23 Aug 2012, 18:30
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ހަ މީހަކު ގިނަ އަދަދެއްގެ ފައިސާއާއެކު ގއ. ކަނޑުހުޅުދޫން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 58 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ރޭ ދަންވަރު ފުލުހުން ކަނޑުހުޅުދޫގައި ހިނގް އެ އޮޕަރޭޝަނުގައި ހަ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ މިއަދު ކަނޑުހުޅުދޫން ނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ރަށުގައި އެ އޮޕަރޭޝަން ޖައްސާފައި ވަނީ މާލޭން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭ މާލޭގެ ބައެއް ގޭންގްތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ތިން މީހަކު ހައްޔަރުކޮށްފައި ވަނީ އެރަށު މަގުމަތީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެމީހުން ބަލާފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު 57 ޕެކެޓާއި ބްލެޓް ސައިޒެއް ފެނިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރަން ފަށަކާއި 31،000ރ. އަށް ވުރެ ގިނަ ރުފިޔާ އާއި 6،00 ޑޮލަރާއި 2،000ރ. ޗެކެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ މައްސަލައާއި ގުޅިގެން އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގއ. ކަނޑުހުޅުދޫގައި، ގއ. ވިލިގިނލީ ޕޮލިސް ސްޓޭޝަނާއި އެ އަތޮޅު، ދާންދޫ އަދި ގެމަނަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ޕޮލިސް އިންޓަލިޖެންސް ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މިއަދާއި މިރޭވެސް މީހުންނާއި ތަންތަން ބަލައިފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު އެ ރަށުން ފުލުހުން ބަލާފާސްކުރި ތަނަކުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ހުސް ރަބަރު ޕެކެޓްތަކެއް ފުލުހުންވަނީ ހޯދައިފަ އެވެ.
ފަހަކަށް އައިސް މާލެއާއި ރާއްޖެތެރެން ދަނީ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.