24 Aug 2012, 13:59
އަންކަރާ (އޮގަސްޓް 24): ސޫރިޔާގެ ވެރިކަމުން ރައީސް ބައްޝާރުލްއަސަދް ދުރުކުރުމާބެހޭ ޢަމަލީ ޕްލޭންތަކެއް ރޭވުމުގެ މަޝްވަރާތަކެއް އެމެރިކާއާއި ތުުރުކީން ފަށައިފި އެވެ.
މިކަން ހާމަކުރަމުން އެމެރިކާގެ ޚާރިޖީ ވުޒާރާ އިިން ބުނީ މިއީ ބައްޝާރު، މަޤާމުން ދުރުކުރުމާ ބެހޭ ޢަމަލީ ޕްލޭންތައް ރޭވުމުގެ ފުރަތަމަ ބައްދަލުވުން ކަމަށާއި ނަމަވެސް މީގެ މާނައަކީ ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުމަށް އެމެރިކާ ތައްޔާރުވުން ނޫންކަމުގަ އެވެ. މިއީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް މަޤާމުން ދުރުކުރުމާ ބެހޭ ޢަމަލީ ޕްލޭންތަކެއް ރޭވުމުގެ މަސައްކަތްކުރާކަން ފާޅުގައި އެމެރިކާ ހާމަކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ބައްޝާރު މަޤާމުން ދުރުކުރުމަށް ރާވާ ޢަމަލީ ޕްލޭންތައް ކުރިޔަށްދާ ގޮތުގެ ތަފްސީލެއް އެމެރިކާ ހާމައެއް ނުކުރެ އެވެ.
އެމެރިކާ އިން މިކަން ހާމަކޮށްފައި މިވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރު ވަރުގަދަކުރުމަށް ޓަކައި އެފަރާތްތަކަށް އެހީވުމާބެހޭ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުގެ ލީޑަރުން ފޯނުން މަޝްވަރާތަކެއްކުރެއްވިތާ އެއްދުވަސްފަހުންނެވެ. އަދި ބައްޝާރު ވެރިކަމުން ދުރުކުރަންޖެހޭ ކަމަށާއި ބައްޝާރު ވެރިކަމުގައި ހުންނަވައިގެން ސޫރިޔާގެ މައްސަލައަށް ޙައްލެއްނެތްކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑޭ ވިދާޅުވެފައިވަނިކޮށެވެ.
އަނެއްކޮޅުން އެމެރިކާގެ ބައެއް މަސްއޫލުުވެރިން ވަނީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކަށް ވަމުންދާގޮތް ވަރަށް ގާތުން ބަލަމުންގެންދާކަމަށް ވިދާޅުވެ ސޫރިޔާގެ ކެމިކަލް ސްޓޮކްގެ ސަލާމަތަށްޓަކައި ޕެންޓަގަންއިން ޢަމަލީ ޕްލޭނެއް އެކުލަވާލާފައިވާކަން ހާމަކުރައްވާފަ އެވެ. މިޕްލޭންގެ ބޭނުމަކީ އެމެރިކާއާއި އިސްރާއީލުގެ ދުޝްމަނުން ކަމަށްވާ އަލްޤާއިދާ ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ އަތްދަށަށް މިހަތިޔާރުތައް ދިޔުން މަނާކުރުން ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. މިފަރާތްތަކުގެ އަތްދަށަށް މިހަތިޔާރުތައް ދާކަން އެމެރިކާއަށް އެނގިއްޖެ ޙާލަތެއްގައި އެމެރިކާ ސިފައިންގެ ކުދި ގްރޫޕްތަކެއް ސޫރިޔާއަށް ކުއްލިއަކަށް ވަދެގަތުން މިޕްލޭންގައި ހިމެނޭކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)