24 Aug 2012, 12:09
ސްރީލަންކާޔާއި ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ އަދަދު 17 ޕަސެންޓް އިތުރުވެފައިވާކަމަށް އެކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި މިނިސްޓާ އަހުމަދު މިއަދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 43 މިލިއަން ޑޮލަރުގެ ތަކެތި ރާއްޖެއަށް ލަންކާ އިން އެކްސްޕޯޓުކޮށްފައިވާ ކަމަށާއި މިއަހަރު ނިމޭއިރު 80 ނޫނީ 90 މިލިއަން ޑޮލަރުގެ ތަކެތި ލަންކާއިން ރާއްޖެއަށް އިމްޕޯޓު ކުރެވޭނެ ކަމަށެވެ.
"މިވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު ލަންކާއިން ރާއްޖެއަށް އިމްޕޯޓް ކުރާވަރު 17 ޕަސެންޓް ވަނީ އިތުރުވެފައި، ވަރަށް އާދައިގެ އައިޓަމުން ފެށިގެން، ވަރަށް އަގުބޮޑަތި އެއްޗިހި އެބަ އެތެރެ ކުރެވޭ ލަންކާއިން، ހިސާބުތަކަށް ބަލާއިރު ލަންކާއިން ރާއްޖެއަށް 2010 ގައި 63 މިލިއަން ޑޮލަރުގެ އެއްޗިހި އެބަހުރި އެތެރެކޮށްފައި، އަދި 2011ގައި 24 މިލިއަން ޑޮލަރު އެބަހުރި އެތެރެކޮށްފައި،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓާ ވިދާޅުވީ ލަންކާއިން ރާއްޖެ އެންމެ ގިނައިން އެތެރެ ކުރެވެނީ ބިހާއި، ބޭހާއި، ކިރުގެ އެކި ބާވަތްތަކާއި އަދި މޭވާއާއި ތަރުކާރީގެ ބައެއް ބާވަތްތައް ކަމަށެވެ. ރާއްޖޭން ލަންކާއަށް، އެކްސްޕޯޓު ކުރާ ބައެއް ބާވަތްތަކާ ހިސާބުތަކާ ގުޅޭގޮތުންވެސް މިނިސްޓާ ވާހަކަދެއްކެވި އެވެ. ވިދާޅުވީ އެންމެ ގިނަ އަދަދަކަށް ރާއްޖޭން ލަންކާއަށް އެކްސްޕޯޓު ކުރަނީ މަހާއި އަދި އެކި ބައު ދަނގަޑުގެ ބާވަތްތައް ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭން ލަންކާއަށް ކުރާ އެކްސްޕޯޓުގެ އަގު 40 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ރާއްޖޭގައި އިންވެސްޓަރުންނަށް ރަނގަޅު ފުރުސަތުތަކެއް އެބަހުރި، ރާއްޖޭގެ ވިޔަފާރީގެ މާހައުލުން ލަންކާގެ އިންވެސްޓަރުންނަށްވެސް ރަނގަޅު ފުރުސަތު ލިބެނީ، މި ފެންނަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައްވެސް ރަނގަޅުވެފައިވާތަން،" މިނިސްޓާ ވިދާޅުވި އެވެ.
ލަންކާގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިޝާދު ބަދީއުއްދީން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއާ ލަންކާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ރަނގަޅު މާހައުލެއް އޮތްކަމަށް ދެކެވަޑައިގަންނަވައި ކަމަށެވެ. ފޮރިން އިންވެސްޓަރުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުގެނައުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދެ ގައުމުގެ ދެމެދުގައި މިހާރުމިއޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރަން އެބަޖެހޭ، އެކަމާ މެދު ގޮތްތަކެއް ހޯދަން ޖެހޭ،" ބަދީއުއްދީން ވިދާޅުވި އެވެ.
ރާއްޖޭން ލަންކާގައި ހުންނަވައި ހައިކޮމިޝަނަރު ހުސެން ޝިހާބުވެސް އެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއާ ލަންކާޔާ ދެމެދު ވިޔަފާރީގެ ގުޅުންތައް ރަނގަޅުވަމުން އަންނަ ކަމަަށާއި އެއީ ރަނގަޅުފާލެއް ކަމަށެވެ. އަދި ވިދާޅުވީ ލަންކާޔާ ރާއްޖޭގެ ވިޔަފާރިވެރިންގެ ދެމެދު ގުޅުން ބަދަހިކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.