ޕެނަލްޓީގައި ލީބިޔާ ބަލިކޮށް ފަލަސްތީނުން އަރަބި ކަޕަށް ކޮލިފައިވެެއްޖެއެވެ.

ކޮލިފައިންގައި ލީބިޔާއާއި ވާދަކޮށް ފަލަސްތީނު މި މެޗު ޕެނަލްޓީން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ޕެނަލްޓީގައި ފަލަސްތީނުން ލީބިޔާގެ މައްޗަށް ކުރިހޯދާފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުން ލީބިޔާ ބަލިވި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އުފާވެރިކަމެވެ.

"ފަލަސްތީނަށް ލިބޭ ކޮންމެ އުފަލަކީ އަހަރެމެންނަށްވެސް ލިބޭ އުފަލެއް، އެއީ ކުޅިވަރުގައި އޮންނަ ކަމެއްނޫން، އަހަރެމެން އެންމެން މިތިބީ ފަލަސްތީނާއެކު" ލީބިޔާގެ ކެޕްޓަން މެޗަށްފަހު ބުންޏެވެ.

ބަލިވި ލީބިޔާ ޓީމުގެ ކުޅުންތެރިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދީ އުފާފާޅުކުރަނީ

މެޗަށްފަހު ފަލަސްތީނުގެ ކޯޗު ވަނީ މި ނަތީޖާއާއެކު ބޮޑު އުފާވެރިކަމެއް ލިބުނުކަން ހާމަކޮށްފައެވެ. އަދި ފަލަސްތީނާއި އެހެން ގައުމުތަކާ އޮތް ތަފާތާއެކު އަމާޒަކީ ފުޓުބޯޅައިން ފަލަސްތީނުގެ ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނު ގައުމީ ޓީމުގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ފާހަގަކޮށް ކޯޗު ބުނީ މުސްތަގްބަލުގައި އެ ޓީމުގެ އަމާޒަކީ ވޯލްޑްކަޕުން ފުރުސަތު ހޯދުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާން އަދިވެސް ކުރަންހުރި މަސައްކަތްތައް ގިނަކަން އޭނާ ފާހަގަކުރި އެވެ.

ފީފާ އަރަބް ކަޕްގައި ފަލަސްތީނު ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ޓިއުނީޝިއާގެ އިތުރުން ސީރިއާއެވެ. މުބާރާތް ފަށާނީ އަންނަ މަހުގައެވެ.