27 Nov 2025, 08:46
"ކްއީން އޮފް ދަ ޒޫ"ގެ ނަމުން މަޝްހޫރުކަން ހޯދި ގްރަމާ ކަންޒު ކަހަނބު އުމުރުން 141 އަހަރުގައި މަރުވެއްޖެއެވެ.
ސެން ޑިއެގޯ ޒޫގައި ވަޒަންވެރިވެފައިވާ އެންމެ ދުވަސްވީ މި ކަންޒު ކަހަނބު އެ ޒުލަށް ގެންގޮސްފައިވަނީ 1928 ނުވަތަ 1931 ވަނަ އަހަރު ބްރޮންކްސް ޒޫއިންނެވެ. އޭގެ ފަހުން އެމެރިކާގެ 20 ރައީސުންގެ ވެރިކަން މި ކަހަނބު ދުށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެއަށް އެންމެ ކަމުދާ ކާނާ ކަމަށްވާ ރޯމައިން ލެޓިއުސްއާއި ކެކްޓަސް މޭވާ ކައިގެން އުމުރުގެ ދުވަސްތައް ޑިއެގޯ ޒޫގައި ހޭދަކުރުމަށް ފަހު, މި ކަންޒު ކަހަނބު މަރުވީ އެތައް ބައެއްގެ ހިތުން ލޯތްބާއި ކުލުނު ހޯދާ އެތައް ބައެއްގެ ހިތްތައް ރޮއްވާލުމަށްފަހުއެވެ.
ގްރާމާ އުފަންވެފައިވަނީ އޭގެ އަސްލު ދިރިއުޅޭ މާހައުލުގައި ކަމަށާއި އޭގެ އުމުރުން 141 އަހަރާ ކައިރި ކުރާނެ ކަމަށް ޒޫގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޒޫގައި މަސައްކަތްކުރާ ސްޕެޝަލިސްޓުން "ކްއީން އޮފް ދަ ޒޫ" ނުވަތަ "ޒޫގެ ރާނީ"ގެ ނަމުން ނަންދީފައިވާ މި ކަންޒު ކަހަނބު މަރުވެފައިވަނީ އުމުރުން ދުވަސްވުމާ ގުޅިގެން އޭގެ ކަށިތައް ބަލިކަށިވެ, ދާދިފަހުން އެކަމާ ގުޅިގެން ކުރިމަތިވި ސިއްހީ މައްސަލަތައް ގޯސްވެ ފަރުވާ ދެމުން ދަނިކޮށެވެ.

ގްރާމާ ޑިއެގޯ ޒޫގައި އެތަނުގެ އޮފިޝަލުންނާ އެކު--ފޮޓޯ/ޓައިމްސްއޮފްސެންޑިއެގޯ
ގްރާމާގެ މަރާ ގުޅިގެން މީގެ ކުރިން އެއަށް ޒިޔާރަތްކޮށްފައިވާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް ޒުލަށް ޒިޔާރަތްކޮށް ގްރާމާއާ ބައްދަލުވި ދުވަސްތަކުގެ ހަނދާންއާކޮށްފައެވެ.
އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ޒުވާން އުމުރުގައި ސެން ޑިއެގޯ ޒުލަށް ޒިޔާރަތްކޮށް ގްރާމާ ކަހަނބު ދެކެފައި ކަމަށާއި އޭގެ އަހަރުތަކެއް އެ މީހުންގެ ކުދިން ގޮވައިގެން ވެސް ގްރާމާ ދެކިލުމަށް ޒުލަށް ދިޔަކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އުމުރުން 69 އަހަރުގެ ކްރިސްޓީނާ ޕާކް ބުނެފައިވާ ގޮތުގައި އޭނާގެ އެންމެ ކުޑައިރުގެ ހަނދާންތަކުގެ ތެރޭ ސެން ޑިއެގޯ ޒުލަށް ގޮސް ގްރާމާގެ ބުރަކަށިމަތީ ސަވާރުވި ހަނދާން ހިމެނެއެވެ.
ގަލަޕަގޯސް ކަހަނބަށް ގުދުރަތީ މާހައުލުގައި 100 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅެވޭއިރު، ކަރަންޓީނުކޮށް ބަލަހައްޓާ ތަންތަނުގައި އެއަށްވުރެ ދެގުނަ އަހަރުތަކެއް ވަންދެން ދިރިއުޅެވޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އޮސްޓްރޭލިއާގެ ޒޫގައި ގެންގުޅުނު ކަހަނބު 'ހެރިއެޓް' އެ ޒުލުގެ އޮފިޝަލަކާ އެކު--ފޮޓޯ/އޮސްޓްރޭލިއާޒޫ
މިހާތަނަށް އެންމެ ގިނަ އަހަރުވަންދެން ދުނިޔޭގައި ދިރިއުޅުނު ކަހަނބަކީ އޮސްޓްރޭލިއާގެ ޒުލެއްގައި ހެރިއެޓްގެ ނަން ދެވުނު އުމުރުން 175 އަހަރުގެ ކަހަނބެކެވެ. އެ ޒޫގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ހެރިއެޓް ގަލަޕަގޯސްގެ ރަށްތަކުން ގެނެވުނީ 1835 ވަނަ އަހަރުއެވެ.
އޭރު އޭގެ ސައިޒަކީ މިހާރު ކެއުމަށް ބޭނުންކުރާ ތަށްޓެއްގެ ސައިޒު ކަމަށް އޮސްޓްރޭލިއާ ޒޫގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެ ކަހަނބު މަރުވެފައިވަނީ 2006 ވަނަ އަހަރުއެވެ.
ގަލަޕަގޯސް ބޮޑުކަހަނބުގެ 15 ބާވަތެއް އެ ރަށްތަކުގައި ހިމެނެއެވެ. އޭގެ ތެރެއިން ތިން ބާވަތެއް ނެތިގެން ގޮސްފައިވާއިރު އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަގެ ރިޕޯޓުތައް ބުނާ ގޮތުގައި، ބާކީ ހުރި ބާވަތްތަކަކީ ނުރައްކަލުގެ ތެރޭގައިވާ ނުވަތަ ނެތިދިއުމުގެ ބިރު ދިމާވެފައިވާ ބާވަތްތަކެކެވެ.
ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި މި ކަހަނބުތައް ކަރަންޓީނުކޮށް ބަލަހައްޓައި، އާލާކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ގަލަޕަގޯސް ކޮންޒަވަންސީން ބުނާ ގޮތުގައި، 1965 ވަނަ އަހަރުން ފެށިގެން 10,000 އަށްވުރެ ގިނަ ކުދި ކަހަނބު ގުދުރަތީ މާހައުލަށް ދޫކޮށްލާފައިވާއިރު އޭގެ ތެރެއިން ބައެއް ބާވަތްތައް ނެތިދިއުމުގެ ބިރުވެރިކަމެއް މިހާރަކު ނެތެވެ.
މިދިޔަ އޭޕްރީލް މަހު، ފިލަޑެލްފިއާ ޒޫގައި ހަތަރު ގަލަޕަގޯސް ކުދި ކަހަނބު އުފަންވެފައިވާއިރު، މި ކުދިންގެ މައިންބަފައިންނަކީ ގާތްގަނޑަކަށް 100 އަހަރުގެ ކަހަނބުތަކެކެވެ. މިއީ އެ ޒޫގެ ދިގު ތާރީޚުގައި މިފަދަ ކަހަނބުތަކެއް އުފަންވި ފުރަތަމަ ފަހަރެވެ.