މިދިޔަ އަަހަރުގެ އޮކްޓޫބަރު ތިނެއްގައި ށ. މިލަންދޫ ފަރަށް އެރި ބޯޓެއް އެންވަޔަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީއާރުއޭއިން ޖޫރިމަނާކުރީ، އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓުކަމުގެ ދަށުން ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްފައިވާ "ޝޭވް ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.

އީއާރުއޭއިން ނެރުނު އިއުލާނެއްގައި ވަނީ އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޫބަރު 19ގައި ފަރުމަތިން ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ ނޮވެންބަރު ހަތަކާއި އަށެއްގައި، ފަރަށް އެރި ސަރަހައްދުގެ ޖޮއިންޓް ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެ ސާވޭ ހެދީ، އެ ބޯޓުގެ ވެރިފަރާތުން އައްޔަނުކުރި ސާވޭޔަރުންނާ އެކީގައެވެ.

އެގޮތުން، ބޯޓު ފަރަށް އެރި ސަރަހައްދުގެ 477 އަކަމީޓަރު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށް އީއާރުއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާއަކީ، 12 މިލިއަން ރުފިޔާއެވެ.

އެހެންވެ، ފަރަށް އެރި ބޯޓު ނިސްބަތްވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ގްލޯހާ މެރިޓައިމް ލިމިޓެޑް"އަށް އީއާރުއޭއިން ވަނީ 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމާއި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދައްކަން އަންގާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް ފަރުތަކަށް ބާޖު ފަދަ އުޅަނދުތައް އަރާފައި އެބަހުއްޓެވެ. އަދި، އެފަދަ އުޅަނދުތައް އެރުމުން ފަރަށް ލިބޭ ގެއްލުމަށް އީއާރުއޭއިން ޖޫރިމަނާކުރެއެވެ.