26 Nov 2025, 11:50
ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭހަށް ޚާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ބޭރު ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށެވެ.
އެގޮތުން ރާއްޖޭގައި އަމިއްލައަށް ބޭސް އުފައްދައި، އެ މަސައްކަތަށް ޚާއްސަ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޭސް ލިބުމުގެ ދައްޗަށް އޮތް ހައްލަކީީ އެ މަގުން ކުރިއަށް ގޮސްގެންނެވެ.
ދިރާސާތަކުގެ އަލީގައި، ވަކި ކަމަކަށް ޚާއްސަކޮށްގެން ކުންފުންޏެއް އުފައްދައިގެން ކުރާ މަސައްކަތުގެ ނަތީޖާ އަބަދުވެސް ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާތަނަށް އެސްޓީއޯ މެދުވެރިކޮށް ބޭސް އެތެރެކުރަމުންދާއިރު، އެ ކުންފުންޏަކީ އެހެނިހެން ވިޔަފާރިތައް ވެސް ކުރާ ކުންފުންޏެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކިއެކި ވިޔަފާރި ކުރާ ކުންފުންޏެއްގެ ބަދަލުގައި، ބޭހަށް ޚާއްސަ ކުންފުންޏެއް އޮންނަނަމަ އެ ކުންފުނީގެ މުޅި 'ފޯކަސް' އަކަށް ވާނީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުންކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ފާމަސޫޓިކަލްސްއަށް ވަކި ކުންފުންޏެއް ހެދުނީމާ މުޅި ބޯޑުގެ ވިސްނުން ހުންނާނީ، ކުންފުނީގެ ވިސްނުން ހުންނާނީ މުޅި މައްސަލައަށް ހައްލު ހޯދައިދިނުމަށް. ދިވެހިރާއްޖޭގެ ބޭހުގެ މުޅި މައްސަލައަށް ހައްލު ހޯދައިދިނުން،ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް
ބޭހަށް ޚާއްސަ ސަރުކާރުގެ ކުންފުނިތައް ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ހިންގާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ކައިރި އަވައްޓެރި ގައުމުތަކުގައި އަމިއްލަ ބޭސް އުފައްދާ ކަމަށެވެ.
ބޭސް ބޭރުން ގެނެސް ރާއްޖޭގައި ވިއްކައިގެން ހައްލުކުރެވިދާނެކަމަށް ވިސްނާނަމަ އެއީ މާ 'ނެރޯ' ނުވަތަ ހަނި ވިސްނުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ އެއަށް ވުރެ މާ ފުޅާ މަސައްކަތެއް ކަމަށާއި، މިކަމަށް ފަންނުވެރި ބަޔަކު ނެތި ހައްލެއް ނުލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ވިދާޅުވީ ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް -- ފޮޓޯ/ މަޖިލިސް
ނާޒިމް ވިދާޅުވީ ބޭހަށް ޚާއްސަކޮށް އުފެއްދި ކުންފުނީގެ މަސައްކަތަކަށް ވާނީ ދިރާސާކޮށް، ބޭހާ ބެހޭ ވަރުގަދަ ލެބޯޓަރީތައް ހަދައި، އިންވެސްޓަރުން ހޯދައި، ރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯއާއި ކުރެވޭނީ ކޮން ކަމެއްތޯ ބަލައި، މުޅި އެ ދާއިރާ ފުޅާކުރުން ކަމަށެވެ.
ނުވިސްނަވާށޭ ހަމައެކަނި ބޭސް އެއް ގައުމުން އަނެއް ގައުމަށް ސަޕްލައިކޮށްފައި އެ ބޭރުން ގެނެސްފައި ރާއްޖެއަށް ފޮނުވާ [ހަދަން]. ނޫން! ނޫން! އެހެންނެއް ނޫން! އެއަށްވުރެ މާ ފުޅާ ސްކޯޕެއްގައި، އެއަށްވުރެ ފުޅާ މެންޑޭޓެއް ދީގެން މީގެ ލެބޯޓްރީ އަންނާނެ، ރިސާޗު އަންނާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހި ރާއްޖޭގައި މިއީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް،ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް
ނާޒިމް އެފަދައިން ވިދާޅުވިއިރު އާންމުންނަށް ބޭސް ލިބުން ދަތިވެ، ބޮޑެތި ބަލިބައްޔާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް އާއްމު ރައްޔިތުން ދަނީ ބައެއް ކަހަލަ ބޭސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު "ސަން" އަށް ކުރިން ވިދާޅުވީ އެކުންފުނީގެ މަސައްކަތްތައް ފަށަން އަދި ތިން މަސް ވަރު ނަގާނެ ކަމަށެވެ. ޝާހު ވިދާޅުވީ، މި ވަގުތު ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި، މި ވަގުތު ކުރިއަށް ދަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ.
ޝާހު ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ގިނަ މަސައްކަތްތަކެއް ކުރާއިރު ބޭސް އެތެރެކުރުމުގެ މަސައްކަތަށް މުޅިން ސަމާލުކަން ނުދެވޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، ބޭހުގެ މަސައްކަތަށް ވަކި ކުންފުންޏެއް އޮތުމުގެ ސަބަބުން ބޭހުގެ އަގުތައް ރަނގަޅުވެ، ބޭސްތައް ލިބުން ކުރިއަށްވުރެ އަވަސްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކުންފުނިން ބޭހުގެ އެންމެހާ ކަންކަމާ ހަވާލުވުމުން، ފާމަސީތައް ހިންގުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ/ ރައީސް އޮފީސް
ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.
އާ ކުންފުންޏެއް އުފެއްދިއިރު، މިކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި މީހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުން އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށާއި، ލިބޭނީ ވެސް އިތުރު އުނދަގޫކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ވިދާޅުވެފައެވެ.
ރެޖިސްޓާކޮށްފައި، ބޭސް ލިބެން ހުއްޓަސް އާސަންދަ ނުލިބޭ ބޭސްތައް ވެސް ހުރެއެވެ. އަދި އާސަންދަ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް ފާމަސީތަކުން ލިބެންނުހުންނަ ބޭސް ވެސް ހުރެއެވެ. އެހެންކަމުން ރައްޖެއިން ނުލިބޭ ބޭސް ރައްޔިތުންނަށް ފޯރުކޮށްދެމުން ދަނީ އެސްޓީއޯ މެދުވެރިކޮށް، އެންސްޕާއިން ފަންޑުކޮށްގެންނެވެ.