ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

އެ ބައްދަލުވުން ބޭއްވީ، ފުލުހުންގެ ހައުސިން ޕްރޮޖެކްޓް ކަމަށްވާ ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

އެ ބައްދަލުވުން ސިއްރުކުރީ، ގައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެއެވެ. އެގޮތުން ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ.

އެއަށްފަހު، ކޮމިޓީ ސިއްރުކުރަން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވަނީ، ނަވީން ހިމެނޭ ގޮތަށް އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން މަޖިލީހަށް ލަަފާދޭން ފާސްކޮށްފައެވެ.

އެނގިފައިވާ ގޮތުގައި، އެ އޮފިސަރުން ސަސްޕެންޑުކުރަން ލަފާދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.

އެ ހަތް އޮފިސަރުންނަކީ:

  • ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން

  • އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން
  • އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު
  • އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު
  • ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް

އޭގެ ތެރެއިން ދާއޫދުގެ މައްޗަށް މީގެ ކުރިން ކޮމިޓީގައި ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތު ކުރެއްވީ، ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން އުފެއްދި ޚާއްސަ ސަބް ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

މިދިޔަ މަހުގެ 14ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ.

ދާއޫދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އޭނާ ފްރޭމް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް އެދި ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް އަމިއްލައަށް ވަނީ ހުށަހަޅުއްވައިފައެވެ.

މައްސަލަ ފެންމަތިވިއިރު ދާއޫދު ހުންނެވީ ހުޅުމާލޭ ޕޮލިސްގައި އިސްކޮށް ކަމަށް ނަމަވެސް، މި މަހުގެ އެއް ވަނަ ދުވަހު އޭނާ ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އޭނާގެ ބަދަލުގައި ހުޅުމާލޭ ޕޮލިސްގެ އިސް ބޭފުޅަކަށް އައްޔަންކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.