ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އަންނަ މަހު ވޯކްއިން އިންޓަވިއުއެއް ބާއްވަން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންއިން ނިންމައިފިއެވެ.

ވޯކްއިން އިންޓަވިއުއަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.

އެ އިންޓަވިއު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 14:30ގެ ނިޔަލަށް އެސްޓީއޯ ސެންޓަރުގެ ހަތަރު ފަންގިފިލާގައެވެ.

މޯލްޑިވިއަންއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް ވެސް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި ކެބިން ކްރޫއިންތަކެއް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެގޮތުން، އެ މީހަކީ، 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭއިރު، އިނގިރޭސިންނާއި ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކަން އިނގެން ޖެހެއެވެ.

ކެބިން ކްރޫއަކަށް ކުރިމަތިލާ މީހަކީ، އޯލެވެލް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮންނަ މީހަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި، އެ މީހަކީ، ސިއްހަތު ރަނގަޅު ދުޅަހެޔޮ މީހަކަށް ވެސް ޖެހެއެވެ.

އޭގެ އިތުރަށް، މި މަގާމަށް ކުރިމަތިލާ ދެ ޖިންސުގެ މީހުންގެ އިސްކޮޅުން ވަކި ދިގު މިނެއް ހުންނަން ޖެހެއެވެ. އެގޮތުން، ފިރިހެނެއްގެ ނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު، ހަތަރު އިންޗި ހުންނަންވާނެއެވެ. އަންހެނުންގެ ހުންނަން ޖެހެނީ، ފަސް ފޫޓު، ދެ އިންޗިއެވެ.

މި މަގާމަށް ހޮވޭ މީހުންނަށް ދާއިރާ ފެންވަރުގެ މުސާރައެއް ލިބޭއިރު، ހެލްތު އިންޝުއަރެންސާއި އެހެނިހެން ފައިދާތައް ލިބެއެވެ.

މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން އިންޓަވިއުދާއިރު ގެންދަން ޖެހެނީ، ތައުލީމީ ސެޓުފިކެޓްތަކާއި ސީވީގެ އިތުރަށް، ޕާސްޕޯޓު ސައިޒު ފޮޓޯއަކާއި މީހާ އެއްކޮށް ފެންނަ ފޮޓޯއެކެވެ.

ފާހަގަކުރެވޭ ގޮތުގައި، ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ދޭތެރެއަކުން ވޯކްއިން އިންޓަވިއު ބާއްވައެވެ. އެގޮތުން، އިމިގްރޭޝަނުން ދެ ފަހަރެއްގެ މަތިން ވަނީ އެފަދަ އިންޓަވިއުތަކުން އެ ކުންފުންޏަށް މުވައްޒަފުން ނަގާފައެވެ.