މާލެ އިން ގއ. ވިލިނގިއްޔަށް ދަތުރު ކުރި ދޯންޏެއް ފަރަކަށް އަރައިފި އެވެ.


މާލެއިން ފުރައިގެން ގއ. ވިލިގިއްޔައް ދަތުރުކުރި، "މެންގޯ" ދޯނި އިއްޔެ ހަވީރު އަރާފައި ވަނީ މާލެ އަތޮޅު ޓޫރިސްޓް ރިސޯޓް ބިޔާދޫ ކައިރީގައި އޮންނަ ފަރަކަށެވެ.


އެމްއެންޑީއެފުން މިއަދު ބުނީ އިއްޔެ ހަވީރު 3:30 ހާއިރު، އެ ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު އެ ފަރާތަށް ލިބުމާ އެކު ކޯސްޓް ގާޑުގެ އުޅަނދެއް އެތަނަށް ފޮނުއްވި ކަމަށެވެ.


ދޯނި ފަރަށް އެރި އިރު، އެ ދޯނީގައި ތިބީ ހަތް މީހުން ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.


އެމްއެންޑީއެފުން ބުނި ގޮތުގައި ގއ. އަތޮޅަށް ދަތުރު ކުރި އެ ދޯންޏަކީ ފިނިކުރި މަހާއި ތަރުކާރީ އުފުލާ ދޯންޏެއް ކަމަށެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.