26 Nov 2025, 11:36
މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ޔޫތު މިނިސްޓަރުކަން ކުރެއްވުމަށް ފަހު، މި މަހު ޕީއެންސީއަށް ބަދަލުވެވަޑައިގެން އަހުމަދު މަހުލޫފަށް ޖަޕާން ސަފީރުކަން ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުވައިފިއެވެ.
ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހު 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އޭގެ ކުރިން 'ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން' ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީން ވަކިވެފައެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައެވެ. އެހެންވެ، މަހުލޫފްގެ ނަން ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކޮމިޓީން ރުހުން ދިނުމުން، ތަޅުމުން އަދި ރުހުން ދޭން ޖެހޭނެއެވެ. ސަފީރުކަމަށް އައްޔަންކުރާނީ އެއަށް ފަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަހުލޫފް އޭނާގެ ސިޔާސީ މަސައްކަތް ފެށީ ޑީއާރްޕީއެންނެވެ. އެއަށް ފަހު، އެ ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އޭނާ ވަނީ ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
އެކަމަކު، ޕީޕީއެމްގެ ވެރިކަމުގައި މަހުލޫފް ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ނުކުންނަވާފައެވެ. އެގޮތުން، އޭރު އޮތް އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި، އެ ވެރިކަމުގައި މަހުލޫފް ޖަލަށް ވެސް ލިއެވެ.
އެއަށް ފަހު، އޭނާ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. އަދި، ދެން އުފެދުނު އެމްޑީޕީގެ ވެރިިކަމުގައި މަހުލޫފަށް ވަނީ ޔޫތު މިނިސްޓަރުކަން ދީފައެވެ. އެކަމަކު، އެ ޕާޓީއަށް ވެރިކަން ގެއްލުނު ފަހުން ސިޔާސީ ހަރަކާތްތަކުން މަހުލޫފް ފެންނަލެއް މަދެވެ. އަދި، މި އަހަރު އޭނާ ވަނީ އެމްޑީޕީން ވަކިވެފައެވެ.
ޕީއެންސީއާ ގުޅުނުއިރު ވެސް ބޭރު ގައުމެއްގެ ސަފީރުކަމަށް އޭނާ އައްޔަންކުރަން އުޅޭ ވާހަކަ އޮތީ ދެކެވިފައެވެ.