ކޮލަމްބޯ އިން: އަހުމަދު ނާއިފު

ލަންކާގެ ތަޖުރިބާ އިން ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ ފުޅާ ކުރެވިދާނެ ކަމަށާއި އެކަމުގައި ލަންކާގެ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެ އިން މަރުހަބާ ކިޔާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ މީގެ ކުރިން ރާއްޖެ އަކީ ބޭރަށް ދަތުރުކުރާ ގިނަ ބޯޓުތަކެއް އޮތް ގައުމެއް ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ އެކީއެކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ.

"މިއީ ޖަޒީރާ ރަށްތަކެއްގެ ގޮތުން ވިސްނާލަން ޖެހޭ ކަމެއް، މިއީ ސީރިއަސް މައްސަލައެއް، މީގެ ކުރިން ރާއްޖޭގެ ބޯޓުގެ އަދަދު 100 އާ ގާތްކުރާނެ، ނަމަވެސް ހައިރާން ކުރުވަނިވި ކަމަކީ، އެކަން މިއަދު ނެތްކަން، މުޅިން އެކީ ނެތިގޮސްފައިވާކަން، ނަމަވެސް ސަރުކާރުގެ ވިސްނުން މިހާރު ހުރީ އެ އިންޑަސްޓްރީ އަލުން މުރާޖައާކޮށް ދިރުވުމަށް، އެކަމުގައި ލަންކާގެ ތަޖުރިބާ މުހިންމުވާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ އިމްޕޯޓުގެ މައްޗަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޝިޕިން އިންޑަސްޓްރީގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ވަރަށް ކުދި ރަށްރަށުގައި ބައެއް ރައްޔިތުން ދިރިއުޅެމުން ގެންދާ ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ތަރައްގީވެފައިވާ ސަރަަހައްދުތަކެއް ގާއިމްކޮށް އެ ސަރަހައްދުތަކަށް މީހުން ބަދަލުކުރެވޭނެ އެންމެހާ ވަސީލަތްތައް ތަނަވަސް ކޮށްދިނުން ކަމަށެވެ.

"މިކަން އެގޮތަށް ވުމުން ބައެއް ރަށްރަށް ލިބިގެން ދާނެ އެކި އެކި ވިޔަފާރީގެ މަސައްކަތްތައް ކުރަން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުތައް ވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ގައުމުގެ އެންމެ މުހިންމު ދާއިރާއަކީ ޓޫރިޒަމް ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލެއް ކަމަށާއި ދިވެހި ރިސޯޓުތަކަކީ ތިމާވެއްޓާ ރައްޓެހި ރިސޯޓުތަކެއް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވެސް ފުރުސަތުތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ތެލުން ކަރަންޓް އުފައްދަން ޖެހުމުން ރާއްޖޭން ކުރަން ޖެހޭ ހޭދަބޮޑު ކަމަށާއި އެކަމަށް އަވަސް ހައްލެއް މިހާރުން މިހާރަށް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ޕްރޮގްރާމުތަކެއް ހިންގުމަށް ބައެއް ރަށްރަށް މިހާރު ވެސް ހޯދާފައިވާ ކަމަށާއި އެކަމުގައި ޕްރައިވެޓް ސެކްޓަރުގެ އެއްބާރުލެއްވުން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ރައްކާތެރި ތަނެއް ކަމަށާއި އިންވެސްޓަރުންނަށް އޮޅުވާލުމާއި މަކަރުހެދުމަށް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި އެކަމުގައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް ދޭނެ ޔަގީންކަމަކީ ރާއްޖޭގައި ކަންކުރާނީ ގާނޫނާ އެއްގޮތަށް ހަމަކަންމަތީ، އިންވެސްޓަރުންނަށް އޮޅުވާލުމަށް ޖާގައެއް ނޯންނާނެ. އެމީހުންނަށް ގާނޫނުން ލިބިދޭ ހުރިހާ ރައްކާތެރިކަމެއްގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެއާޕޯޓު ބޭރުބަޔަކަށް ދިނުމުގެ ސަބަބުން ރާއްޖެ އަށް ވަންނަ ބޭރު ފައިސާތަކެއް ގެއްލި އެކަމުގެ ދަތި ރާއްޖެއަށް ފޯރަމުންދާކަން ފާހަނގުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭން ފޮރިން އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމު އޮންނާނީ ވިޔަފާރިއަށް ހުޅުވާލެވިފައި،" ރައީސް ވިދާޅުވި އެވެ.

ބިޒްނަސް ކޮމިޔުނިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ލަންކާގެ ބޮޑަތި ވިޔަފާރިވެރިން ބައިވެރިވެ ރައީސް ޑރ. ވަހީދާއި ބައްދަލުކުރައްވި އެވެ. އަދި މިނިސްޓަރުންނާ ބައްދަލުކުރައްވާ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސާފުކުރެއްވި އެވެ.

ލަންކާގެ ސަގާފީ ޓޫރިޒަމްގެ ސަރަހައްދެއް ކަމަށްވާ، ގޯލް ފޯޓަށް ރައީސް މިއަދު ވަނީ ޒިޔާރަތްކުރައްވައި އެތަނުގެ މައުލޫމާރު ހޯއްދަވައިފަ އެވެ.