ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކޮށްދިނުމަށް މިއަދު ހުށަހަޅައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމްއަށް އެޑްރެސްކުރައްވައި، ފޮނުއްވި ސިޓީއެއްގައި އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހުއާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.

އެ ސިޓީގައި ވަނީ، ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފްސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށެވެ.

މާލެއާއި ވިލިމާލޭއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލުތައް މާލެ ސިޓީ ކައުންސިލުން އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހެވެ.

އޭގެ މިސާލެއްގެ ގޮތުން ސިޓީގައި ވަނީ، ވަސްމީރު ޕްރައިވެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަލިމަސް ކާނިވަލުން ކުއްޔަށް ދީފައިވާ ބިމުގެ ބޮޑުމިނަކީ، 1،309 އަކަފޫޓު ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މިދިޔަ މަހު 30ގައި ސޮއިކުރައްވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި އެ ބިމުގެ ބޮނުމިނެއް ކަމަށް އޮތީ 2،530 ކަމަށެވެ. އެއީ، 1،221 އަކަފޫޓުގެ ތަފާތެއް ކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެ ކަން އެޖެންޑާ ކޮށްދިނުމަށް އެދި ހުށަހެޅުއްވި ދެ ކައުންސިލަރުން ----- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ދެވަނަ ކަމަކަށް އެ ސިޓީގައި ކައުންސިލަރުން ފާހަގަކުރެއްވީ، ކައުންސިލުން ބިން ދޫކުރުމުގައި އެއްވެސް ހަމައެއް ލަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އެގޮތުން، ސައިޒާއި ލޮކޭޝަނާއި އަގުގައި މިންގަނޑެއް ނެތް ކަމަށާއި އެއްތާކުން ދެ ބަޔަކަށް ދޭ ދެ ބިމެއްގައި ވެސް އަގުގެ ފަރަގު އިންތިހާއަށް ހުރި ކަމަށް ބުނެފައިވެއެވެ.

"މިސާލަކަށް ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑުން އަލިމަސް ކާނިވަލުން ދީފައިވާ 2،026 އަކަފޫޓުގެ ބިމެވެ. މަހު ކުއްޔަކީ 29،260 ރުފިޔާއެވެ. މުއްދަތަކީ 20 އަހަރެވެ. އަޕްފްރަންޓް ޕޭމަންޓެއްގެ ގޮތުގައި 500،000 ނަގާފައިވެއެވެ. ހަމަ ޖެހިގެން އައި ދުވަހު ހަމަ އެސައިޒުގެ ބިމެއް، ހަމަ އަލިމަސް ކާނިވަލުން، ހަމަ އެ ޝަރުޠުތަކުގެ މައްޗަށް ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑަށް ދިނީ މަހަކު އެންމެ 10،000 ރުފިޔާއަށެވެ." އެ ސިޓީގައިވެއެވެ.

ސިޓީ ކައުންސިލުން ނެރުނު ދަފުތަރުން ދައްކާ ގޮތުގައި އެ ބިންތައް ހަވާލުކުރީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި، ސެޕްޓެމްބަރު 2023ގައެވެ.

އޭގެއިތުރަށް، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، ޖޫން 14، 2023ގައި މާލެ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދަށް ބަދަލު ގެނެސް، ދިގު އަދި ކުރު މުއްދަތަކަށް ވިޔަސް ހުސް ޖާގައެއް ކުއްޔަށް ދޫކުރާނަމަ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގޮތަށް ހެދި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ފަހުން ވެސް، 18 ބިން ކުއްޔަށް ދޫކުރިކަން އާންމުކުރި ލިސްޓުން އެނގޭ ކަމަށް ކައުންސިލަރުން ސިޓީގައި ވިދާޅުވެފައިވެއެވެ.

"އިވޭ ގޮތުގައި އެ ބިންތައް ކުއްޔަށް ދިނީ ޕްރޮޖެކްޓުތަކާ އަޅުވައެވެ. ނުވަތަ ވަކި އިންވެސްޓުމަންޓުތަކެއް ޝަރުތުކޮށްފައެވެ. ބިން ދެނީވިއްޔާ ކައުންސިލްގެ ފްލޯއިން ނިންމުމަކީ، ޖޫން 14، 2023ގެ ފަހުން ލާޒިމު ކަމެއް," ސިޓީގައި އިތުރަށް ތަފުސީލުކޮށްފައިވެއެވެ.

އެ ކައުންސިލަރުން ވިދާޅުވި ގޮތުގައި، ބައެއް ބިންތައް ދީފައި ހުރީ އިންވެސްޓުމަންޓުތައް ގެންނަން ޝަރުތުކޮށްފައެވެ. ނުވަތަ ކުނިކަހާ ސާފު ކުރުން ފަދަ ސިޓީ ކައުންސިލުން ކުރަމުންދާ އާދައިގެ ކަންކަމާ އަޅުވާފައި ކަމަށް އެ ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ.

އެ ބިންތަކުގައި ޚިދުމަތްތައް ފޯރުކޮށްނުދޭ ކަމަށާއި އިންވެސްޓުމަންޓުތަކެއް ވެސް ނުގެންނަ ކަމަށް ސިޓީގައި ވަނީ ބުނެއެވެ. ނަމަވެސް، އެ ބިންތަކުގައި "ގަދަޔަށް" ވިޔަފާރި ކުރާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

"ކޮންމެއަކަސް، މިދެންނެވި 18 ބިން ދޭކަށް ކައުންސިލްގެ ފްލޯއަކަށް ހަމަ ގައިމު ނުގެނެއެވެ. މިބިންތަކާބެހޭ ކޮންޓްރެކްޓުތައް ޞައްޙަވާނެ އެއްވެސް ޤާނޫނީ ހަމައެއް ނޯންނާނެއެވެ. މިއީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުންތަކެކެވެ." ސިޓީގައިވެއެވެ.

އެހެންވެ، މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ބިންތައް ދޫކޮށްފައިވާ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށާއި އެ ކަންކަމަށް ބަދަލު ގެނައުމަށް ނުވަތަ ކޮންޓްރެކްޓުތައް އުވާލަން ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ކައުންސިލަރުން ވަނީ ހުށަހަޅުއްވާފައެވެ.

އެއާއެކު، ބިން ލިބުނު މީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ މިންވަރު ހާމަކޮށްދިނުމަށާއި އެ ކަން ނުކުރާ މީހުންގެ ބިން ވަކިކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލްގެ ހިންގާ ގަވައިދަށް އިސްލާހު ގެނައި ފަހުން ޖަލްސާއަށް ހުށަނާޅާ، އެ ޖަލްސާގެ އަގުލަބިއްޔަތު ވޯޓަކުން ފާސްނުކޮސް، ދީފައިވާ ހުރިހާ ބިމެއް ވަގުތުން އަތުލުމާ މެދު ގޮތެއް ނިންމަން ވެސް ވަނީ އެދިފައެވެ.

އެ ކައުންސިލަރުން އެދިވަޑައިގަތީ އެކަންކަމާ މެދު މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އިއުލާނާ އެކު މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކުރި ފުލެޓުތަކާއި ބިންބިމާއި ތަންތަނާއި ފައްތިޔާތަކާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާކެޓުތަކުން ކުއްޔަށް ދޫކުރި ގޮޅިތަކުގެ ތަފުސީލުތައް ވަނީ ވަކިވަކިން އާންމުކޮށްފައެވެ.