ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިލެކްޓްރީޝަން ކޯސް ފުރިހަމަކުރި 116 އަންހެނުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ސްޓެލްކޯއިން ހަތް ބުރަކަށް ބަހާލައިގެން ހިންގި ''ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން''، ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސާޖިދާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހް ރަޝީދު އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ. އެކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވާހަކަަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެކަމަނާގެ ވާހަކަފުޅުގައި، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން މިކޯހުން ލިބިވަޑައިގަންނަވާތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއްކަމުގައި ވިދާޅުވިއެވެ. ގޭތެރެއިން މަންމަ އަބަދު ކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް ކަމަށާއި މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ ދާއިރާއެއްގެ ޚިދުމަތެއްގައި ވެސް އެ ދާއިރާއަކާބެހޭ ގޮތުން ފަށާފެންވަރުގެ މަޢުލޫމާތު ކޮންމެ މީހަކަށް ލިބިފައިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދުކުޑަކުރާނެގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެއްވާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.