28 Nov 2025, 11:11
"މާތް ﷲ ލުގުމާނު ސޫރަތުގެ ސާދަ ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ. ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ. އެނބުރި ރުޖޫއަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ހަޟުރަތަށެވެ."
***
ހަނާންގެ ނަޒަރު އޭނަގެ މޫނަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. ފާޅުގައި ދެކޮޅުވެރިކަން ނުދެއްކިޔަސް އެލޮލުން ފެނުނީ ވިދުމެކެވެ. އެހިތަށް ލިބިފައިވާ ހަމަޖެހުމެވެ. މިރިއަމްއަށް ވިސްނައިގަންނަން ނޭގެނީ ސަބަބެވެ. ހަނާންގެ ކުރިމަތީގައި އޭނަ ކުޑަވާން ޖެހޭ ސަބަބެއްވެސް މެއެވެ.
"އާހް.....ހާދަ ލޯބިއޭ..."ހަނާންގެ އަޑު ނިކަން އޮމާނެވެ. ހަނާންގެ ހިތުގައި އޭނައާއިމެދު އޮތީ ކޮންފަދަ ޝުއޫރެއްކަން މޫނުމަތިން ދައްކާނުލައެވެ. ތަފާތު އަންހެންކުއްޖެކެވެ. ރީތިކަމާއި ފަރިކަމާއެކު އެންމެންގެ ހިތްތައް އަތުލުމަށް ނިކަން ކުޅަދާނައެވެ. ހަމައެކަނި ބޮޑެތި މީހުންނެއްނޫނެވެ. ކުޑަކުދިންގެ ލޯބިވެސް ހޯދައިގަންނަން އެނގެއެވެ. އޭނަގެ ދަރިފުޅު މަރުވާވެސް ވަނީ އެ ހިނިތުންވުމާއި އޯގާތެރިކަމުގެ ޖާދޫގައި ޖެހިފައެވެ.
***
ރުމައިސާގެ ގެއިން އެނބުރި އައި މަގުމަތީގައި މިރިއަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ލަފުޒުތަކެވެ. ތަކުރާރުކޮށެވެ.
އެޕިސޯޑްސް...ހަނދާން ނެތުން، ޖަމީލާހެން....
އެ ޚިޔާލުތައް ސިކުނޑިން ނެރެލަން ބޭނުންވިޔަސް ވަކި ހިއްޕާލާފައިވަނީ އެއަށްވުރެ
ވަރުގަދަކޮށެވެ. ހިރަފުސްހެން ފޮޅައިލެވޭކަށް ނެތެވެ. އެންމެފަހުން އޭނަ ނިންމީ އެބުނާ
އެމްއާރުއައި އެއް ހެދުމަށެވެ. އޭނަަ ފޯނު ހުޅުވާލައިގެން ޓައިޕްކުރަންފެށިއެވެ. ހޯމަ ދުވަހު
ދިހައެއް ޖަހާއިރުއެވެ. އެތައް ސިކުންތުަކަށް ފޯނަށް ބަލަހައްޓައިގެން އިނދެވުނުއިރު ހިތުގައި
ބިރުވެރިކަމުގެ އަސަރުތައް ހިނގައިގަތެވެ.
ޑިމެންޝިއާއަކީ އެމީހެއްގެ އަމިއްލަ ނަފުސްވެސް ހަނދާން ނައްތާލާ ހާލަތެކެވެ.
