ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެ ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ ހާދިސާގައި އެ އެ މުވައްޒަފުގެ އެކި ތަންތަން ފިހިފައިވާއިރު، އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

އޭގެފަހުން، ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެ މުވައްޒަފުގެ އާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓު ބޯޑެއް: މުވައްޒަފުންނަށް އަނިޔާވުމުގެ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަނީ --

އެ ބަޔާނުގައި ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯއިން ވަނީ، މި ކަމާ ގުޅުން ހުރި މިނިވަން ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާ ކަމަށް ބުނެ، އެ މުއައްސަސާއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން އަންނަކަން ފާހަގަކޮށްފައެވެ.

"މި ނާޒުކު ހާލަތުގައި، އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި ކަމާ ގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މައުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ސްޓެލްކޯއިން ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާ ވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނިން ހާމަކުރާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލައިގައި ޚާއްސަ ތަހުގީގެއް ވެސް ފުލުހުންނާއި ސްޓެލްކޯއިން ހިންގިއެވެ.

އޭގެ އިތުރުން ވެސް ދޭތެރެއަކުން މާލެއާއި ހުޅުމާލެއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަރަންޓު ކަނޑައެވެ.