23 Aug 2012, 23:04
ލަންކާ މެދުވެރިކޮށް ހެޔޮ އަގުގައި ރާއްޖެއަށް ހަކަތަ ހޯދުމަށާއި ދެ ގައުމު ގުޅިގެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަޝްވަރާ ކުރުމަށް އެއްބަސްވުމަކަށް އައުމަށް ދެ ގައުމުގެ މިނިސްޓަރުން މަޝްވަރާ ކުރަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
މި ވަގުތު ލަންކާގައި ހުންނެވި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ސަން އޮންލައިންއަށް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި ރަސްމީ ވާހަކަތަކުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނީ ހެޔޮއަގުގައި ތެލާއި ޑީސަލް ލަންކާ މެދުވެރިވެގެން ރާއްޖެއަށް ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާ މެދުގައި ކަމަށެވެ. އެގޮތުން ދެ ގައުމުގެ ހަކަތަޔާއި ގުޅޭ ވަޒީރުން އެކަމާ މެދު މަޝްވަރާކުރުމަށް މާދަމާ ބައްދަލުވާނެ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
"މިއީ ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި، ތެލުގެ އަގު ބޮޑުވުމާއި މިކަންތައްތައް ހައްލުކުރުން، އެގޮތުން ލަންކާއިން މިކަމުގައި ކޯޕަރޭޓް ކުރަން އެއްބަސްވެ، އެގޮތުން ދެ މިނިސްޓަރުން ވާހަކަދައްކައިގެން ކުރިއަށްދާގޮތައް އޮތީ،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ގައުމު ގުޅިގެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޖޮއިންޓް ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށްވެސް ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ދެ ގައުމުގެ ޓޫރިޒަމް މިނިސްޓަރުން އެކަމާ މެދު މިއަދު ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ލަންކާގައި ދިވެހި ސިފައިންނަށް ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް ލަންކާއިން އެއްބަސްވެފައިވާ ކަމަށެވެ.
"މިއަދު އެކަން މި ފައިނަލްވީ، އެއީ މީގެ ކުރިން ޑިފެންސް މިނިސްޓާ ކުރެއްވި ދަތުރެއްގައި ވެފައިވާ އެއްބަސްވުމެއް،" މަސްއޫދު ވިދާޅުވި އެވެ.
ލަންކާގެ ރައީސް މަހިންދުރަ ރާޖަޕަކްސާގެ ދައުވަތަކަށް ރައީސް ޑރ. މުހަންމަދު ވަހީދު މިއަދުން ފެށިގެން ތިންދުވަހަށް ލަންކާއަށް ފެއްޓެވި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބާއި އަދި އެންވާރުމެންޓް މިނިސްޓާ މަރިޔަމް ޝަކީލާ ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރަސްމީ ވާހަކަތައް ބާއްވާފައިވަނީ ލަންކާ ރައީސްގެ ސެކްރެޓޭރިއެޓްގައި މިއަދު ހަވީރު އެވެ.
މަސްއޫދު ވިދާޅުވީ ދެގައުމުގެ ރަސްމީ ވާހަކަތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި އަދި ސީމެގުގެ ރިޕޯޓަށް ފަހު ކަންކުރާނެ ގޮތަކާއި މެދުވެސް މަޝްވަރާނުކުރާ ކަމަށެވެ. ނަމަވެސް ރައީސް، ޑރ. ވަހީދު ލަންކާގެ ރައީސް، މަހިންދުރަ ރާޖަ ޕަކްސާޔާ އެކު ވަކިން ބޭއްވި ބައްދަލުވުމުގައި އެކަމާ މެދު މަޝްވަރާ ކުރެއްވި ކަމެއްވެސް އަދި ނޫންކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށްވެސް ނުވަދެވޭ ގޮތައް ކްލޯޒްކޮށް ބޭއްވީވެސް،" މަސްއޫދު ވިދާޅުވި އެވެ. "އެ މަޝްވަރާތަކުގެ މައުލޫމާތެއް ނޭންގޭ،"
ރައީސް މާލެ އިން ފުރުއްވުުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ މަޝްރަހު ފިނުކުރުމަށް ލަންކާ އިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ލަންކާއިން ޝައުގުވެރިވާކަން ފާޅުކޮށްފައިވާ ކަމަށެެވެ.
ރައީސްގެ ޝަރަފުގައި މަހިންދުރަ ރާޖަޕަކްސާ ދެއްވި ފަރިއްކޮޅެއް ރާޖަޕަކްސަގެ ރަސްމީގެކޮޅުގައި މިރޭ އޮތެވެ.