23 Aug 2012, 18:15
ލޮނުޒިޔާރަތް މަގުގައި އިމާރާތެއް ހެދުމަށް ގޯތިތެރެ ކޮނުމުގެ ސަބަބުން ޖެހިގެން ހުރި އިމާރާތް އަރިއަޅާލާފައި ވާތީ އެ އިމާރާތް ކެރޭނެއްގެ އެހީގައި ތެދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އަރިއަޅާފައިވާ ގ. ސަލާމަތުގެ އަށް ސިޓީ ކައުންސިލްގެ މެންބަރުންނާއި އިންޖިނިއަރުން ވަޑައިގެން ލިބިފައި ހުރި ގެއްލުންތައް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ "ސަލާމަތުގެ" ކައިރީގައި އިމާރާތެއް ކުރުމަށް ކޮނުމުގެ ސަބަބުން އެ ގެ އަރިއަޅާލި މައްސަލަ އެ ކައުންސިލްގެ އިންޖިނިއަރުން ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގައި މިހާރު ސިޓީ ކައުންސިލުން އަމަލުކުރަން ނިންމާފައިވާ ގޮތަކީ އެގެ އަރިއަޅާލާފައިވާތީ ކެރޭނެއްގެ އެހީގައި އިމާރާތް ދެތުކުރުމަށް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ އިންޖިނީއަރުން ވަޑައިގެން މިތަން ބައްލަވާފައި އަޅުގަނޑުމެންނަށް މިވަގުތަށް ވިސްނުނުގޮތަކީ ވަކިގޮތެއް ނިމެންދެން އަރިވާކަން މިފެންނަ ކަމަށް ޓަކައި މިތަން އިހަށް ކެރޭނެއް އަޅައިގެން މިތަން ސަޕޯޓު ކުރެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރުން،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިމާރާތް އަރިއަޅާފައި އޮތް އޮތުން ކެރޭނެއްގެ އެހީގައި ހައްލު ކުރި ނަމަވެސް އެ އިމާރާތަށް ލިބިފައިވާ ގެއްލުންތައް އިންޖިނިއަރުން ދިރާސާ ކުރުމަށް ފަހު ދާއިމީ ގޮތެއްގައި އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ. އަދި މިވަގުތު އެގޭގައި މީހުން ދިރިއުޅުމަކީ މައްސަލައެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދީފައި ނުވާ ކަމަށާއި އެގޭގައި މީހުން ދިރިއުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދީފި ނަމަ އެމީހުން އެހެންތަނަކަށް ބަދަލުކުރުމުގައި ސިޓީ ކައުންސިލުން އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުން ގެއިން ]މީހުން] ނެރެން ޖެހޭ ކަމަކަށް އިންޖިނިއަރުންގެ ލަފެއް ނުލިބޭ. އެފަދަ ލަފައެއް ލިބުމުން އެމީހުން ގެއިން ބަދަލުކުރުމަށް ކައުންސިލުން އެހީވެދޭނެ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިމާރާތް ބުރިބުރިއަށް ނަގާފައި ވަނީ ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ކަމަށާއި ނަމަވެސް މިގަތު އަދި އެކަމާ ގުޅިގެން ފިޔަވަޅެއް އެޅުމަށް ނިންމާފައި ނުވާނެ ކަމަށެވެ.
"ހުއްދަ ހުރި ވަރަށް ވުރެ ސީޓެއް އިތުރު. ފުރަތަމަ މި މަސައްކަތް ކުރަނީ މިހިސާބުގައި ދިރިއުޅޭ މީހުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަން. ފުރަތަމަ އެކަން މިކުރަނީ. އެއަށް ފަހު ގަވާއިދާއި ޚިލާފުކަމެއް ހުރެއްޖެއްޔާ އެކަމެއް ކައުންސިލުންބަލައި އޮންނަ އުސޫލެއްގެ މަތިން ކުރިއަށް ގެންދާނެ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތުގެ އެއް އަމާޒަކީ އެކަމުގެ ސަބަބުން އެގޭގެ ކައިރީ ދިރިއުޅޭ މީހުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށާއި އޭގެ ފަހުން ގަވާއިދާ ޚިލާފަށް ކޮށްފައިވާކަމެއް ބެލުމަށް ފަހު ހަމަޖެހިފައިވާ އުސޫލުގެމަތިން އަމަލުކުރުން ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވެސް ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ސަންއޮންލައިނާ ވާހަކަ ދައްމުން އެގޭގައި ދިރިއުޅޭ މީހަކު އިއްޔެ ބުނީ އިމާރާތް އަރިއަޅާފައި ވުމުގެ ސަބަބުން ގޭގައި ދިރިއުޅޭ މީހުން މިހާރު ތިބީ ބިރުވެރިކަމެއްގައި ކަމަށެވެ. އަދި ގޭގައި ލާފައި ހުރި ރެނދުތައް އިތުރަށް ފުޅާވަމުންދާތީ އެ ގޭގައި ދިރިއުޅޭ 15 މީހުން މިހާރު އެހެންތަނަކަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.