ދުޝްމިނަކަށްވެސް ކުރިމަތިވާން ބޭނުންވާފަދަ ކަމެއްނޫނެވެ. ނަމަވެސް އެ މައްސަލަވެސް ދަނީ
އިތުރުވަމުންނެވެ. ތަންކޮޅެއްކުރިން އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އެފަދަ
އުދަގޫތައް ކުރިމަތިވިޔަސް މިފަހަކަށް އައިސް އުމުރުން އެހާ ދުވަސްނުވާ މީހުންނަށްވެސް
ޑިމެންޝިއާގެ މައްސަލަކުރުމަތިވަނީއެވެ. އޭނަގެ އުމުރުން އަދި މާ ޅައެވެ. އެފަދަ ހާލަތަކަށް
ވެއްޓިގެންދާވަރަށްވުރެ ޒުވާނެވެ. ނަމަވެސް ސްޓްރޯކާއި ހާޓްއެޓޭކްވެސް ގިނަވަނީ ނޫންހެއްޔެވެ؟
ދިފާއީ ނިޒާމަށް ޖެހޭ މައްސަލަތައްވެސްމެއެވެ. ކެމިކަލްގެ ކުނިބުނިން ފުރިފައިވާ ދުނިޔެއެއްގައި އުޅޭތީހެއްޔެވެ؟
ތަހުޒީބުވެ ކުރިއަރަމުންދާވަރަކަށް އެފަދަ ނުރައްކާތެރި ބަލިތަކަށް ނަފުސް ހުށަހެޅޭލެއް
ގިނަވާނެއެވެ. ވަށައިގެންވަނީ ވިހަތަކެވެ. އެއިން ސަލާމަތްވާން ފަސޭހައެއްނޫނެވެ. ދިރިއުޅުމުގެ
ހާލަތު ހުންނަގޮތުން "ސްޓްރެސް" އާއިއެކު ނޫންގޮތަކަށް އުޅެވެނީއެއްނޫނެވެ. ދިރިއުޅުމުގެ
ވައްޓަފާޅިއާއި ހުރިހާ ބަލިތައް ގުޅެނީކަމަށްވެދާނެއެވެ.
"ޓެސްޓްތައް ހަދާލާނީ...."އޭނަ އަމިއްލަ ނަފުސަށް ކިޔައިލިއެވެ."ފަހަރެއްގައި އެއްވެސް
މައްސަލައެއްނޫން. ހަމްޒާގެ މަންމައަށް އެކަން ޔަގީންކޮށްދެވޭނީވެސް އޭރުން..ނޯމަލް ވެއްޖެއްޔާ
އެގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ގެއްލޭނެ..މި ހަދައިގެން އަހަރެން ނޯމަލްކަން ހަމްޒާގެ
މަންމައަށް ޔަގީންކޮށްދޭނީ...ޔާﷲ...ހެލްޕް މީ........."
އެރޭ މަރްވާ ނިދި ގޭތެރެ ހަމަހިމޭންވުމުން އޭނަ ފޯނު ހުޅުވައިލީ ރިމައިންޑާ ޗެކްކޮށްލުމަށެވެ.
އެވަގުތުކޮޅު ބަލިމީހެއްގެ މެސެޖެއް އައެވެ. އެއާއެކު ހަނދާނަށް ވެރިވީ މަރްވާގެ ހެދުންތައް
ހިއްކަން ނާޅުވާ ބެހެއްޓުނުކަމެވެ. ތެދުވެގެން ދަމުން އުނދުން ނިވާލާފައި ހުރިތޯ ބަލައިލެވުނެވެ.
ހުރިހާ ކަމަކުން ނިމިގެން އޭނަ ގަސްތުކުރީ ހަމްޒާގާތުން ލަފާ ހޯދައިލުމަށެވެ. އެމްއާރުއައި
ހަދާވަރަށް އޭނަ ބަލިވެއްޖެއްޔާ ހަމްޒާއަށް އެނގޭނެ ނޫންހެއްޔެވެ؟ އެހެން ހިތަށް އަރާފައި
ކޮޓަރިއާއި ހަމަޔަށް އައިސް ފޯނު ހުޅުވައިލިއިރު ރިމައިންޑާއެއްނެތެވެ. އޮޅުމަކުން ފޮހެލެވުނީ
އެވެ. އޭނަގެ ސިކުނޑިން އެމްއާރްއައި ކެހިގެން ދިޔައީ ޚަރީފުގެ ފަތެއް އޭގެ ތަނޑިގަނޑާއި
ވަކިވެގެންދާހާ ލުއިކޮށެވެ. އޭނަގެ ސިކުނޑިއަށް ވެފައިވާ ވާންކަންވެސް ކުޑަވިއެވެ.
