އާޓް ގެލެރީއަށް ވަންއިރު، ފުރަތަމައިނުން ވެސް ވަށާލީ ގުދުރަތީ ރީތިކަމާއި ކަނޑާ ގުޅޭ އެކި ކުރެހުންތަކެވެ. މާލޭގެ ހަލަބޮލިކަމުން ނުކުމެ، ވަދެވުނީ ގުދުރަތުގެ ރީތިކަމާއި ހިތްއުފާވާ މަންޒިލަކަށެވެ.

އެހެން ވައްތަރެއްގެ މަދު ކުރެހުމެއް ހުއްޓަސް، ގިނައީ މޫދާ ގުޅޭ ކުރެހުންތަކެވެ. އޭގެ ތެރޭގައި ވެސް މީހުންގެ ލޮލުގައި އަޅައިގަންނަ ކަހަލަ އަލިގަދަ ކުލަތަކުން ޖަރީވެފައި ހުރި ކުރެހުންތައް ހުއްޓެވެ. ދުރުން ބަލައިގެން ހިތް ނުފުރޭ ކަހަލަ މާނަ ފުން ކުރެހުންތައް ވެސް ހުއްޓެވެ.

އަހަރެން ވެސް އެ ކުރެހުންތައް ބަލަމުން ދިޔައީމެވެ. ކޮންމެ ކުރެހުމަކުން ފެނުނީ ތަފާތު މަންޒަރެކެވެ. ދޭހަވި މަނާ ވެސް ތަފާތުވެފައި ޚާއްސައެވެ. މިއީ، މިހާރު އާޓް ގެލެރީގައި ކުރިއަށްދާ މައުރަޒުން އަހަރެންނަށް ސިފަވި މަންޒަރެކެވެ.

ޝަމްލާގެ ދެ މައިން ---- ސަން ފޮޓޯ

މީގެ ކުރިން އާޓް ގެލެރީގައި އެހެން މައުރަޒުތައް ވެސް ބާއްވާފައި އެބަހުއްޓެވެ. އެކަމަކު، މި ފަހަރު ޚާއްސަވަނީ ދެމައިންގެ މައުރަޒަކަށް ވާތީއެވެ. މިއީ، އަދި އަލަށް ރާއްޖޭގައި ދެ މައިން މައުރަޒަކުން ފެނުނު ފުރަތަމަ ފަހަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ކިޔައިދެނީ އައިޝަތު ޝަމްލާއާއި އޭނާގެ ދަރިފުޅު ޔޫނުސް މުޙައްމަދު އާމިރުގެ މައުރަޒުގެ ވާހަކައެވެ.

ކޮވިޑުގައި ކުރެހި ކުރެހުންތައް ދެ މައިން ދައްކާލީ ގުދުރަތީ ހުވަފެނެއްގެ ސިފައިގައި!

ޒުވާން އުމުރުގައި ވެސް ގުދުރަތީ ރީތިކަމާއި ކުރެހުމަށް ޝަމްލާ ލޯބިކުރިއެވެ. އޭރު ވެސް މޫދު ކައިރިއަށް ގޮސް ކުރެހުންތައް ކުރައި އުޅުނެވެ. އެކަމަކު، ދަރިން ލިބުމަށް ފަހު، ކުރެހުން މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް ފެށުނީ، ކޮވިޑު 19ގެ ތެރޭގައެވެ.

ފެހުމަށް ވެސް ލޯބިކުރާ ޝަމްލާ އޭރު އައީ ފިހާރައެއް ހިންގަމުންނެވެ. އާލަމީ ވަބާއާ ގުޅިގެން ފިހާރަ ވެސް ބަންދު ކުރަން ޖެހުނީއެވެ. މުއްދަތެއް ނެތް ގޮތަށް ޖެހުނީ ގޭގައި ބަންދުވެފައި ތިބޭށެވެ.

އެ ދުވަސްވަރުގައި ދެ މައިން މަޝްވަރާ ކުރުމަށް ފަހުގައި ނިންމީ، ކުރަހާށެވެ. އެ ދުވަސްވަރުގައި އެކަނި ވެސް އެކި ކަހަލަ ގިނަ ކުރެހުންތައް ދެ މައިންނަށް ކުރެހުނެވެ.

ބިއްލޫރި ތަނޑިން ޝަމްލާ ހަދާފައި ހުރި ކުރެހުންތަކެއްގައި މީހަކު އަތްލައިގެން --- ސަން ފޮޓޯ/ މޫސާ ނަދީމް

ޝަމްލާ އެކޭ އެއްގޮތަށް ޔޫނުސްއަކީ ވެސް ކުރެހުމަށް ޝައުގު ހުންނަ މީހެކެވެ. އޭނާއަށް މި ކަމުގެ ތެރެއަށް ވަދެވުނީ، އާއިލާ ތެރޭގައި ކުރަހާތަން ފެންނާތީއެވެ.

"އަޅުގަނޑަށް ހަމަ ވެސް ބުނެވޭނީ ވަރަށް ކުޑައިރުއްސުރެ ހަމަ ކުރަހަމޭ. އާއިލާ ތެރޭގައި މަންމަ ވެސް މިހެން ސްކެޗް ކުރާތަން ފެންނާނެ. އެއްޗެއް ނޭނގުނީމާ އަހަން މިހެންހޭ ކުރަހަނީ. ގޭތެރޭގައި ކާފައަކީ ވެސް ވަރަށް މޮޅު ކުރެހުންތެރިއެއް. ކާފަ ކުރާތަން ބަލާ ވެސް ޝައުގުވެރިވޭ. ކުޑައިރު ކަނޑު އަޑީގެ ޕްރޮގްރާމްތައް ބަލާފައި ޑައިވް ވެސް ކުރިން. އެއީ ވެސް ވަރަށް ބޮޑު އިންސްޕްރޭޝަނެއް،" ޔޫނުސް ކުރަހަން ޝައުގުވެރި ގޮތް ކިޔައިދިނެވެ.

ޔޫނުސްގެ އެ ހުނަރު ތަރައްގީ ކުރަން އަބަދު ވެސް އެންމެ ކުރީގައި ހުންނަނީ ޝަމްލާއެވެ. އެގޮތުން، ޔޫނުސް ކުޑައިރު ވެސް ކުރެހުމަށް ބޭނުންވާ އެއްޗެއް ނަމަ ހޯދައިދެން ކަމަށް ޝަމްލާ ބުންޏެވެ.

"އޭނާ އެއަށް [ކުރެހުމަށް] އެހާ ޝައުގުވެރިވެފައި ހުރީމާ ބޭނުމެއް ނުވޭ އެކަން ބްލޮކް ކުރާކަށެއް. ކިތަންމެ ބައިވަރު ކެންވަންސެއް ބޭނުންވިޔަސް ހަމަ ހޯދައިދެން. ދެން އޭނާގެ އިހުސާސްތަކާ ހުރިހާ އެއްޗެއް ލާނެ އެއަށް،" ޝަމްލާ ކިޔައިދިނެވެ.

ދެ މައިންގެ މައުރަޒެކޭ ބުނުމުން ހީވީ، ދެ މީހުން ވެސް ކުރާހާފައި ހުންނާނީ އެއް ވައްތަރެއްގެ ކުރެހުންތައް ކަމަށެވެ. އެކަމަކު، އެއީ އަހަރެންނަށް ހީވި، ކުށްހީއެކެވެ. ދެ މީހުން ކުރާހާފައި ހުރީ ދެ މީހުންގެ ޚިޔާލު ވެސް ހިމެނޭ ކުރެހުންތަކެވެ.

ޝަމްލާ ކުރާހާފައި ހުރީ ބޮޑަށް އަލިގަދަ ކުލަތަކުގެ ކުރެހުންތަކެވެ. އެއާ ޚިލާފަށް ޔޫނުސް ކުރަހާފައިވަނީ ތަންކޮޅެއް ގަދަ ކުލަތައް ހިމެނޭ މޫދުގެ ޚިޔާލީ ކުރެހުންތަކެވެ.

ޝަމްލާގެ ދެ މައިންގެ ކުރެހުމުގެ މައުރަޒުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް

މައުރަޒަށް ނަން ދިނީ، ދެ މީހުންގެ ޚިޔާލާ ގުޅުވާފައި!

މި މައުރަޒު ޚާއްސަ ވަނީ ހަމައެކަނި ދެ މައިން ގުޅިގެން ބާއްވާ މައުރަޒަކަށް ވީމައެއް ނޫނެވެ. މި މައުރަޒަށް ނަން ކިއީ ވެސް، ދެ މައިންގެ ޚިޔާލާ މަޝްވަރާއަށް ކަމަށް ޝަމްލާ ބުންޏެވެ.

ޔޫނުސްއަކީ މޫދަށް ލޯބިކުރާ މީހަކަށް ވާއިރު، ނަން ކިއީ މޫދާއި ހުވަފެންތަކާ ގުޅުވާފައެވެ.

"އެކުއާ ޑްރީމްސްއޭ އެ ބުނަނީ، އަސްލު އެކުއާގައި ވަރަށް މޫދު އަޑީގެ އެއްޗެހި އަޅުގަނޑު ކުރަހާތީ. ދެ މީހުންގެ ހުންނާނެ ވަރަށް ފެންޓަސީ ޚިޔާލުގެ އެއްޗެހި. އެ ދޭތި އެކުވެގެން އަންނަ ޚިޔާލެއް އެއީ [އެކުއާ ޑްރީމްސްއަކީ]" ޝަމްލާގެ ވާހަކައަށް ޔޫނުސް އިތުރުކޮށްލިއެވެ.

މި މައުރަޒުގައި ތަފާތު އެކި އުފެއްދުންތައް ބޭނުންކޮށްގެން އެ ދެމައިން ކުރާހަފައި ހުއްޓެވެ. އޭގެ ތެރޭގައި ޕުޓީއާއި ކްލޭއާއި ބިއްލޫރި ތަނޑި ވެސް ހިމެނެއެވެ.

އެކުއާ ޑްރީމްސް މައުރަޒުގެ ކުރެހުމެއް މީހަކު ބަލައިލަނީ ----- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރެހުންތެރިންނަށް އެ ދެމައިން ދެނީ ވަރުގަދަ މެސެކެވެ. އެ މީހަކު ބޭނުންވާ ގޮތް ދޫކޮށް ނުލާށެވެ. ދެ މީހެއްގެ ޚިޔާލާއި ހުނަރު ތަފާތު ވިޔަސް، ގޭގައި ފޮރުވިގެން ނުތިބެ، އެ ހުނަރު އެހެން މީހުންނަށް ދައްކައިދޭށެވެ.

މި މައުރަޒު މި މަހު 30ގެ ނިޔަލަށް އާޓް ގެލެރީގައި ކުރިއަށްދާނެއެވެ. އެއީ، ކޮންމެ ދުވަހަކު ހެނދުނު 10:00އިން 22:00ގެ ނިޔަލަށެވެ. ހަމައެކަނި މެދުކަނޑާލާނީ ނަމާދު ވަގުތުތަކަށެވެ. މި މައުރަޒުގައި ބައިވެރިކުރި ހުރިހާ ކުރެހުމެއް ވެސް ވިއްކާލަން އެ ދެމައިން ވަނީ ނިންމާފައެވެ.