މާލޭގެ ފަސްވަނަ އަވަށް, ވިލިމާލޭގައި ހުރި ބޮޑު ނިކަ ގަހެއް ނަގަން ފެނޭތޯ ނުވަތަ ނޫންތޯ އެއްސެވުމަށް ފަހު, އެ ގަސް ނަގައި ދެއްވާނެކަމުގެ ވައުދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ވަރަށް އަމާން, އަދި ފެހިކަން ގަދަ, ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ރޭ އެ އަވަށުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި, އިބްރާހީމް ސަމާހް ކިޔާ މީހަކު ބުނީ, އޭނާ ވިލިމާލޭގައި ދިރިއުޅޭތާ 25 އަހަރު ވެއްޖެ ކަމަށާއި އެ ރަށުގައި ހުރި ނިކަ ގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށެވެ. އެކަން ކޮށްދޭނެ ކަމަށް ކުރީ ސަރުކާރުތަކާއި ކައުންސިލްތަކުން ބުނި ނަމަވެސް އެކަން އަދިވެސް އޮތީ ނުވެ ކަމަށް އޭނާ ބުންޏެވެ.

ވިލިމާލޭގައި ބަގީއެއް ދުއްވަނީ -- ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, އެކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި މޭޔަރަކަށް ހުންނެވިއިރު އެތަން ބައްލަވާލައްވަން ވަޑައިގެންނެވި ކަމަށެވެ. އެ ގަސް ކަނޑަށް ގާނޫނީ މައްސަލައެއް ނެތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވާއިރު ތިމާވެށީގެ އުސޫލުތަކުގެ ތެރެއިން އެކަން ހައްލު ކުރެވޭނެ ކަމަށް, ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވެސް ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަށް ފަހުން, ރައީސް އެއްސެވީ އެ ގަސް އެތަނުން ނަގަން ބޭނުންވާ މީހުން އަތްމައްޗަށް ނެގުމަށެވެ. ގިނަ ބަޔަކު އަތްމައްޗަށް ނެގުމުން ރައީސް ވިދާޅުވީ "އެހެންވީމަ, ގާތްގަނޑަކަށް އިއްތިފާގުން ފާސް މިވީ" ކަމަށެވެ.

"އެހެންވީމައި އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ދާނެ," ރައީސް ވިދާޅުވިއެވެ.

މާލެ, ވިލިމާލެ, ހުޅުމާލެ ހިމެނޭ ގޮތަށް އިދާރީގޮތުން އެއް ސަރަހައްދަކަށް ހިންގަމުން އަންނައިރު ވިލިމާލެއަކީ އޭގެ ތެރެއިން އެންމެ ކާރުބާރޫ ކުޑަ, އަދި ފެހި އަރާމު އަވަށެވެ. އެ އަވަށުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް ގިނަ ޚިދުމަތްތަކެއް އެކަށީގެންވާ ފެންވަރުގައި ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ.