24 Nov 2025, 16:04
މާލޭން ކުއްޔަށް ދީފައިވާ ބިންތަކާއި ތަންތަނުގެ މައުލޫމާތު ވަރަށް ފަހުން މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާއިރު، އެ ކަމުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ދެމެދު އަރައިރުމެއް އުފެއްދިއްޖެއެވެ.
މާލެއާއި ވިލިމާލޭއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލުތައް މާލެ ސިޓީ ކައުންސިލުން އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހެވެ.
މާލޭގެ މޭޔަރަށް ކެމްޕެއިން ފައްޓަވާފައިވާ އަލީ އާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކާ ތަންތަނުގެ ލިސްޓުތައް ކަމަށް ބުނެ، ނެރެފައިވާ ލިސްޓުގައި އާރްސީސީއަށް ކުއްޔަށް ދީފައިވާ "ހީނާމާގޭ" ބިން އުނިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ބިން އުނިކޮށްފައިވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްތޯ އޭނާ ވަނީ ސުވާލުއުފައްދަފާއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއީ ކުރިން މާލޭގެ މޭޔަރުކަން ކުރެއްވި، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އާދަމް އާޒިމް ހިންގަވަމުންދާ "ޖަރީމާތަކުގެ" ކޯވަރެއް ކަމަށެވެ. އަދި، އެ ދެ ބޭފުޅުންނަށް ނުސީދާ ގޮތެއްގައި އިޝާރަތްކުރައްވައި، އަލީ އާޒިމް ވަނީ މަކަރާއި ދޮގާއި އޮޅުވާލުމަކީ ކަށީގައި ހިފާފައި ހުރި ކަންކަންތޯ ސުވާލު އުފައްދަވާފައެވެ.
އެ ޕޯސްޓަށް ރައްދުދެއްވައި، މޭޔަރު އާޒިމް ވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވަނީ ކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އޮތްނަމަ ހާމަކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ދޮގު ހެދުމަކީ ރީތި ކަމެއް ނޫން ކަމެއް ވިދާޅުވެ، މޭޔަރު އާޒިމް ވެސް ވަނީ ރައްޔިތުންގެ ކުރިމަތީގައި "ތިހެން" އުޅުއްވީމައި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެކަމަށް ވިދާޅުވެ، ބަހުގެ ހަމަލާއެއް ރައްދު ކުރައްވާފައެވެ.
މޭޔަރު ވަނީ ހާމަކުރި މާލޭގެ ބިންތަކާ ގުޅިގެން އެއްވެސް މައްސަލައެއް އޮތްނަމަ، މާލެ ސިޓީ ކައުންސިލަށް ހުށަހަޅަން 30 ދުވަސް ދީފައިވާނެ ކަމަށާއި އާރްޓީއައި ލައިގެން ވެސް މައުލޫމާތު ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.
ދެ އާޒިމްގެ ދެމެދުގައި އަރާރުމެއް އުފެދުނުއިރު، ދެ ބޭފުޅުން އަންނަނީ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބަށް، މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓު ހޯދަން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން، ކެމްޕޭންގެ ތެރެއިން ވެސް ދެ ބޭފުޅުންގެ އަރިސް ބޭފުޅުން ގެންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެތެރޭގެ ވާދަވެރިކަން ބޮޑުވެފައި އޮތް އެމްޑީޕީގައި މޭޔަރު އިންތިޚާބުގެ ޕްރައިމަރީގެ ވާދަވެރިކަން ވެސް ބޮޑެވެ.
މާލޭ ސިޓީ ކައުންސިލްގެ އިއުލާނާ އެކު މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކުރި ފުލެޓުތަކާއި ބިންބިމާއި ތަންތަނާއި ފައްތިޔާތަކާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާކެޓުތަކުން ކުއްޔަށް ދޫކުރި ގޮޅިތަކުގެ ތަފުސީލުތައް ވަނީ ވަކިވަކިން އާންމުކޮށްފައެވެ.
އެގޮތުން، މާލެއާއި ވިލިމާލެއިން 157 ބިމެއް ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭން ކުއްޔަށް ދޫކޮށްފައިހުރި ބިންތަކުގެ ތަފުސީލު ހާމަކުރުމަކީ މޭޔަރު އާދަމް އާޒިމްގެ ވައުދެކެވެ. ނަމަވެސް، އެ މި ތަފުސީލު ހާމަކުރީ ވައުދުވީ މުއްދަތަށްވުރެ އެތައް ދުވަހެއް ފަހުންނެވެ.