23 Aug 2012, 20:48
ނޭޕާލް 2-1 އިން ބަލިކޮށް އިންޑިޔާގައި ކުރިއަށްދާ ނެހުރޫ ކަޕުގެ ފެށުން ރާއްޖެ ރަނގަޅުކޮށްފި އެވެ.
އިންޑިޔާ އާއި ސީރިއާ އަދި ކެމަރޫން ވެސް ވާދަ ކުރާ އެއްލައްކަ ޑޮލަރުގެ މުބާރާތުގައި ނޭޕާލް ކޮޅަށް ރާއްޖޭގެ ގޯލްތައް ޖެހީ އަށް ވަނަ މިނިޓްގައި އަސަދުﷲ އަބުދުﷲ އާއި 77 ވަނަ މިނިޓްގައި އިސްމާއީލް އީސާ (މެސީ) އެވެ. މި ދެ ކުޅުންތެރިންނަކީ މުޅިން އަލަށް ގައުމީ ޖާޒީގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ. ނޭޕާލްގެ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ޖުމާނޫ ރާއީ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ އަސަދުﷲ އެވެ. އޭނާ އަށް އިނާމެއްގެ ގޮތުން 1500 ޑޮލަރު އިންޑިޔާ ފެޑަރޭޝަނުން ވަނީ ދީފަ އެވެ. އަދި މެޗު ކާމިޔާބުކުރުމުން ވިނިން ބޯނަސްގެ ގޮތުގައި ރާއްޖެ އަށް ވަނީ 3000 ޑޮލަރުވެސް ލިބިފަ އެވެ. މެޗަށް ފަހު މިޗެކާ ހަވާލުވީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ޗެމްޕިއަން ޓީމަށް އެއްލައްކަ ޑޮލަރު އަދި ރަނަރަބް ޓީމަށް ބައިލައްކަ ޑޮލަރުދޭ މުބާރާތުގެ ފައިނަލަށްދާނީ ފަސް ގައުމު ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ވަގުތު ޕޮއިންޓްގެ ގޮތުންނާއި ފައިދާ ގޯލުން ހަމަހަމަވެގެން ޓޭބަލުގެ އެއްވަނާގައިވަނީ އިންޑިޔާ އާއި ރާއްޖެ އެވެ. މުބާރާތުގައި މާދަމާ ކުޅޭނީ ކެމަރޫނާއި ސީރިއާ އެވެ. ހޮނިހިރު ދުވަހު ކުޅޭނީ ރާއްޖެ އާއި އިންޑިޔާ އެވެ. މި މުބާރާތް މިފަހަރު ބާއްވަނީ އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ.