23 Aug 2012, 22:42
ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން 2-1 އިން މިރޭ މޮޅުވި ނަމަވެސް ކުޅުންތެރިން ފިޓްނޫން ކަމަށް ގައުމީ ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ ބުނެފި އެވެ.
މެޗަށް ފަހު ކޯޗު ބުނީ ރޯދަ މަހާއި ދިވެހި ލީގު ކުރިއަށް ދިއުމުން ކުޅުންތެރިން ފިޓްވާން ވަގުތުވެސް ނުލިބޭ ކަމަށާއި ނަމަވެސް މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.
"ނޭޕާލް ކުޅުންތެރިން އަހަރުމެންނަށްވުރެ މާބޮޑަށް ވެސްދަށް. އަހަރުމެންނަށް މެނޭޖް ކޮށްލެވުނު. އެކަމަކު އެމީހުން މާބޮޑަށް ވެސް ދަށްވީމަ އަހަރުމެންނަށް ހިފަހައްޓާލެވުނީ،" މި އަހަރު ކުރީ ކޮޅު ނޭޕާލްގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕުގައި ވެސް ނޭޕާލް ބަލިކުރި ކޯޗު ބުންޏެވެ.
އޭނާ ބުނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް މުޅިން ފިޓްނޫން ކަމަށާއި ފިޓްކޮށް ހުރިނަމަ އޭނާ މި މެޗުގައި ދޭއް ނުވަތަ ތިން ގޯލު ޖަހާނެ ކަމަށެވެ.
ކޯޗު އަދި ބުނީ ނޭޕާލް އަތުން މޮޅުވުމުން ހިތްހަމަނުޖައްސައި އަންނަ ހޮނިހިރު ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ފަށައިފައިވާ ކަމަށެވެ.
"އަހަރުމެންނަށް އެނގޭ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން. އެކަމަކު އަހަރުމެން ރަނގަޅަށް ތައްޔާރުވާނަން. ކޮންމެ މެޗެގައި ކުޅެން ވެސް އަހަރުމެން ތައްޔާރު،" މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި އިންޑިޔާ އަތުން 3-1 އިން ބަލިވިއިރު ވެސް ދިވެހި ޓީމަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ބާއްވާ 100000ރުފިޔާގެ ނެހުރޫ ކަޕުގައި ވާދަ ކުރަނީ ރާއްޖެ އާއި އިންޑިޔާ އަދި ނޭޕާލާއި ސީރިއާގެ އިތުރުން ކެމަރޫނެވެ. ފައިނަލަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކަށް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.