***
ޖެހިގެން އައި ދުވަހު ހަމްޒާ ހަނާންއާއިއެކު ދުވަސްކޮޅެއް ހޭދަކޮށްލަން އެގެއަށް ބަދަލުވާން ޖެހުނެވެ. ހަނާންގެ އާއިލާ އެމީހުންނަށް ޒިޔާރަތްކޮށްލަން އިޖިފްޓުން އައުމުން ކޮންމެހެންވެސް ދާން މަޖުބޫރުވީއެވެ.
ހަމްޒާ ކާރަށް އަރަން ގޮސްފައި މިރިއަމްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ." އެއްވެސް ކަމަކަށް ބޭނުމިއްޔާ ގުޅައްޗޭ. ދަންވަރު ނިދަން އޮވެފައިވެސް ގުޅައިފިއްޔާ އެނގޭނެ......"
"އިންޝާﷲ.." މިރިއަމް ހިނިތުންވެލިޔަސް ލޮލުން ކަރުނަ ހިލުނެވެ. ހަމްޒާ އަޅާލާވަރު އޭނަ ދަނެއެވެ. ހަގީގަތަކީ އޭނަވެސް ހަމްޒާ ފޮނުވައިލަން ބޭނުމެއްނުވެއެވެ. ނަމަވެސް އެކަނި ހުންނަން ބިރުގަންނަ ވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ.
***
ހަމްޒާ ދިޔުމުން ވެރިވި ހިމޭންކަން އޭނަ ވަށައިލީ ރަޖާއެއް ފަދައިންނެވެ. ބައިގަޑިއިރު
ނުވަނީސް ދޮރުގެ ރަގަބީލު ޖެހުނެވެ. އޭނަ އަވަހަށްގޮސް ދޮރު ހުޅުވައިިލީ ކޮންމެވެސް
ސަބަބަކާއި ހުރެ ހަމްޒާ އެނބުރިއައީކަމުގައި ހީކޮށްފައެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ކުރިމަތީގައި ހުރީ ލައިލާއެވެ. ރަށުގައި އޭނައާއެކު އުޅުނު ކުއްޖާއެއްނޫނެވެ. ކޮޓަރިއަށް ވަނުމުގެ މާ ކުރިން އެކުއްޖެއްގެ ސެންޓުގެ ވަސް މުޅި ސަރަހައްދުގައި ހިފައިލުމުގައި ކާމިޔާބުކުރި ކުއްޖާއެއްވެސް ނޫނެވެ. އެ ވަރުގަދަ ހުނުންގަނޑުން ކޮޓަރީގެ ފާރުތައް ގުގުމައިލާ ކުއްޖާއެއްނޫނެވެ. ފެޝަން ސިނާއަތު ދޫކޮށްލާ ހިތްތިރި އާދައިގެ ދިރިއުޅުމަކަށް ހޭލެވުނު އަންހެންކުއްޖެކެވެ. އާ ލައިލާއެކެވެ. ކަޅުކުލައިގެ އާދައިގެ އަބާޔާ ބިންގަނޑުގައި ކޭއްތިލާހެން ދިގުުކޮށް އޮޔްއިރު ކަޅު ހިޖާބުވެސް ރީތިކޮށް އަޅާފައެވެ. ސެންޓުގެ އެއްވެސް ވަހެއްނެތެވެ. އެކުއްޖާ ބޭނުންކުރާ މީރުވަސްދުވާ ސައިބޯނީގެ ވަހެއްވެސް ނުދުވައެވެ.
ސަލާމް ބަދަލުކުރެވުނެވެ.
"ލައިލާތަ؟ މުޅިން ތަފާތުކުއްޖެއްހެން ހީވަނީ.."މިރިއަމް ލައިލާގެ ގައިގާ މަޑުމަޑުން ބައްދައިލިއެވެ.
