ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު އެމްޑީޕީން ގަބޫލުކުރާނެ ކަމަށާއި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ "ނުހަމައިން ކަމަށް" އެ ރިޕޯޓުގައި އޮންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުސްފަސްގަނޑުގެ ސިޔާސީ ހަރަކާތްތައް އަލުން ފެއްޓުމަށް ޓަކައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ކޯނީގެ ރިޕޯޓަށް އަމަލު ކުރުމަށް އެމްޑީޕީގެ މެންބަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯނީގެ ރިޕޯޓު އެޕާޓީން ނޭދޭގޮތަކަށް ނުނެރޭނެ ކަމަށާއި އެ ރިޕޯޓުގައި އެޕާޓީން ނުދެކޭ ތަނެއްގެ ވާހަކަ ނުވަތަ ނުކުރާ ތަޖުރިބާއެއް ބަޔާންވެގެން ނުދާނެ ކަމަށެވެ.

"އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށްގެން މިތިބީ ކޮމިޝަންގެ ރިޕޯޓުގައި ތިބި އެއްޗެއް ގަބޫލުކުރަން. އެގޮތަށް އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުގެ އިލްތިމާސަކީ އެ ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުގެ މައްޗަށް އަޅުގަނޑުމެން އަމަލު ކުރުމަށް. އަޅުގަނޑަށް ޔަގީން ކަށަވަރު އެ ރިޕޯޓުގައި އަޅުގަނޑުމެން ނޭދޭ ގޮތަކަށް ނުވަތަ އަޅުގަނޑުމެން ނުދެކޭ ތަނެއްގެ ވާހަކަ އަޅުގަނޑުމެން ނުކުރާ ތަޖުރިބާއެއް އޭގައި ބަޔާންވެގެނެއް ނުދާނެ. އޭގައި ވަރަށް ސާފުކޮށް އޮންނާނެ ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ނުހަމައިން ކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފެބުރުއަރީ 6،7ގެ މައްސަލަތައް ތަހުގީގު ކުރި އިރު ބަޔާނެއް ދިނުމަށް ހިޔުމަންރައިޓްސް ކޮމިޝަނުން އެމަނިކުފާނު އަރިހު އެދުނު ކަމަށާއި ނަމަވެސް ކޯނީގެ ރިޕޯޓު ނެރުމުގެ ކުރިން ހިޔުމަންރައިޓްސް އަށް ބަޔާނެއް ދެއްވަން ނުފެންނަކަމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނާއި ނުލައި އެ ރިޕޯޓު ނެރެފައިވާތީ އޭގެ އިން ބައެއް މައުލޫމާތު އުނިވެފައިވާ ކަމަށާއި އެ ރިޕޯޓަށް އެމްޑީޕީގެ ފަރާތުން އެއްވެސް ބަޔާނެއް ދީފައި ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް ވިދާޅުވީ ކޯނީގެ ތަހިގީގަށް ހިޔުމަންރައިޓްސް ކޮމިޝަނުން ބަޔާނެއް ނުދެއްވި ކަމަށާއި "ސައްޚަގޮތުގައި" ކޯނީއަށް އެ ކޮމިޝަނުން މައުލޫމާތު ނުދެއްވުމުން އެމަނިކުފާނުގެ ހިތުގައި އެކަމާ ސުވާލު އުފެއްދޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓަކީ ކޯނީގެ ރިޕޯޓުގައި ބަޔާންކޮށްފާނެ ކަންތައްތަކެއް ފޮރުވުމަށް ނެރެފައިވާ ރިޕޯޓެއް ކަމަށާއި އެއީ އިންސާނީ ހައްގުތައް ގެއްލިފައި އޮތްގޮތާއި ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓެއްކަމަށް ބެލެވެން ދަތިކަމަށެވެ.

"ހިޔުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ކޮމިޝަން އޮފް ނޭޝަލް އިންކުއަރީގެ ރިޕޯޓަށް ހިޔަނި އެޅުމުގެ ރިޕޯޓެއްގެ ގޮތުގައި. ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓުގައި ބުނެދާނެ ވާހަޔަކަށް، ބަޔާންކޮށްފާނެ ކަންތަކެއް ފޮރުވުމަށް ނުވަތަ އެ ކަންތައްތަކުގެ މައްޗަށް ހިޔަނި އެޅުވުމަށްޓަކައި ނެރެފައި އޮތް ރިޕޯޓެއްގެ ގޮތުގައި. ހަގީގަތުގައި އިންސާނީ ހައްގުތައް ގެއްލިފައި އޮތްގޮތާއި ބެހޭ ގޮތުން ނެރެފައި އޮތް ރިޕޯޓެއްކަމަށް ބެލެވެން ދަތި،" ނަޝީދު ވިދާޅުވި އެވެ.

ފެބުރުއަރީ ހަތްވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ނަޝިދާ ދެކޮޅަށް އިޚުތިޖާޖު ކުރި ވާހަކަޔަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ އެދުވަހު ފުލުހުންނާއި ސިފައިން އެމަނިކުފާނާ ދެކޮޅަށް ނުކުންނެވީ ފުލުހުންނާއި ސިފައިންގެ ނަޒަރުގައި އެމަނިކުފާނު ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފު އަމަލެއް ކުރެއްވިކަމަށް ދެކިގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ގާނޫނާ ޚިލާފު ކަމެއް ކުރެއްވި ކަމަށް ވިޔަސް އެކަން ރަނގަޅު ކުރުމަކީ ފުލުހުންނާއި ސިފައިންގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ފުލުހުންނާއި ސިފައިންނަށް ބަޔަކު ގާނޫނާއި ޚިލާފު އަމުރެއް ކޮށްފި ނަމަ އެ މީހުން ތިބެންޖެހޭނީ ހިމޭނުން ކަމަށެވެ.

"ބައެއް ފުލުހުން ފާހަގަ ކުރަނީ އެބޭފުޅުންގެ ނަޒަރުގައި ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފު އަމަލުތަކެއް ކުރީތީވެ އެކަން ރަނގަޅު ކުރުމުގެ މަސްއޫލިއްޔަތު އެބޭފުޅުން އަމިއްލަ ފުޅަށް ނެންގެވީ ކަމަށް. އެއީ ފުލުހުންގެ މަސްއޫލިއްޔަތެއް ނޫން. ފުލުހުންނާއި ސިފައިންނަށް ގާނޫނާއި ޚިލާފު އަމުރެއް ބަޔަކު ކޮށްފި ނަމަ ހިމޭންވުން އޮންނަ އުސޫލަކީ. އެއާއި އިނދިކޮޅަށް ނުކުތުން އެއީކީ އޮންނަ އުސޫލެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފަށް އަމުރެއް ކުރިތޯ ނުވަތަ ނޫންތޯ އެއީކީއެއް ތަހުގީގަކަށް މިއަދު ދިމާވެގެން އުޅޭ ސުވާލެއް ނޫން. އެއީ ފުލުހުންނަށް ދެއްކެން އޮތް ހުއްޖަތެެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ނެރެނީ މިއަންނަ ބުރާސްފަތި ދުވަހު އެވެ. އެ ރިޕޯޓްގައި އޮންނާނެ އެއްޗެއް ނަޝީދަށް ކުރިން އެނގިވަަޑައިގަތް ގޮތެއް ނަޝީދު ވިދާޅެއް ނުވެ އެވެ.