26 Nov 2025, 11:54
ބީއެމްއެލުން ލޯނު ދޫކުރަމުން ދާނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށް، އެ ބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު 'އެކްސް'ގައި ލިޔުއްވިގޮތުގައި، 53 ކުންފުންޏަކާ ސަރުކާރުން ހަވާލުކުރި 206 މަޝްރޫއަށް ބީއެމްއެލުން ފައިނޭންސިން ދޫކުރަނީ ބޭންކިން ގާނޫނާ ޚިލާފަށްކަމަށް އިދިކޮޅު އެމްޑީޕީން ބުނި ވާހަކަތަކަކީ ސައްހަ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.
"ބޭންކުން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތް ތަނުގައި ލޯނު ދޫކުރަމުން ދާނީ ވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާއި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ،" ސައީދުގެ ޕޯސްޓުގައިވެއެވެ.
އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ޓަކައި ބީއެމްއެލްގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް ހަގީގަތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސައީދު ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބީލަމަށް ނުލައި ސަރުކާރުން ހަވާލުކުރި 206 މަޝްރޫއަށް ގައުމީ ބޭންކު، ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އިއްޔެ ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އެމްޑީޕީން ވަނީ އެ މަޝްރޫއުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ބީއެމްއެލްގެ ޗެއާމަން އަހްމަދު އަލީ ހަބީބަށް ސިޓީއެއް ފޮނުވައިފައެވެ.
އެގޮތުން 206 މަޝްރޫއަށް ފައިނޭންސިން ހަމަޖައްސާނީ ބީއެމްއެލުން ކަމަށް ސަރުކާރުން ބުނިކަން ފާހަގަކޮށް ސިޓީގައި ވަނީ، އެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަވާލުކުރި ކުންފުނިތަކާއި މަޝްރޫއުތައް ހިންގުމަށް ރާވާފައިވާ ގޮތަށް ބެލުމުން، ބީއެމްއެލްގެ އުސޫލުތަކާ އެއްގޮތަށް ފައިނޭންސް ނުކުރެވޭނެކަން ފާހަގަވާ ކަމަށެވެ.
އެގޮތުން އެއް ކަމަކަށް، ބޭންކުން ފައިނޭންސް ހަމަޖައްސާނެ މަޝްރޫއުތަކާއި ފައިނޭންސް ދޭނެ ކުންފުނިތައް ކަނޑައެޅޭނީ ބޭންކުގެ އުސޫލުތަކާއި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ކުރެވިދާނެކަމަށް އަދި އެއީ ރަނގަޅު ނިންމުމެއްކަމަށް ބޭންކުން ނިންމުމަށްފަހު ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.
މީގެ އިތުރުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކަކީ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތުގެ ތަޖުރިބާ ނެތް ކުންފުނިތަކެއް ކަމަށް ބުނެ، މަޝްރޫއުތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމޭނެތޯ އެމްޑީޕީން ސުވާލު އުފެއްދިއެވެ.
"މި ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ،" އެ ސިޓީގައި ވެއެވެ.
އެއްވެސް ގެރެންޓީއެއް ބެހެއްޓުމަކާ ނުލައި އެ ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ ބޭންކުގައި ހުރި ފައިސާ ސީދާ 100 ޕަސެންޓު ރިސްކު ހިމެނޭ މުއާމަލާތަކަށް ދޫކޮށްލުން ކަމަށާއި، އެކަން ވާނީ ބީއެމްއެލުން އުސޫލާ ޚިލާފަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން އެ މަޝްރޫއުތަކަށް ފައިނޭންސްކުރުން ހުއްޓާލަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
"އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ސިޓީގައިވެއެވެ.
އެ 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް ވެސް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެމްޑީޕީން ސިޓީއެއް ހުށަހަޅާފައިވެއެވެ.