23 Aug 2012, 21:17
ނެހުރޫ ކަޕުގައި ރާއްޖެ އަތުން ނޭޕާލް 2-1 އިން މިރޭ ބަލިވި ސަބަބަކީ ރާއްޖެ މާ އަވަހަށް ގޯލު ޖެހުން ކަމަށް ނޭޕާލްގެ ކޯޗު ކްރިޝްނާ ތާޕާ ބުނެފި އެވެ.
އޭނާ ބުނީ އަށް ވަނަ މިނިޓްގައި އަސަދުﷲ އަބުދުﷲ ޖެހި ގޯލުގެ ސަބަބުން ނޭޕާލް ކުޅުންތެރިން ޕްރެޝަރަށްދިޔަ ކަމަށެވެ.
"ފުރަތަމަ ގޯލަކީ ކީޕަރަށް ހެދުނު ގޯލެއް. އަހަރުމެންނަށް މެޗުގައި ރަނގަޅަށް ނުކުޅެވުނު. ތައްޔާރުވާން ލިބުނީ ވެސް އެންމެ ދެ ހަފުތާ. އެކަމަކު މިއީ (ބަލިވުމުން ދައްކާ) އުޒުރެެއްނޫން. ދެ ވަނަ ހާފުގައި ޓީމު ރަނގަޅަށް ކުޅުނު،" އިނގިރޭސި ކޯޗު ގްރެހަމް ރޮބަޓް ވަކިވުމުން ހުސްވި ޖުލައި މަހު ވަގުތީގޮތުން ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
އަދި މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ ދެ ހަފުތާ ކަމަށާއި މިހެންވެ ޓީމު އެކުލަވާނުލެވޭ ކަމަށް ވެސް ކޯޗު ވަނީ ބުނެފަ އެވެ. ނަމަވެސް މެޗުގެ ކުރިން އޭނާ ބުނީ މުބާރާތަށް ތައްޔާރު ކަމަށާއި މުބާރާތް ކާމިޔާބު ކުރަން ޖެހުމުގެ ޕްރެޝަރު ނެތުމުން ރާއްޖެ އަތުން މޮޅުވުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އަދި ފައިނަލް ކުޅެން އުއްމީދު ކުރާ ކަމަށެވެ.
ނެހުރޫ ކަޕުގެ ފައިނަލަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ރާއްޖެ އާއި ނޭޕާލް އަދި އިންޑިޔާ އާއި ސީރިއާގެ އިތުރުން ކެމަރޫން ވާދަ ކުރާ މުބާރާޓުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ޑޮލަރު އަދި ރަނަރަބް ޓީމަށް ބައިލައްކަ ޑޮލަރު އަދި މޮޅު ކުޅުންތެރިޔާ އަށް 3500 ޑޮލަރުދޭނެ އެވެ. އަދި މި އަހަރަކީ އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރޭ މުބާރާތް ކަމުން މެޗު ވިނިން ބޯނަސްގެ ގޮތުގައި މޮޅުވާ ކޮންމެ މެޗަކަށް އެ ޓީމަކަށް 3000 ޑޮލަރު އަދި މޭން އޮފަ ދެ މެޗަށް 1500 ޑޮލަރުދޭނެ އެވެ. ރާއްޖޭގެ މެޗުގެ މޭން އޮފްދަ މެޗަކީ އަސަދުﷲ އެވެ.