ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ކުރިމަތިވެވަޑައިގެންނެވި ކަމަށް ބުނާ މަޖުބޫރީ ހާލަތްތަކުގެ މައްޗަށް ބިނާކޮށް "މަޖުބޫރު ކުރުވި އިސްތިއުފާ"ގެ ނަމުގައި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ފޮތެއް ނެރުއްވައިފި އެވެ.

ސިޓީ ކައުންސިލް ހޯލްގައި މިރޭ ބޭއްވި ރަސްމިޔާތެއްގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ލިޔުއްވި އެ ފޮތް ނެރެދެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ރަސްމިޔާތުގައި ހަސަން ލަތީފް ވިދާޅުވީ "މަޖުބޫރު ކުރުވި އިސްތިއުފާ"ގެ ނަމުގައި ފޮތެއް ނެރުއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެނގިވަޑައިގެންފައިވާ މައުލޫމާތުތަކެއް ސިއްރުކޮށްފައި ނުބަހައްޓައި އެކަން ހާމަކުރެއްވުން ކަމުގަ އެވެ.

"މި ފަދަ މައުލޫމާތެއް އަޅުގަނޑުމެން ހިފައްޓައިގެން ތިބުމަކީ އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑު އެދެނީ މިފަދަ މައުލޫމާތު ހުރިކަމަށްވާ ނަމަ އެއީ ލަވައެއްގެ ސިފައިގެނަމުގައި ވިއަސް ޅެމެއްގެ ސިފައިގެ ނަމުގައި ނަމަވެސް އެ މައުލޫމާތު އެބަޖެހޭ ރައްޔިތުނަށް އެނގެން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފޮތުގައި ކުރީގެ ރައީސް ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ދިމާވި މަޖުބޫރީ ހަލާތު ބަޔާންކޮށްފައިވާނެ ކަމަށާއި އަދި ގާނޫނީ ގޮތުން މަޖުބޫރު ހާލަތަކީ ކޮބައިކަން ވެސް އެ ފޮތުގައި ބަޔާން ކުރައްވާފައިވާނެ ކަމަށެވެ.

ހަމަ އެހެންމެ ވެރިކަން ބަދަލުވުމުގެ ކުރީން އިދިކޮޅު ބައެއް ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް ވެސް އެ ފޮތުގައި ހިމަނުއްވާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ ފޮތުގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރީން އެމަނިކުފާނު ބޭނުންފުޅުވި ވަރަށް އެކި ފަރާތްތަކާ މަޝްވަރާ ނުކުރެއްވުނު ކަމަށް ބުނެފައިވެ އެވެ. އަދި ފެބްރުއަރީ ހަ ވަނަ ދުވަހުން ރެ އާއި ހަތް ވަނަ ދުވަހު ގެ ރޭ ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ މެދު އަމަލުކުރަންވީ ގޮތުގެ ޕްލޭނެއް އޭރު ބަންޑާރަ ކޮށީގައި ތިއްބެވި ސިފައިންގެ އިސް އޮފިސަރުންނަށް ރައީސް ނަޝީދަށް ހުށަހެޅިފައިނުވާ ކަމަށް އެ ފޮތުގައި ބުނެފައިވެ އެވެ.

ހަމަ އެހެންމެ ބަންޑާރަކޮށީ ތެރެ ވެސް ނަޝީދަށް އޮތީ އަމާންތަނެއްގެ ގޮތުގައި ނޫން ކަމަށާއި ބަންޑާރަ ކޮށީގެ ދޮރުވެސް ވައްޓާލަން ބައެއް މީހުން މަސައްކަތް ކޮށްފައިވާ ކަމަށް އޭރު އެތަނުގައި ތިބި އޮފިސަރުން ވިދާޅުވެފައިވާ ކަމަށް އެ ފޮތުގައި ފާހަގަ ކޮށްފައިވާ އިރު ނަޝީދުގެ އާއިލާއަށް ކުރިމަތިވެވަޑައިގެންނެވި ކަމަށް ބުނާ ބިރުވެރި ހާލަތުގެ ވާހަކަ ވެސް އެފޮތުގައި ހިމަނާފައިވެ އެވެ.

ރައީސް ނަޝީދުގެ އޭރުގެ ނައިބު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފެބްރުއަރީ ހައެއް ހަތެއްގައި އަމަލުކުރައްވާފައިވާ ގޮތްތައް ވެސް އެ ފޮތުގައި ހިމަނުއްވާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ ފޮތް ނެރެދެއްވުމަށް ފަހު ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހްގީގުކުރުމަށް އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނުން ނިންމާ ނިންމުން ގަބޫލު ކުރައްވުމަށް އެމްޑީޕީން ނިންމާފައިވާކަން ފާހަގަ ކުރެއްވެވި އެވެ.

އަދި ސިޔާސީ ބައެއް ފަރާތްތަކުން ކޯނީގެ ރިޕޯޓުން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"މަޖުބޫރު ކުރުވި އިސްތިއުފާ" ނަމުގައި މިރޭ ނެރުނު ފޮތް 100.ރ އަށް ވަނީ ވިއްކަން ފަށާފަ އެވެ. ހަސަން ލަތީފް ވިދާޅުވީ އެ ފޮތް ބައެއް ބޫކްޝޮޕްތަކުންނާއި އުސްފަސްގަނޑުން ލިބެމުންދާނެ ކަމުގަ އެވެ. ސިޓީ ކައުންސިލް ހޯލްގައި މިރޭ ފޮތް ވިއްކާފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު އެފޮތް ގަނެފައިވެ އެވެ.

"ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް" ނަމުގައި ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މިދިޔަ ޖޫން މަހު ފޮތެއް ނެރުއްވާފައިވެ އެވެ.

އަދި އެހެންމެ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެން ކަމަށް އެމްޑީޕީން ބުނާ ސަބަބުތަކާ ދެކޮޅަށް ގައުމީ ޕާޓީން މިދިޔަ ހޯމަ ދުވަހު ވަނީ ފޮތެއް ނެރެފަ އެވެ

ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ތަހްގީގު ރިޕޯޓު ނެރުމަށް ހަމަ ޖައްސާފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އެވެ.