ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ނެރޭ ދުވަހު ފުލުހުންގެ ތެރެއިން ބަޔަކު މާލޭގައި ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރޭ އުސްފަސްގަނޑުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ރައީސް ނަޝީދު ރޭ އެގޮތަށް ވިދާޅުވިއިރު އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޯނީގެ ރިޕޯޓަށް ފަހު ބައެއް ފުލުހުން ނިކުމެ މާލެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ތައްޔާރުވާ ކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު މިއަދު ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީގެ އެ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި މެދު ނަފްރަތު އުފައްދަން ދައްކާ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"އެ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި މެދު ނަފްރަތު އުފައްދާ ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް. އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް،" ހަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށާއި އެޒިންމާ އަދާކުރުމަށް އެއްވެސް ފަސްޖެހުމެއް ނެތި ފުލުހުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯނީގެ ރިޕޯޓު ނެރޭ ދުވަހު ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ބަޔަކަށް ހަމަނުޖެހުމެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި އެދުވަހު އެއްވެސް ހަމަނުޖެހުމެއް ހިނގާނަމަ އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

"ކޯނީގެ ރިޕޯޓު ނެރޭ ދުވަހު ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ. އެދުވަހު އެއްވެސް ހަމަނުޖެހުމެއް ހިނގާނަމަ އެކަން ހުއްޓުވުމަށްޓަަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ،" ހަނީފު ވިދާޅުވި އެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓު ނެރޭ ދުވަހު ފުލުހުންގެ މަދު މީސްކޮޅެއް މާލޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތަންތަނުގައި ހުޅުޖެހުމަށާއި މީހުންގެ ގައިގައި ކަޓަރު އަޅައި މީހުންގެ ގަޔަށް ވަޅި ހެރުމަށް ފުލުހުންގެ މަދު މީސްކޮޅެއް ސައްލާ ކުރަމުންދާކަމުގެ ވާހަކަތައް އަޑުއިވެމުންދާކަމަށާއި އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުންގެ މަދު މީސްކޮޅެއް މާލޭގައި ހަމަނުޖެހުން އުފެއްދުމަށް ވިސްނަވަމުން މަސައްކަތް ކުރައްވަމުން ގެންދާ ވާހަކަ. ބައެއް ފަހަރަށް އަޅުގަނޑުމެންނަށް އަޑުއިވެނީ މީސްކޮޅެއް ސައްލާ ކުރަމުން ގެންދާކަމަށް މިވެނި ތަނެއްގައި ހުޅުޖެހުމަށް އެވެނި މީހެއްގެ ގައިގައި ކަޓަރު އެޅުމަށް. އަނެކެއްގެ ގަޔަށް ވަޅިޖެހުމަށް. މިވާހަކަތަށް އަޅުގަނޑުމެންނަށް އަޑުއިވޭކަމީ ނުހަނު ކަންބޮޑުވާކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ފުލުހުން ހުޅުޖަހަން އުޅޭކަމަށް ވާހަކަތައް ދެކެވެމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.