ރާއްޖޭ އިން ކަންކުރަންވީ ގޮތް ބައެއް އެހެން ގައުމުތަކުން ބުނެދެމުން އަންނަ ކަމަށާއި ނަމަވެސް ރާއްޖެއަކީ އަމިއްލައަށް ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް މަހިންދުރަ ރާޖަޕަކްސާގެ ދައުވަތަކަށް ލަންކާއަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ލަންކާގެ ވިޔަފާރިވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ ރާއްޖެއަކީ ބޭރު ދުނިޔެއަށް ހުޅުވާލެވިފައިވާ އަދި ތައުލީމީ ރައްޔިތެއް ދިރިއުޅޭ ގައުމެއް ކަމަށާއި ރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ގާބިލްކަން ރާއްޖޭގައި ހުރި ކަމަށެވެ.

"އަޅުގަނޑަށް މުޅިން ޔަގީނެއް ނޫން، ނަމަވެސް ބައެއް ބޭރުގެ ގައުމުތަކުން އަންނަނީ [ރާއްޖޭން] ކަންކުރަންވީ ގޮތް ކިޔައިދެމުން، އަޅުގަނޑަށް އިނގޭ ލަންކާ ވެސް އެފަދަ ތަޖުރިބާތަކެއް ކުރިކަން، ބައެއް ޕޮލިޓިކަލް ލީޑަރުންގެ އަމަލުތަކުގެ ސަަބަބުން މިދިޔަ ހަމަހެއްހާ ދުވަހު ރާއްޖެ އަށް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވި، ނަމަވެސް އެއްވެސް ސްކޫލެއް ބަންދެއް ނުކުރަން، އެއާޕޯޓް ބަރާބަރަށް ހިނގަމުންދޭ، ޓޫރިސްޓުން އައިސްގޮސްވޭ އަދި ވިޔަފާރިއަށް ގައުމު ވަނީ ހުޅުވިފައި، އެއްވެސް ވިޔަފާރިއެއް ބަންދުކުރާކަށް ނުޖެހުނު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އިތުރަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މުޒާހަރާ ކުރާ މީހުންނާއި ފުލިުހުންނާއި ދެމެދު ބައެއް ހަމަނުޖެހުންތައް ހިނގި ކަމަށާއި ފުލުހުންނަށާއި އާންމުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ބޮޑަތި ހާނިކަތަކެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަން ކުރަނީ ހުރިހާ ދިވެހި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެގެން އެގޮތުގައި، އަޅުގަނޑުމެންނަށް އިނގޭ އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް ހުންނަވާ ރަސްމީ ހޮޓަލް، ހިލްޓަންގެ ލޮބީ މާލަމުގައި ބޭއްވި އެ ހަފްލާގައި ރައީސް ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތުގެ މައްޗަށް އަލިއަޅުވާ ލައްވައިފަ އެވެ. ވިދާޅުވީ ބައެއް ލީޑަރުން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން ރާއްޖޭގެ ބަޖެޓު އޮތީ މިވަގުތު ދަތިކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ދަށަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ ޕަބްލިކް ފައިނޭންސް ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ޖީޑީޕީގެ 90 ޕަސެންޓަށް އަރާ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު ދަނީ ކުރިއަށް، ނަމަވެސް ޕަބްލިކް ފައިނޭންސް އޮތީ ރަނގަޅު ގޮތެއްގައެއް ނޫން، އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ، މިއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއް، މިގޮތަށް ބަޖެޓުގެ ދަތިކަމެއް އަންނަން މިޖެހުނީ ކުރީގެ ސަރުކާރަށް އެޅުނު ފިޔަވަޅުތަކެއްގެ ސަބަބުން، މިދިޔަ އަހަރު ނުދައްކާ ހުރި ބިލްތަކަށް އެއް ބިލިއަން ރުފިޔާ އަށް އަރައި، އެކަންވެސް މިޖެހެނީ މެނޭޖްކުރަން، މިކަން އެންމެ ދުވަހަކުން ހަމައަކަށް ނޭޅޭނެ ނަމަވެސް އެކަން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މިއަދު ބިޒްނަސް ކޮމިޔުނިޓީއާ އެކު ބޭއްވި ބައްދަލުކުރުމުގައި އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދާއި އަދި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ވިޔަފާރިވެރިންނާ ހިއްސާ ކުރެއްވި އެވެ. ރައީސްގެ ދަތުރުފުޅުގައި މިއަދު ދެން އޮންނާނީ ލަންކާގައި ތިބޭ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރެއްވުމާއި ނޫސްވެރިންނާ ބައްދަލުކުރެއްވުމެވެ.