24 Nov 2025, 11:15
އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްމާއީލް ރޭ އެ ދެއްވި އިސްތިއުފާއަކީ ހަގީގަތުގައި މީގެ އެތައް ދުވަހެއް ކުރިން ދެއްވަން ޖެހޭ އިސްތިއުފާއެކެވެ. އެއީ, ކޮންމެހެން ފައްޔާޒަކީ މާ ގޯސް ބޭފުޅަކަށް ވެގެންނެއް ނޫނެވެ. އޭނާއަކީ ހިންގުންތެރިކަމާއި ކެރުންތެރިކަމާއި, އަދި އާދަޔާޚިލާފު ހަރުކަމެއް ހުންނަ، ގާބިލު ވެސް ބޭފުޅެކެވެ. ނަމަވެސް ތަހުޒީބީ, ޑިމޮކްރެޓިކް ގައުމެއް ނަމަ އެ މަގާމު ފައްޔާޒު ދޫކޮށްލަވަން ޖެހޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
ސަބަބުތައް ބައިވަރެވެ. މަދު ދެތިން ސަބަބަކަށް ބަލާލާނަމެވެ. އާރާއި ބާރު އޮވެ, އެތައް ގޮތަކަށް, އެ ބޭނުން ކުރައްވައިގެން ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއެވެ. އޭގެ ފަހުން 2024 ވަނަ ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނު އެންމެ 12 ގޮނޑިއަކީ ވެސް ވަރަށް ލަދުވެތި ނަތީޖާއެކެވެ. އަދި، އެވަރުން ނިމުނީއެއް ނޫނެވެ.
މި ސަރުކާރުން ގޯހުގެ މައްޗަށް އެތައް ގޯހެއް ހަދާއިރު ވެސް, 43،000 އަށް ވުރެން ގިނަ މެންބަރުން ތިބި އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ކުރުވަން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ ވަރާ ގާތަށް ވެސް ނުކުރެވޭ ކަމުގެ ފާޑުކިޔުން ބޮޑެވެ. އަދި، އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބާއްވަން އިއުލާންކުރި, މުޒާހަރާއެއް ސަރުކާރުން ދޭ ފައިސާގައި ހިފާފައި ނުބާއްވަން ނިންމާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް, ފާޅުގައި އެ ހާމަކުރަނީ ސަރުކާރު ނިސްބަތްވާ ޕާޓީންނެވެ. ތިން ހާހެއްހާ މެންބަރުން ތިބި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ, ޕީއެންއެފްއިން ބާއްވާ ސިޓިން ރޫމް ޖަލްސާތަކުގައި ސަރުކާރަށް އެ ދޭ ޕްރެޝަރު ވެސް އެމްޑީޕީއަށް ނުދެވޭ ހިސާބަށް ކަންކަން އޮތީ ގޮސްފައެވެ. އެއީ ފައްޔާޒުގެ އެކަނި ކުށެއް ނޫނެވެ. ލީޑަރަކަށް ވާކަހަލަ ލީޑަރެއް ނެތުމުގެ މައްސަލައެވެ.
ދެން ސުވާލަކީ އެމްޑީޕީ އެ ޕާޓީގެ އަސްލު ސިފައިގައި ނުފެނިގެން މި އުޅެނީ ކީއްވެގެންތޯއެވެ؟ އިވޭއަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު ދޭން އޮތީ ކުރު ޖަވާބެކެވެ. ރިޔާސީ އިންތިޚާބަށް ތިން އަހަރު އަދި އޮތްއިރު އެ ޕާޓީގެ އިސް ސަފުގައި, ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން އެހާމެ ބޮޑީއެވެ.
"ކިތަންމެ ކެންޑިޑޭޓެއް އެބަ އުޅެއެއްނު. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވާދަވެރިކަން މާ ބޮޑީ. އެކަމާ ހުރެ އެހެން ކަމަކާ ފޯކަސް ނުކުރެވޭ ހިސާބުގައި އެ ތިއްބެވީ. އެކަން ހައްލު ނުވެ އެއްކަމެއް ވެސް ނުކުރެވޭނެ," ފައްޔާޒުގެ އިސްތިއުފާއާ ގުޅިގެން "ސަން"އާ ވާހަކަދެއްކި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
އިސްސަފުގައި ވައްކަމުގެ ތުހުމަތުކުރެވޭ އެތައް ބައެއް!
