ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ ޖުޑީޝަރީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އިހުތިޖާޖުކުރަން ކަޅު ހެދުމުގައި އޮފީހަށް ހާޒިރުވެއްޖެއެވެ.

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.

ސުޕީރިއާ ކޯޓެއްގެ މުވައްޒަފެއް "ސަން" އަށް މައުލޫމާތުދިން ގޮތުގައި ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓު، ޑުރަގު ކޯޓު އަދި ކްރިމިނަލް ކޯޓުގެ މުވައްޒަފުން މިއަދު އޮފީސްތަކަށް ދިޔައީ ކަޅު ހެދުމުގައެވެ. މުސާރައިގެ އޮނިގަނޑަށް ބަދަލު އައި ގިނަ މުވައްޒަފުންތަކެއް މިގޮތަށް ހެދުން އަޅައިގެން އޮފީހަށް ދިޔައީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އިހުތިޖާޖުކުރުމަށް ޓަކައި ސަލާމް ބުނާ ވަރަށްވުރެ ކޯޓުގެ މަސައްކަތް މާ ގިނަ ކަމަށް އޭނާ ބުނެފައިވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އަތޮޅުތެރޭގެ ބައެއް މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުން ވެސް ދަނީ މުސާރައަށް އައި މި ބަދަލާ ގުޅިގެން އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން، މިއަދު މަރަދޫ ފޭދޫ މެޖިސްޓްރޭޓު ކޯޓާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ކަޅު ހެދުން ލައިގެން ޑިއުޓީއަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

އެ މުވައްޒަފު ބުނީ ކޯޓުގެ ދަށް ރޭންކުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ގެންދާ 14،000 ރުފިޔާ މިހާރު ލިބޭނީ އެތައް ގަޑިއިރެއްގެ މަސައްކަތަށްފަހުގައި ކަމަށެވެ. ވީމާ، ގިނަ މުވައްޒަފުން މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މީގެ ކުރިން 14،000 ރުފިޔާ ވަރު ގެޔަށް ގެންދާ އެޑްމިނިސްޓްރޭޓަރުންނަށް މިހާރު އޯޓީ އާ ނުލައި 30،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އަދި، ޕޭ ހާމަނައިޒޭޝަންގެ ދަށުން ބޭސިކް ސެލަރީ ބޮޑުކުރުމާ ގުޅިގެން ޕެންޝަނަށް ކަނޑާނެ އިންސައްތަ ބޮޑުވުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކޮށްފައިވެއެވެ.

މުވައްޒަފު ކިޔާދިން ގޮތުގައި ކޯޓުގެ ގިނަ މުވައްޒަފުންނަކީ ރަސްމީ މަސައްކަތުގެ ވަގުތަށްފަހު ވެސް އެތައް ގަޑިއިރެއް ވަންދެން މަސައްކަތްކުރަން މަޖުބޫރުވާ މުވައްޒަފުންނެވެ. އެހެންވެ އޯޓީ 10 އިންސައްތައިން ކެޕް ކުރުމާ ގުޅިގެން އިދާރީ މުވައްޒަފުންނަށް މަހެއްގެ މައްޗަށް ލިބޭ މުސާރަ ކުޑަވާނެ ކަމަށް އޭނާ ބުންޏެވެ.

އެ މުވައްޒަފު ބުނި ގޮތުގައި ކޯޓުތަކުގެ މުވައްޒަފުންތަކެއް ދަނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީސް ހިމެނޭހެން 10 އިދާރާއަކަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. މިހާތަނަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 120 އަށްވުރެން ގިނަ މުވައްޒަފުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހަވީރު 16:00ގެ ފަހުން މި ލިބެނީ ކޮންޓިނިއުޓީ އެލަވަންސެއް. އެކަމަކު 16:00އިން 18:00އަށް އޯޓީ ނުހިނގާ. ދެން އޭގެ ފަހުން އިތުރަށް ދެ ގަޑިއިރު މަސައްކަތް ކޮށްގެން އޯޓީ ލިބޭނީ. ލަފާކުރެވޭ ގޮތުގައި އިދާރީ މުވައްޒަފުންގެ މަހު މުސާރައިން 4،000 ރުފިޔާ ވަރު މަދުވާނެ," ކޯޓުގެ މުވައްޒަފު ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ތައްޔާރުވެފައެވެ.