23 Aug 2012, 21:42
ނޭޕާލް އަތުން މިރޭ ރާއްޖެ 2-1 ލަނޑުން މޮޅުވުމުގެ އެންމެ ބޮޑު އެއްރޯލް އަދާކުރި އެއްކުޅުންތެރި އަކީ ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) ކަމަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ލައިވް ކުރަމުންދިޔަ މެޗުގެ ކޮމަންޓޭޓަރު ބުނެފިއެވެ.
"އަޝްފާގް، އެއީ ސްޕަރ ސްޓާރެއް، އޭނާ ހަލުވިކަމުން އަހަރެން ވެސް އަޖާއިބުވެ، އޭނާ ހަދާ ޖާދޫތައް ވަރަށް މޮޅު." މެޗް ލައިވް ކުރަމުން ދިޔަ ވަގުތު އަޝްފާގާ ބެހޭގޮތުން ކޮމަންޓޭޓަރު ކިޔައެވެ.
" އަޝްފާގަކީ މިސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ، ސުނިލް ޗެތުރީއެއް ނޫން. އޭނާއަށް ވުރެ ވެސް އަޝްފާގް މާހަލުވި'" މެޗުގެ ތެރެއިން ކޮމަންޓޭޓަރު ބުންޏެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ނޭޕާލް ކޮޅަށް ރާއްޖެއިން ޖެހި ދެ ގޯލް ކާމިޔާބު ކޮށްދިން ދެ ކުޅުންތެރިންނަކީ މިފަހަރުގެ ސްކޮޑަށް އަލަށް ނެގި ދެކުޅުންތެރިން ކަމަށްވާ ފޯވާޑް އައްސަދުﷲ އަބްދުﷲ އާއި އިސްމާއީލް އީސާ (މެސީ) އެވެ. މިއީ މިދެކުޅުންތެރިން ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުވެސް މެއެވެ.
މިރޭގެ މެޗުގައި ރާއްޖެ ކޮޅަށް ނޭޕާލުން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ، މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ޖުމާނުލް ރާއީ އެވެ.
ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގުބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.