"އަހަރެން...ޓްރައިކުރަނީ ހަމަ..."ލައިލާ ކުޑަކޮށް ހީލިއެވެ.
"ސެންޓްވެސް ނުޖަހަނީ؟"
"އާނ....އަހަންނަށް ހަދީސެއް ފެނުނީ...ފިރިހެނުންނަށް މީރުވަސް ދުއްވުމުގެ ނިޔަތުގައި ސެންޓްޖަހައިގެން ދިޔުމަކީ ހަމަ އެޑަލްޓްރީފަދަ ފާފައެއްކަން...ކުރިން މިރިއަމްއަށް އެނގޭނެ...ސެންޓުގެ ތެރެއަށް ގެނބިގެން އަންނަމީހެއްފަދައިން ފުޅި ހުންނަގޮތަށް ޖަހާލައިގެން ބޭރަށް ނިކުންނަނީ..ފަހަރެއްގައިވެސް އެއީ އެހާ ގޯސްކަމެއްކަން ނުދަންނަން..." ލައިލާ ސޯފާގައި ހަމަޖެހިލިއެވެ."މިރިއަމް...އަދިވެސް އަހަރެން އެކަމާ ހަމަ ބިރުގަންނަނީ...މާޒީއާއިމެދު....މިފަދަ ގޯސްކަންތައްތައް...ބައެއްފަހަރު ނޭގިވެސް ފާފައަށް އަރައިގަނެވެނީ..."
"އޭރު ލައިލާއަށް ނޭގުނީ..އަހަރެެންނަށްވެސް ހަމަ އެހެން އެކަން އޮތީ..ނޭގި ގޯސްތައް ހެދިފައިވާނެ...ސެންޓްވެސް...ކޮންމެކަމެއްގެ ނިޔަތް މުހިއްމުވާނީ...."އޭނަވެސް ފައި ވަށްކޮށްލައިގެން ސޯފާއަށް އަރާ އިށީނެވެ. ލިވިން ރޫމްތެރެއަށް ކުޅޭ އެއްޗެހި ކޮންމެވެސް ވަރަކަށް އުކާލާފައި ހުރިތަން ފެނުނެވެ.
"އަދި ހުރިހާތަނެއްގައި އިޝްތިހާރުކުރާނީވެސް މިހެން....އަންހެނަކު ސެންޓް ޖަހައިގެން ފިރިހެނެއްގެ ކައިރިން ހިނގާފައި ދިޔުމުން އެ ފިރިހެނާ ހިތާވަނީޔޯ...އެހެން ހެދީމަ މަށަށް ފީލްވަނީ ފާފައަކީވެސް ރީތި އެއްޗެއްގެ ގޮތުގައި ދައްކަން އުޅޭހެން..މޮޑެސްޓީ އައުޓްޑޭޓެޑް އެއްޗެއްހެން ހަދާފައި...އެމީހުން ވިއްކަނީ ފިތުނަ...އަދި މީހުން އެ ގަންނަނީ ހިތް ކަނުބަދެވިފައިވާތީ ކަން ނޭގޭ.."
"ޝައިތާނާ މަސައްކަތްކުރާނީ ފާފަތައް ޒީނަތްތެރިކޮށް އީމާންކަން ބަލިކަށިވެފައިވާ މީހުން މަގުފުރައްދަން.. ދުނިޔެވެސް އެކަހަލަ ޕެކެޖްތައް ނަގައިގެން ކުރިއަރުވަން.. ފާފަތައް ޕްރޮމޯޓްކޮށްގެން ކުރާ ވިޔަފާރި ކުރިއަރާނީ ކިހިނެއް؟ އެމީހުންނަށް ކާމިޔާބުވަނީހެން ހީވިޔަސް އާޚިރުގައި ދައްކާނީ ގެއްލުން......."
ﷲ ތައާލާ ގުރުއާނުގެ ބަގަރާ ސޫރަތުގެ 126 އާޔަތުގައި މިފަދައިން ވަހީކުރައްވާފައިވެއެވެ.
