ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓާ ގުޅިގެން ބައެއް ފުލުހުން މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޯނީގެ ރިޕޯޓަށް ފަހު ބައެއް ފުލުހުން ނިކުމެ މާލެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ތައްޔާރުވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"ކޯނީގެ ރިޕޯޓް ހާމަކުރާ ދުވަހާ ގުޅިގެން ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުން މާލެ ބިރުވެރި، ނާމާން ތަނަކަށް ހެދުމަށް ތައްޔާރީތައް ވަމުންދާ ކަމުގެ ވާހަކަ ފެތުރުމަށް މެދުވެރިވާކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމަކަށްވާތީ، އެކަން އެގޮތަށް ނުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުއަޑުން ގޮވާލަމެވެ."

އެމްޑީޕީ އިން ނެރެފައިވާ ބަޔާނުގައި ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ކަމަށް ނިންމައިފި ނަމަ ސަރުކާރު ދިފާއު ކުރުމަށް ބައެއް ފުލުހުން ނުކުންނާނެ ކަމަށް ވާހަކަތައް ދެކެމުންދަނީ އެކަމުގައި ހަގީގަތްތަކެއް އޮވެގެން ކަމަށް އެ ޕާޓީން ގަބޫލު ކުރާކަމަށް ބުނެފައިވެ އެވެ.

"އެގޮތަށް އެ ވާހަކަ ފެތުރެމުން ދަނީ އެކަމުގައި އަސްލެއް އޮވެގެންކަމަށް ބެލެވޭތީ އާއި އަދި އެގޮތަށް އެވާހަކަ ފަތުރަނީ ވެސް ނުކިޔަމަންތެރިކަން ދެއްކި ފުލުހުންކަމަށް ޤަބޫލުކުރެވެ އެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކޯނީގެ ރިޕޯޓާ ގުޅިގެން އެފަދަ ހަމަނުޖެހުމެއް މާލެގައި ހިންގުމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގެއްލުން ލިބޭނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމެއް ކަމަށް ބުނެފައިވާ އިރު ފުލުހުންގެ އެ އަމަލުތައް ގާތުން ބަލަމުން ދިއުމަށް ގައުމީ ފުލުހުންނާއި ގައުމީ ސިފައިންގެ ކިބައިން އެދޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަންނަ ބުރާސްފަތި ދުވަހު ކޯނީގެ ރިޕޯޓު ނެރުމަށް ހަމަޖެހިފައިވާ އިރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ވިދާޅުވެފައި ވަނީ އެ ދުވަހު މާލެގައި އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެދުވަހު މާލެ ހަލަބޮލިކޮށް ހަމަނުޖެހުން ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.