ޔާމީން, ވަގެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައި 2018 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ ގިނަ ހުވަފެންތަކެއް ރައްޔިތުންނަށް ދައްކަމުންނެވެ. ޚާއްސަކޮށް ކޮރަޕްޝަން ރާއްޖެއިން ނައްތާލައި, ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރާ ވަގުންނަށް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ދިނެވެ.
ނަމަވެސް، ސަރުކާރާއި މަޖިލީހުގެ ފުލް މެޖޯރިޓީ ލިބުނު އެމްޑީޕީގެ ނިމިދިޔަ ވެރިކަމަށް ބަލާއިރު އެއީ މާ ސަހަލު ވެރިކަމެއް ނޫނެވެ. ފެނަކައާއި އާރްޑީސީއާއި ވެންޓިލޭޓަރު އެކަންޏެއް ނޫނެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ކުރެވޭ ތުހުމަތުތައް ވަރަށް ވެސް ގިނައެވެ. މި ފަހުން ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓަށް އެކަނި ބެލި ނަމަވެސް ފިއްކަނޑައިގެން ދާފަދަ އެތައް ކަމެއް ކޮށްފައިވާކަން އެ އޮތީ ހާމަކޮށްފައެވެ.
ޕާޓީގެ އިސް މަގާމުތަކުގައި މިހާރު ވެސް ތިއްބެވި ބައެއް ބޭފުޅުން, އެ ފަސް އަހަރު ތެރޭގައި ހޯއްދެވި ކުއްލި މުއްސަނދިކަމާއި އަޖައިބެއްފަދަ ތަނަވަސްކަމަކީ އެތައް ސުވާލެއް އޭގެ ފަހަތުގައިވާ ކަންކަމެވެ. ވެރިރަށް މާލެއިން ގަތީ ހަމައެކަނި ބިމާއި ފުލެޓެއް ނޫނެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އަނބިންނާއި ދަރިންނާއި އިތުބާރު ކުރެވޭ އެހެން މީހުންގެ ނަމުގައި ވެސް ކުންފުނި ހަދައިގެން، ނެގެން އޮތް އެތައް ފައިދާއެއް ނެގި ކަމަށް ތުހުމަތުކުރެވެއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ތެރެއިން: --- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެ ޕާޓީގެ ވެރިކަމުގައި އެޅި ފުލެޓުތަކާއި މާލެ ސަރަހައްދުން ބަހާލި ބިންތަކަށް އެކަނި ބަލައިލި ނަމަވެސް އެފަދަ ކިތަންމެ ކަމެކެވެ. ކުދި ރަށްރަށުގެ ކަންކަން ފަސޭހައިން އެނގޭނެތީ ފުލެޓު ލިސްޓަށް ހަދާފައި އޮތްގޮތް އެ ރަށްރަށު މީހުންނަށް ބެލުމުން ސާފުކޮށް ފެންނަން އެބައޮތެވެ. ޝަރުތަކާއި ޝަރުތެކެވެ. ހަމަ ބޭނުން ކޮންމެ މީހަކަށް އޮތީ ދީފައެވެ. އަދި، ބޭނުންނުވާ މީހުން އޮތީ ބާކީ ކޮށްފައެވެ.
ދެރައީ މިކަންކަން ކުރިކަމަށް ބެލެވޭ މީހުން އަދިވެސް ތިބީ އެމްޑީޕީގެ އިސް ސަފުގައި ކަމެވެ. ގައުމީ މަޖިލީހާއި އެހެން މަގާމުތަކުގައެވެ. މިއީ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއްގެ ހުވަފެން ދައްކައިގެން 2005 ވަނަ އަހަރު އުފެއްދި އެމްޑީޕީއަށް ހުތުރު ނަން ލިބި, ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަންކަމެވެ.