<.قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ >
އާޔަތުގެ މާނައަކީ "ކާފިރުވީމީހާއަށް ދުނިޔޭގައި ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. ދެން ނަރަކައިގެ އަޒާބުގެ ތެރެއަށް އެމީހަކު ފޮނުއްވާހުށީމެވެ. އެއީ ހާދަހާވާ ނުބައިވެގެންވާ ނިމިދިޔުމެކެވެ."
"ނަސީބެއް ލަސްނުވަނީސް އަހަންނަށްވެސް ލޯ ހުޅުވައިލެވުނުކަން....ކިރިޔާ ހަމަ...އެހެންވެ ދޯ ރަގަޅު ފްރެންޑުން ހޯދަން ޖެހެނީ...ވިޔާނުދާ އެކުވެރިން ލިބިއްޖެއްޔާ އެމީހުންނާއެކު ގޯސް މަގަކުން ދެވޭނީ...ރަގަޅަށް އުޅެންޏާ ބުނާނީ އަދި ހާދަ ކަޓުބަޔެކޭ ކޮންމެވެސް ނަމެއްކިޔާނެ.އެކަމަކު އެކަހަލަ އަނދިރިގަނޑެއްގައި އުޅެފައި އައްޔަށް އާދެވުނީމަ ތަފާތު އެނގެނީ...މިހާރު ޔަގީނުންވެސް ސްޕިރިޗުއަލް ހެޕިނެސް ލިބޭ..."
"ވަަރަށް އުފާވެއްޖެ..ހަމަ އިމޭޖިން ކުރެވެނީ އަހަރެމެން ޖަންނަތުގެ ގާޑެންއެއްގައި ހިނގާފައި އުޅޭތަން....މިބުނީ ކާންޓް އިމޭޖިން ޖަންނަތުގެ އެއްވެސް ތަނެއް...އެކަމަކު ހަމަ ވަރަށް އުފާވާނެ އެގޮތަށް އެކީގައި ދާއިމަށް ތިބެވުނިއްުޔާ.އަޅުކަން ކުރުމުން އެ އުފާވެރިކަން ލިބޭނެކަމުގައި ހިތްް ބުނޭ.......އެއްޗެއް ކައިލަން ހިނގާ..ކޯނޗެއް ރަގަޅުވާނީ؟"
އައިސްކްރީމް އޯ ޗޮކްލެޓް؟ ނޫނީ ޖޫސް؟ ހެދިކާ...ޗިޕްސްކަހަލަ އެއްޗެއްވެސް..އަނގަ ހަފައިލަން މުރަނަ ގުޅަ ނަމަވެސް.."
ތި ހުރިހާ އެއްޗެއް މިވަގުތު އެބަހުރި އަލްހަމްދުލިﷲ.........."އޭނަ ހީގަތެވެ. އަދި ތެދުވެ ލައިލާގެ އަތުގައި ހިފައިލިއެވެ. އެވަގުތު ފެނުނީ މަރްވާ ތުއްތު ފިޔަވަޅުތަކެއްގައި އަންނަތަނެވެ.
"އާންޓް ލައިލާ...." މަރްވާ ދެއަތުން ފިޔަ ޖަހަމުން ދުވެފައި އައެވެ.
ލައިލާ ވަގުތުން އެކުއްޖާ އުރާލާފައި މޫނުކޮޅުގައި ބޮސްދިނެވެ."މައި ފެވެރިޓް ގާލް.....ހަމަ ފުށްކަމުން މޮޑެލައިގެން ކާލާހިތްވަނީ؟ ކައިލަންތަ ؟"
މަރްވާއަށް މަޖާވިއެވެ.
