24 Nov 2025, 12:59
ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅަދާނަކަން ދެއްކުމަށް އޭނާ ދަނީ ކޮންމެ މެޗެއްގައިވެސް ދަނޑުމަތީގައި މަސައްކަތްކުރަމުންނެވެ. އޭގެތެރެއިން ގިނަ ފަހަރު ކަންކަން ދަނީ އޭނާ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ.
ނަމަވެސް ނިމުނު ހުކުރުދުވަހު އޭނާގެ ކުލަބު އަލް ނަސްރަށް ކާމިޔާބުކޮށްދިން ބައިސިކަލް ކިކާއެކު އުމުރުން 40 އަހަރުގެ ކުޅުންތެރިޔާގެ ހުނަރުވެރިކަން ވަނީ އަނެއްކާވެސް ދައްކާލާފައެވެ. "ގޯޓު" ބަހުސްގައި ރޮނާލްޑޯގެ ސަޕޯޓަރުންނަށް އަނެއްކާ ވެސް ބަސް ބުނާނެ ދަނޑިވަޅެއް ލިބުނީއެވެ.
ކަނާތު ފަރާތުން ލިބުނު ހުރަހަކުން އެކްރޮބެޓިކް ވޮލީއަކުން ނުވަތަ ބައިސިކަލް ކިކުން ފަޔަށް ހެޔޮވަރު ކޮށްލުމަށްފަހު އެއްބުރުން ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ކީޕަރުވެސް ކޮސްކޮށްލާފައެވެ. އެކަން އެ ލަނޑަށްފަހު ކީޕަރުގެ މޫނުމަތިން ފެނުނެވެ. މެޗަށްފަހު އެ ކީޕަރު ބުނީ އެ ބޯޅައަށް ހަރަކާތްކުރަން ވެސް އޭނާގެ ސިކުނޑިއަށް ވަގުތެއް ނުލިބުނު ކަމަށެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ޚާލީޖް އަތުން 4-1 އިން އަލް ނަސްރު މޮޅުވި މެޗުގެ ކުރިން ރޮނާލްޑޯ އެންމެފަހުން ކުޅުނީ އޭނާގެ ގައުމީ ޓީމަށެވެ.
އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. އެއާއެކު ވޯލްޑްކަޕުގައި ޕޯޗުގަލް ކުޅެންޖެހޭ ފުރަތަމަ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެ އެވެ.
ރޮނާލްޑޯގެ ވިސްނުން ހުރީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ކުޅޭށެވެެ. އެހެން އެކަން ވެއްޖެނަމަ އޭނާ ވެގެންދާނީ އެންމެ ގިނަ ވޯލްޑްކަޕް ކުޅޭނެ ކުޅުންތެރިޔާއަށެވެ.