ދުނިޔޭގެ ތަހުޒީބީ ގައުމުތަކަށް ބަލާއިރު އިންތިޚާބުތަކުން ލިބޭ ދަށް ނަތީޖާއާއެކު ލީޑާޝިޕް އިސްތިއުފާ ދޭނެއެވެ. އަދި، ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުމާއެކު ވެސް މަގާމުން ދުރަށް ދާނެއެވެ. އެއީ، މަގާމާއި އެ ޕާޓީގެ އަގު ހިފެހެއްޓުމަށްޓަކައެވެ.
އެމްޑީޕީއާ ޒަމާނުންސުރެ ގާތްގުޅުމެއް އޮންނަ, އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާދެއްވީ ބްރެކްސިޓްގެ ވޯޓުން ނާކާމިޔާބުވުމުންނެވެ. މި ފަހުން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަން އިސްތިއުފާ ދެއްވީ ކޮރަޕްޝަނުގެ ތަހުގީގެއް އޭނާގެ މައްޗަށް ފެށުމާ ގުޅިގެންނެވެ. އޮސްޓްރޭލިއާގައި ކެވިން ރަޑްއާއި މެލްކޮމް ޓާންބުލް ފަދަ ލީޑަރުން ބަދަލުކުރީ އެ ބޭފުޅުންގެ ޕާޓީއަށް އޮތް އިތުބާރު ގެއްލިގެންނެވެ.
މިއީ ތަހުޒީބީ ގައުމުތަކުގައި އެކަންކަން ކުރާ ގޮތެވެ. ނަމަވެސް، އެއީ މި ރާއްޖޭގައި އެކަން ހިނގާ ގޮތެއް ނޫނެވެ. ޚާއްސަކޮށް ހުދުމުހުތާރުކަމާއި, ވައްކަމާ ދެކޮޅަށް އުފެއްދި އެމްޑީޕީގެ އެތެރެއިން އެ މަންޒަރު ނުފެންނާތީ ވަރަށް ދެރައެވެ.
އެމްޑީޕީ އާ ވާން ޖެހޭ, އެތައް އިސްތިއުފާއެއް މުހިންމު
ސާޅީސްހާސް މީހުންނަށް ވުރެން ގިނަ މެންބަރުންނާއެކު އިދިކޮޅު ޕާޓީއެއް މިއަދު ރާއްޖޭގައި އޮތްނަމަވެސް ހެޔޮވެރިކަމެއް ކޮށްދޭނެ ބަޔަކު ތިބި ކަމުގެ އިހުސާސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ނުކުރެވެއެވެ. ސަބަބަކީ ވައްކަން ކުރާ މީހުންނާއި އިހުލާސްތެރި ނޫން މީހުން ޕާޓީގެ އިސް ސަފުގައި ތިބި ކަމަށް ބެލެވޭތީއެވެ. ފެނަކަ މައްސަލަ ހަގީގަތުގައި އަޙްމަދު ސައީދާ ހަމައަކުން ނުނިމެއެވެ. މަންފާ ހޯދި މީހުންގެ މައްސަލަ ބަލަން ޖެހެއެވެ.
ދައުލަތުގެ އިސް މަގާމުތަކުގައި ތިބެގެން މާ ސިންގާ ވިޔަފާރި ހިންގައި ބޮޑެތި ނަފާތައް ހޯދުމަކީ މައްސަލައެއް ނޫން ކަމަށް އެކަން ކުރާ މީހުން ދެކެފާނެއެވެ. އެކަމަކު، އެއީ ހަގީގަތުގައި ވަރަށް ބޮޑު މައްސަލައެކެވެ. ދައުލަތުގެ ފައިސާއާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވޭ މަގާމުތަކުގައި ތިބެގެން އަމިއްލަ ކަންކަމާ އުޅުމަކީ ޑިމޮކްރަޓިކް މުޖުތަމައުތައް ދަންނަ ކަމެއް ނޫނެވެ.
