަންކާގެ ޚާރިޖިއްޔާއިން އިއްޔެ ބުނެފައި ވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ސައުދީ ދެމަފިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ސައުދީގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއްނުވެ އެވެ. އަދި އެއްވެސް ފަރާތަކުން އެމީހުންގެ ނަމެއް ވެސް ހާމަކޮށްފައެއްނުވެ އެވެ.
މިދިޔަ ހަފްތާގައި އެނބުރި ގައުމަށް ދިޔަ އަރިޔަވަތީގެ ނިއްކުރިންނާއި، ފައިން އަދި އަތުން ވެސް މޮހޮރުތައް ފެނިފައިވާއިރު، އޭގެ ތެރޭގައި ދެ އިންޗީގެ މޮހޮރުތަކެއް ވެސް ހިމެނެ އެވެ.
ދަރިންގެ ނުރުހުމުގައި މަސައްކަތްކުރުމަށް ސައުދީއަށް މިދިޔަ މާޗު މަހު ދިޔަ އަރިޔަވަތީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ، އޭނާއަށް އަނިޔާކުރީ އޭނާ ހުރި ގޭގައި އުޅޭ ސައުދީ ދެމަފިރިއަކާއި އެމީހުންގެ ދަރިން ކަމަށެވެ. އޭނާގެ ގަޔަށް މޮހޮރު ޖެހީ އެގޭ ވެރިމީހާ ކަމަށާއި އެކަމުގައި އެ އާއިލާ އެންމެން ބައިވެރިވި ކަމަށް ވެސް ނޫސްތަކުގައިވެ އެވެ. ނަމަވެސް، އެހުރިހާ ކަމަކަށް ކެތްކޮށްގެން އުޅުނީ، "ކަރު ބުރިކޮށްލާ މަރާލާނެ ކަމުގެ އިންޒާރުދީ ބިރުގެންނެވުމުން ކަމަށްވެސް ބައެއް ނޫސްތަކުގައިވެ އެވެ.