އަހަރެއް ފަހުން، ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޠާހާ އެނބުރި ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޠާހާ މިދިޔަ އަހަރުގެ ނޮވެންބަރު 11ގައި ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓްރީގެ ބޭނުމަކަށް ކަމަށެވެ. އަދި، ވަޑައިގެންނެވި ބޭނުން ނިންމަވައި މި މަހުގެ 16ވަނަ ދުވަހު އެނބުރި ޕާކިސްތާނަށް ވަޑައިގެންފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ރާއްޖޭން ކަނޑައެޅި ސަފީރުގެ ގޮތުގައި ހުންނެވި ޠާހާ ޕާކިސްތާނަށް ކަނޑައަޅާ ސަފީރުކަމަށް ބަދަލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހެވެ.

ސަރުކާރުން ޠާހާ ރާއްޖެ ގެނައީ ޕާކިސްތާނަށް އަފްޣާނިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ސަރުދާރު އަހުމަދު ޝަކީބާ ބައްދަލުކުރެއްވި މައްސަލައިގައެވެ. ސަރުކާރުން ބުނިގޮތުގައި ޠާހާ ޝަކީބާ ބައްދަލުކުރެއްވީ ސަރުކާރުގެ ހުއްދަ ނުހޯދައެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސަރުކާރުން ޠާހާއަށް ފިޔަވަޅު އެޅިކަމަށް ވަނީ އޭނާ ރާއްޖެ ވަޑައިގަތުމުގެ ހަތް ދުވަސް ކުރިން، ނޮވެންބަރު ތިނެއް، 2024 ގައެވެ.

ފޮރިން މިނިސްޓްރީން މީގެ އަހަރެއް ކުރިން ބުނީ، ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ އެކު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާ އެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ.

އެ ކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެކަމަކު، އެއީ ކޮން ފިޔަވަޅެއް ކަމެއް ސަރުކާރުން އޭރު ނުބުނެއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ ވެރިކަން ރާއްޖެއިން ރަސްމީކޮށް ބަލައެއް ނުގަނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭން ގައުމެއް ބަލައިގަތުމާ މެދު ސުވާލު އުފެދިއްޖެ ނަމަ އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށް ކަމަށެވެ. އެހެންވެ، އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ރާއްޖޭން ބަލައިގަންނަނީ އދ ގައި އަފްޣާނިސްތާނު ތަމުސީލުކުރާ ފަރާތް ކަމަށް ބަޔާނުގައި އޭރު ބުންޏެވެ.