ތިން ކުދިން ކާކޮޓަރިއަށްވަދެ އައިސްކްރީމް ކާލައިގެން އުޅެގަތީ ކެއްކުމަށެވެ. ކައްކަން އުދަގޫ އެއްޗެއް ވީމަ ރެސިޕީ ހަނދާންނެތިގެން ސަޔާރާއަށްވެސް ގުޅައިގެން އެކިގޮތްގޮތަށް މަޖަލުގައި ކެއްކި ފޮނި އެއްޗަކާއި ލެމަން ޗިކެންއާއި ބިރިޔާނީއެކެވެ. މަރްވާ ބައެއްފަހަރު ކޮންމެވެސް ކުޅޭ އެއްޗެއް ހިފައިގެން ބިންމަތީ ދަމަމުން ނޫނީ ތަނަކަށް އަރާފައި ފްރިޖް ހުޅުވަމުން މަންމަ ނޫނީ އާންޓްގެ ހެދުމުގައި ހިފާ ދަމަމުން އުޅެއެވެ.ެ
"އަހަރެން އެއްޗެހި ކޮށާތަން ފެނުނީމަ ސަޔާރާ ވަރަށް ބަވާނެ...ސަޔާރާ ފިޔާ ކޮށާއިރުވެސް ސާޖަރީއެއް ހަދަނީހެން ވިއްޔާ ހީވާނީ...."ލައިލާ އަޑެއް ލައްވައިލިއެވެ" ކިރިޔާ އިނގިއްޔާއެކު ނުކޮށުނީ..."
"ސަޔާރާ ކުރިން މާލެ ބަދަލުނުވާން އުޅެފައި...މިހާރު ހަމަ ހެޕީދޯ..."
"އެހެންވާނެއްނު...ރާނީއެއްހެން ހަޒްބެންޑް އެކުއްޖާ ގެންގުޅެނީ..މިސްކިތް ކައިރިން އެޕާޓްމެންޓެއް ހޯދީވެސް ގުރުއާން ކްލާސްތަކަށް ސަޔާރާ ދާން ފަސޭހަވާނެތީ.."ލައިލާގެ މޫނުމަތިން ފެނުނީ ލޯބި ހިނިތުންވުމެކެވެ."ސަޔާރާ ވަރަށް އެހީތެރިވެދިން....އަހަރެން ބަދަލުވީ ތި ދެކުދިންނާއިހެދި......"
"އަލްހަމްދުލިﷲ...." އޭނަގެ ހިތަށް އުފާވެރިކަމުގެ ފިނިކަން ލިބުނެވެ."އެކަމަކު ހިދާޔަތަކީވެސް ﷲ ދެއްވާ އެއްޗެއް.....އެހެން މީހަކަށް އެކަމެއް ކޮށް ނުދެވޭނެ...."
އަލް ގަސަސް ސޫރަތުގެ 56 ވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވަނީ
"إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ " މާނައަކީ ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަށް ތެދުމަގު ނުދެއްކެވޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ."
ރޭގަނޑު ކެއުމަށްފަހު އޭނަ ދަރިފުޅު ނިންދަވަން އެނދުގައި ބޭއްވިއެވެ. އަދި އޭނަ މަޑުމޮޅިކަމާއި ޚުޝޫއަތްތެރިކަމާއެކު ދުޢާއެއްކޮށްލިއެވެ."ޔާﷲ....މިދަރިފުޅަށް ހިމާޔާތާއި ރައްކާތެރިކަން ދެއްވާދޭވެ..ހިދާޔަތް ދެއްވާދޭވެ..އަދި މިދަރިފުޅަކީ މިއަޅާއަށް ސަދަގާ ޖާރިޔާއެއްކަމުގައި ލައްވާދޭވެ.."
