ކޮންމެ އަހަރަކު ގަވާއިދުން ބާއްވަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މިއަހަރު ނިމެން ގާތްވާއިރުވެސް ހަބަރެއް ނެތެވެ.

މިއަހަރު ދޭނީ ވޭތުވެދިޔަ 2024 ވަނަ އަހަރު ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތްތަކާއި ލޯކަލް މުބާރާތްތަކުގައި ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ މަސައްކަތްތަކަށް ބަލާނެއެވެ.

ނަމަވެސް، މިއަހަރު ނިމެން ބާކީ އެއް މަސް އޮތްއިރުވެސް މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްސް ބޭއްވިދާނެކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

"އެސޯސިއޭޝަނަކުން ވެސް މިނިސްޓްރީން ވެސް އެއްވެސް އަޕްޑޭޓެއް ނެތް، ކޮންސިސްޓަންސީ ވަރަށް މުހިންމު އަހަރެމެންނަށް، މިހެން ވާނުވާ ނޭނގި ދަންޏާ އެތުލީޓުންވެސް މާޔޫސްވާނެ" ނަން ނުޖަހަން ޝަރުތުކޮށް ރާއްޖޭގެ ވަރުގަދަ އެތުލީޓަކު "ސަން" އާއި ވާހަކަދައްކަމުން ބުންޏެވެ.

މީގެއިތުރުން ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވަނީ އެވޯޑު ހަފުލާ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން "ސަން" އިން ވާހަކަދެއްކި ތިން އެސޯސިއޭޝަނަކުން ވަނީ މި އެވޯޑުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

"ކޮންމެ އަހަރަކު ގަވާއިދުން ބާއްވާ ހަފުލާއެއް މިއީ، އަދި އަލަށް މިހާ ދުވަސް މިދަނީ މިކަމަށް، އުންމީދުކުރަނީ އަވަސް ޖަވާބެއް ލިބި އެތުލީޓުންނަށް އުފާވެރި ހަބަރެއް ލިބުން" އެސޯސިއޭޝަނެއްގެ އިސް ވެރިއެއް ބުންޏެވެ.

އެންމެފަހުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިދިޔަ އަހަރު އެވޯޑު ދިނީ އޭގެ ކުރީ އަހަރުގެ ނަތީޖާތަކަށް ބެލުމަށްފަހު އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާއާ ގުޅޭ މަޝްވަރާތަކުގެ ބޮޑުބައި ވަނީ ނިމިފައެވެ. ނަމަވެސް ބާއްވާނެ ތަނަކާއި ތާރީހު އަދި ޔަގީނެއް ނޫނެވެ.