އުރީދޫއިން ބޭނުންކުރަމުންދާ އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާ ސޮލިއުޝަން (އީކޭވައިސީ), ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.

އުރީދޫއިން ބުނީ، ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ، ޑިޖިޓަލް ޚިދުމަތްތައް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ، ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެއް ކަމަށެވެ.

މި ސިސްޓަމް މެދުވެރިކޮށް އެ މީހެއްގެ މައުލޫމާތު ކަށަވަރުކޮށް، މޫނަށް ބަލައި ކާކުކަން ދެނެގަތުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ވެސް އެ ސިސްޓަމުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ -- ފޮޓޯ: އުރީދޫ

މީގެ ކުރިން މި މަސައްކަތްތައް ކުރިއަށް ދިޔަގޮތާ އަޅައިބަލާއިރު، މި ސިސްޓަމް މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަކޮށްދޭ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މި ސިސްޓަމް ބޭނުންކުރާއިރު، ކަސްޓަމަރުން ތަޖުރިބާ:

  • ފާސްޓް އޮންބޯޑިން: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން

  • އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވުން
  • ފްރޯޑް މަދުވުން: ފޭކް އައިޑީއާއި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވުން
  • ފަސޭހަވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން

ހަމައެހެންމެ، އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި ތަފާތު މަރުހަލާތަކަށް ބެހިފައިވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން، ކެމެރާ ބޭނުންކޮށްގެން އައިޑީއާއި ސެލްފީ ނެގުމާއި އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރެވުން ހިމެނެއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެއްވަރަށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އެ ކުންފުނީގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ފަތުރުވެރިންނާއި ދިވެހިންނަށް އިތުބާރު ހިފޭ ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.