މަރްވާ ގައިމަތިން އަޅާފައިވާ މަޑު ރަޖާގެ ދަށުންވެސް ނޭވާލާތަން ބަލަން އޮތްއިރު އޭނަގެ ސިކުނޑިއަށް އެހެން މަންޒަރުތަކެއް ފެނިލިއެވެ. އެއާއެކު ކަރުނައިން ލޯ ފުރުނެވެ. އޭނަ އެއްއިރެއްގައި މަންމަގެ ހާލަތާއިމެދު އުދަގޫވެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ވަގުތުތައް ރިހުމެއްފަދައިން މޭގައި އާލާވެގަތެވެ. މަންމަގެ ހިތުގައިވެސް އޮންނާނީ ހަމަ މި ކުލުނާއި އިހުސާސްތަކެވެ. ދުނިޔޭގެ ހުރިހާ ނުރައްކަލަކާއި އަނިޔާތަކުން ހިމާޔަތްކުރަން މަސައްކަތްކުރާނެއެވެ. ގުރުބާނީވާނެއެވެ. ހަމަ މިފަދައިން ރައްކާތެރިކަމާއި ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ދިނުން އަދި ރަަގަޅަށް ތަރުބިއްޔަތުކުރުމަކީ މަންމައެއްގެ ޟަމީރު އެދޭކަންތައްތަކެވެ.
***
މިރިއަމް ސިޓިން ރޫމަށް ނުކުތްއިރު ލައިލާ އިނީ ކައުޗްގައި އިށީދެލައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެންނެވެ. މޮޅިވެރިކަމުގެ މުޖައްސިމާއެކެވެ.
"ކިހިނެއްވެފައި؟" އޭނަ ކަންބޮޑުވިއެވެ.
"މިރިއަމް....އަހަރެން މަންމައާއި ވާހަކަނުދައްކާ އެތައް މަސް ތަކެއް ވެއްޖެ......"
"ކީއްވެ؟"
"ގެއިން ފިލައިގެން ގޮސް ހިތަށް އެރިގޮތަކަށް އުޅެފައި ދެން މަންމައާއި ކުރިމަތިލާން ވީމަ ލަދުގަންނަނީ.."
"މަންމަމެން އުފުލާ ބުރަތަކެއް އަހަރެމެންނަށް ނުފެންނާނެ. ގިނަފަހަރު އަނގައިން ނުބުންޏަސް ހިތުން މާފުކުރާނެ...އެމީހުން ހުރިހާ ހިތާމައެއްކުރާނީ އެކަނި..ހިމޭނުން ތިބެ..ޝަކުވާއެއްނެތި............"އޭނަ ބުނެދިނެވެ.
ލައިލާގެ ލޯ ތެމުނެވެ.
"ލައިލާ....ފަހުން ހިތާމަކުރާނެ..ކޮންމެވެސް ދުވަހަކުން....ކައިރިއަށް ދާން ބަލައިލާއިރު ނެތިއްޔާ....."އޭނަ އިތުރަށް ވިސްނައިދިނެވެ. އެއާއެކު އޭނަގެ ކުށުގެ އިހުސާސުން ކަރު ބެެދޭގޮތްވިއެވެ."ޓްރަސްޓްމީ....ރިގްރެޓް އަންނާނީ ހިޔަންޏެއްފަދައިން.....އައުމަށްފަހު އަބަދުހެން އެކީގައިވާނެ...."
"މިރިއަމް ތިބުނީ އަހަރެން މަންމައާއި ކޮންމެހެންވެސް ވާހަކަދައްކަން ޖެހޭނެއޭތަ؟"
"އާނ..އަހަންނަށް ހީވަނީ...މަންމައާއެކު ވުމަކީ މިބިންމަތީގައި ﷲ ތައާލާ ލެއްވި ރަހުމަތާއެކު ވުންފަދަ ކަމެއް...އަދި ރަހިމުގެ ގުޅުން ކަނޑާލައިގެންނުވާނެ....ﷲ ތައާލާވެސް އެބަޔަކު ދުރުކުރައްވާކަމަށްވަނީ އާއިލީ ގުޅުން ކަނޑާ މީހުންނާ.....އަހަރެމެންނަށް އެކަމަކަށް ކެތްނުކުރެވޭނެ ދޯ..."
"އަހަރެން ހަމަ މިރޭ މަންމައަށް ގުޅާނަން..."ލައިލާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"ރަގަޅު ނިންމުމެއް...."
ނުނިމޭ