"އަސްލު ސިޔާސީ މީހުންނާ ދޭތެރޭ ވަރަށް މާޔޫސް ރައްޔިތުން. ސިޔާސީ ކަންކަމަށް އިތުބާރެއް ނެތް. ބަދަލުތަކެއް ބޭނުން ވެފައި އެ ވަނީ," ސަލާމަތީ ބާރެއްގެ ވެރިއަކު ރާއްޖޭގެ ހާލަތާ މެދު ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ހަގީގަތަކީ އެމްޑީޕީއަށް ގިނަ ބަދަލުތަކެއް އަންނަން އެބަޖެހެއެވެ. އެންމެ މުހިންމީ އޮޑިޓް ރިޕޯޓަކުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ކޮރަޕްޝަން ނުވަތަ ނާޖާއިޒު ފައިދާއެއް ނެގި ކަމަށް ތުހުމަތުކުރެވޭ އެންމެން ލީޑާޝިޕާ ދުރަށް ދިއުމެވެ. އެއީ އެ މީހުން ތިބެގެން ކަންކަން ދާނީ ގޯހުން ގޯހަށެވެ. އެ މީހުންގެ މައްސަލަތައް ބަލާފާނެތީ އޭރަކު އޮންނަ ސަރުކާރަކާ ވަގު ޑީލްތައް ހަދަން އޮންނާނީ މަޖުބޫރުވެފައެވެ. މިކަހަލަ މީހުން ޕާޓީއާ ދުރު ވާން ޖެހެއެވެ. ނޫނީ ޕާޓީއަށް އަނބުރާ އިތުބާރު ހޯދޭނެ ގޮތެއް ނެތެވެ. އިތުބާރު ނުލިބޭނަމަ ވޯޓެއް ނުލިބޭނެއެވެ.
ދެން އޮތީ ޕާޓީގެ ތެރޭގައި އަވަސް އިންތިޚާބުތަކެއް ބޭއްވުމެވެ. އެއަށް ފަހު، އައު ލީޑާޝިޕަކަށް ފުރުސަތު ދިނުމެވެ. އެ ލީޑާޝިޕް ވާން ވާނީ ޕާޓީގެ އެތެރޭގައި ހުރި ގޯސްތައް ގަބޫލުކޮށް, އެކަން އިސްލާހުކުރާނެ ބަޔަކަށެވެ. އެއަށް ފަހު ގައުމުގެ ކަންކަން އިސްލާހަށް ނުކުންނަންވީ ބަޔަކަށެވެ.
މީގެ ކުރިއަށް ބަލާއިރު އެމްޑީޕީއަކީ ވަރަށް އޮގަނައިޒްކޮށް ހިންގަމުން ދިޔަ ޕާޓީއެކެވެ. ކަންކަމަށް ރިއެކްޓް ކުރައްވާލެއް ގިނަ ނަމަވެސް ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނެވިއިރު އެ ޕާޓީގެ ލަޝްކަރު ވަރުގަދައެވެ. މިއަދު އެ ޕާޓީއެކޭ މައިންބަފައިން ނެތް އާއިލާއެކޭ އެއްގޮތެވެ.
ކުރިއަށް އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. އެއަށް ފަހު، ރިޔާސީ އިންތިޚާބެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި އިންތިޚާބުތައް ކާމިޔާބުކުރަން އެމްޑީޕީއަށް 180 ޑިގްރީގެ ބަދަލެއް އަންނަން އެބަޖެހެއެވެ. އެ ބަދަލު ގެނެވޭނީ, ފެއިލްވި, ނުވަތަ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުން މަގާމުތަކުން ދުރުކޮށްގެންނެވެ. އެމްޑީޕީ އާ ވާން ޖެހެއެވެ. ފައްޔާޒުގެ އިސްތިއުފާއަކުން އަދި އެކަމެއް ނުވާނެއެވެ. ކިތަންމެ އިސްތިއުފާއެއް އެ ޕާޓީއަށް އަދި ބޭނުންވެއެވެ.