އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު މީހަކު ހާލު ސީރިއަސްވެ މަރުވެއްޖެއެވެ.

މަރުވީ ތަމަންނާގެ، ސ.ހިތަދޫ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީއެވެ. އޭނާއަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި މީހެކެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އޭނާ އައިއެމްޑީސީއަށް ދިޔައީ، ވިހަން ދީފައި އޮތް ތާރީޚު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހަށިގަނޑުގައި ހުން ހުރެ، ހޮޑުލެވެމުން ދިޔުމާއި، ފިޓު ޖެހުމުގެ ސަބަބުން، ކްލިނިކުން ނިންމީ އިމަޖެންސީކޮށް ސީ ސެކްޝަނެއް ހަދާށެވެ.

ނަމަވެސް ސީ ސެކްޝަނަށްފަހު، ހާލު ގޯސްވުމުން ދެން ނިންމީ އިމަޖެންސީގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދާށެވެ. ނަމަވެސް ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވިހެއި ދަރިފުޅުގެ ހާލު ވެސް ގޯހެވެ. މި ހާދިސާއާ ގުޅިގެން އައިއެމްޑީސީގެ ބަހެއް ހޯދަން "ސަން"އިން ގުޅި ނަމަވެސް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލުގެ މުވައްޒަފުން އަންނަނީ ތައުޒިޔާ ރައްދުކުރަމުންނެވެ.

އެގޮތުން ނިޒާރުގެ ތައުޒިޔާ މެސެޖުގައި ލިޔުއްވި ގޮތުގައި ނަޒާހަތަކީ އަޚްލާގު ރަނގަޅު މުވައްޒަފެކެވެ. އަދި އޭނާގެ ވަކިވުމަކީ ފުން ހިތާމައެކެވެ.

މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން އަންނަނީ ހިނގަމުންނެވެ. ނަމަވެސް މީގެ ކުރިން ހިނގި މިފަދަ ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު އެޅީ ކޮން ފިޔަވަޅެއްކަން ސާފެއް ނޫނެވެ.